ޔުކްރެއިން ހަނގުރާމައިގައި ރަޝިއާ ބަލިވުމުގެ ފުރުސަތު ނުދޭނަން: ޗައިނާ

ބްރަސަލްސް (5 ޖުލައި 2025): ޔުކްރެއިން ހަނގުރާމައިގައި ހުޅަނގުގެ ކުރިމަތީގައި ރަޝިއާ ބަލިވާން ދޫކޮށް ނުލާނެކަމަށާއި އެއީ ޗައިނާގެ މަސްލަހަތަށް ނުރައްކާވާނެ ކަމެއްކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ވިދާޅުވެއްޖެއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ކާޔާ ކަލާސް އާ ބްރަސަލްގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލު ކުރެއްވުމުގައި ކާޔާ ކަލާސް ވަނީ އެމެރިކާއާއި ޔޫރަޕުން ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ރަޝިއާއަށް ނުކުރަނީ ޗައިނާ ރަޝިއާއާއެކު ބާއްވާ އިގުތިސާދީ ވަރުގަދަ ގުޅުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އެ ގުޅުންތައް ރަޝިއާ އާއެކު ނުބޭއްވުމަށް ޗައިނާގެ ކިބައިން އެދިވަޑައިގެންފައެވެ. ކާޔާ ވިދާޅުވިގޮތުގައި ޗައިނާ ރަޝިއާ އިގުތިސާދީ ގޮތުން ދުރައްޖެހިލައިފިނަމަ ޔުކްރެއިން ހަނގުރާމަ ކުރިޔަށް ނުގެންދެވޭ ވަރަށް ރަޝިއާ އިގުތިސާދީ ގޮތުން އިނދަޖެހިދާނެއެވެ. އެހެންކަމުން އެ ހަނގުރާމަ ހުއްޓުވުމަށްޓަކައި ޗައިނާ އިގުތިސާދީ ގޮތުން ރަޝިއާ އާ ދުރަށް ޖެހިލުން މުހިއްމު ކަމުގައެވެ. ނަމަވެސް ރައްދުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ވިދާޅުވީ ހަގީގަތުގައި ޔުކްރެއިންގެ ފަހަތުގައި ތިބީ އެމެރިކާއާއި ޔޫރަޕް ކަމަށެވެ. މިހަނގުރާމައިގައި ރަޝިއާ ބަލިވުމަކީ ހުޅަނގުގެ އަތްދަށުން ނުވަތަ ނޭޓޯގެ ރަޝިއާ ބަލިވުންކަމަށްވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ޔުކްރެއިން ހަނގުރާމައިގައި ރަޝިއާ ބަލިވެއްޖެ ހާލަތެއްގައި އެމެރިކާއާއި ޔޫރަޕް ނުވަތަ ނޭޓޯ ދެން އަސްކަރީ ގޮތުން ކުރިމަތިލާނީ ޗައިނާއާ ދެކޮޅަށް ކަމަށް ވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ހަނގުރާމައިގައި ރަޝިއާ ކުރި ހޯދުމަކީ ޗައިނާއަށް އޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވެރިޔާ ކާޔާ ކަލާސް އަށް ދެންނެވިއެވެ. ޗައިނާގެ ޚާރިޖީ ވަޒީރުގެ މި ވާހަކަތަކުގެ ސަބަބުން ކާޔާގެ މޫނުގެ ކުލަވަރަށް ބޮޑެތި ބަދަލުއައިސް ވަރަށް ކޯފާވިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކަނޑައެޅިފައިވާ ވަގުތަށްވުރެކުރިން ބައްދަލުވުން ނިންމި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ޔުކްރެއިން ހަނގުރާމައިގައި ޗައިނާއިން ރަޝިއާއަށް ސީދާ ގޮތެއްގައި އަސްކަރީ އެހީއެއް ނުދެއެވެ. އެއީ ރަޝިއާއަކީ އަމިއްލައަށް ހަތިޔާރު އުފެއްދުމާއި ހަތިޔާރުގެ ޓެކްނޮލޮޖީގައި ދުނިޔޭގެ ދެވަނަ ބާރުކަމަށްވެފައި ރަޝިއާއަށް ބޭނުންވާވަރަށް އެގައުމަށް ހަތިޔާރު އުފެއްދޭތީއެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް ލިބޭ ގެއްލުންތައް ފޫބައްދައިދެނީ ޗައިނާއެވެ. އެއީ ޗައިނާއިން ރަޝިއާގެ ތެލާއި ގޭސް ގަނެ އިގްތިސާދީ ގޮތުންތައް ކުރިޔަށްވުރެ ބޮޑަށް ރަޝީއާ އާ ބަދަހިކޮށްގެންނެވެ. ނަތީޖާ އެއްގެ ގޮތުން މިހަނގުރާމައިގާ ރަޝިއާ ވަނީ ޔުކްރެއިންގެ ބިމުގެ 20 އިންސައްތަ ހިފާފައެވެ. ހަނގުރާމަ ހުއްޓާލުމުގެ ޝަރުތެއްގެ ގޮތުން ރަޝިއާ ކަނޑައަޅާ ދެ ޝަރުތުގެ ތެރެއިން އެއްޝަރުތަކީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް ރަޝިއާގެ ތަންތަނަށް ހެދުމަށް ރަޝިއާ ނިންމާފައިވާ ނިންމުން ޔުކްރެއިން އާއި ހުޅަނގުން ގަބޫލުކުރުމެވެ. އަނެއް ޝަރުތަކީ ނޭޓޯގެ މެންބަރުކަން ޔުކްރެއިންއަށް ނުދިނުމެވެ. މިދެ ޝަރުތައްވެސް ޔުކްރެއިން އާއި ޔުކްރެއިންގެ ފަހަތުގައިވާ އެމެރިކާއާއި ޔޫރަޕް ގެންދަނީ ދެކޮޅު ހަދަމުންނެވެ. އިއްޔެ ރަޝިއާ ވަނީ ޔޫކްރެއިން ހަނގުރާމައިގައި މިހާތަނަށް ނުދޭވަރުގެ ގަދަފަދަ ހަމަލާތަކެއް ޔޫކްރެއިންއަށް ދީފިއެވެ. ފަސްސަތޭކައަށް ވުރެގިނަ ޑްރޯން އާއި ގިނަ އަދަދެއްގެ މިސައިލް ބޭނުންކޮށްގެން ރަޝިއާ މި ހަމަލާތައް ދީފައިވަނީ ރައީސް ވްލަޑްމީރު ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެ ބޭފުޅުން ޔުކްރެއިން ހަނގުރާމައާބެހޭގޮތުން ފޯނުން އެއްގަޑީއިރު ވަންދެން ވާހަކަ ދެއްކެވިތާ ހައެއްކަ ގަޑީއިރު ތެރޭގައެވެ. ޓްރަމްޕް އާ ފޯނުން ދެއްކެވި ވާހަކައިގައި ޕޫޓިންވަނީ ރަޝިއާގެ މަގްސަދުތައް ހާސިލް ނުކުރެވޭނީސް ހަނގުރާމަ ހުއްޓާނުލާނެކަން ޓްރަމްޕަށް ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ