މަގަށް ނިކުންނަން ބިރުގަންނަވަރުކޮށްފި، މިފަހަރު ރޭސަރުންނެއް ނޫން!

ސައިކަލެއް ދުއްވަން ޖެހިލުންވާ މީހުން، އެ ކަން ނުކުރާ އެއް ސަބަބަކީ އެކްސިޑެންޓެއް ވުމުގެ ބިރުން އޮތުން ކަމަށް ވެދާނެއެވެ. އެކަމަކު މަގުމަތީ ހިނގަހިނގާ ހުއްޓައި ވެސް، މަގުމަތިން ތިމާ ގޮވައިގެން ދާނެތީ މިހާރު މި އޮތީ ބިރުގަންނަން ޖެހިފައެވެ. މި ނިމުނު ހަފުތާ ތެރޭ ހިނގި އެކްސިޑެންޓުތަކާއި، ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯތަކުން، އެ ބިރު އިތުރަށް ބޮޑުވެއްޖެއެވެ. ނުރައްކާތެރި އެކްސިޑެންޓުތަކެއް މިދިޔަ އަންގާރަ ދުވަހު އައްޑޫ ސިޓީގައި ހިނގި އެއް އެކްސިޑެންޓުގައި ފެންނަނީ، ދެކޮޅަށް ދުއްވާ މަގެއްގައި، މަގުގެ މެދު ނުވަތަ ސެންޓާލައިނާ ކައިރިން އަނެއް ލޭނަށް ކިރިޔާ ނާރާވަރަށް މެދުން ދިޔަ ސައިކަލެއް، އޯވާޓޭކް ކުރަން ބާރަށް ދުއްވި ސައިކަލެއް، އެ ސައިކަލުގައި އަޅައިގަނެ، ނުރައްކާތެރި އެކްސިޑެންޓެއް ހިނގިތަނެވެ. މަޑުން ދިޔަ ސައިކަލު ދުއްވަން އިން މީހާ ވެއްޓި، މޫނުމަތި ތާރުގަނޑުގައި ގޭނިފައި ކުރިއަށް ދިޔައެވެ. އޯވާޓޭކްކުރި ސައިކަލު ވެސް ބެލެންސް ކަޓައި ވެއްޓޭކަން އެ ވީޑިއޯއިން އެނގެއެވެ. އެހެން އެކްސިޑެންޓަކުން ފެންނަނީ، ހަމަ އައްޑޫގައި، މަގު ހުރަސްކުރަމުން ދިޔަ 74 އަހަރުގެ އުމުރުން ދޮށީ މީހެއްގެ ގައިގައި ސައިކަލުން ޖެހި އެ މީހާ ވެއްޓޭ ތަނެވެ. ސައިކަލު ވެސް ވެއްޓެއެވެ. މަގު ހުރަސްކުރި މީހާ ގައިގައި ޖެހެނީ، ޕޭމަންޓަށް އަރަން ކައިރިވެފައިވަނިކޮށެވެ. އައްޑޫގައި ހިނގި އެކްސިޑެންޓު -- ދެން ހިނގި އެކްސިޑެންޓު ހިނގީ މާ އާދަޔާ ޚިލާފު ގޮތަކަށެވެ. މަގުގެ އެއް އަރިމަތީގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއް މެދުގައި މީހަކު މަޑުކޮށްލައިގެން ހުއްޓެވެ، ދެން ފެންނަނީ ޕޭމަންޓާ ކައިރިކުރަން އައި ކާރެއް ކޮންޓްރޯލުން ނެއްޓި ސައިކަލުތަކާއެކު އެ މީހާ ގައިގައި ޖެހި، ފިތި، ސައިކަލުތައް މަތިން ގޮސް މަގުގެ އަރިމައްޗަށް ވެއްޓޭ ތަނެވެ. ވެއްޓުނުހާ އަވަހަށް އޭނާ ތެދުވި ނަމަވެސް އެތައް އަނިޔާއެއް އެ މީހާއަށް ލިބިފައިވެއެވެ. ފޭސްބުކުގައި އޭނާގެ ދަރިފުޅު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ފައިގެ އެތައް ދިމާއަކުން ވަނީ ފްރެކްޗާވެފައެވެ. ފުވައްމުލަކުގައި ހިނގި އެކްސިޑެންޓު -- ހަމައެއާއެކު މީގެ ހަފުތާއެއްހައި ދުވަސްކުރިން، ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއެކު ވެސް މި ބިރު އިތުރަށް މި ވަނީ ބޮޑުވެފައެވެ. ލައިސަންސް ނެތް ދެ ދަރިވަރުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޖެހުނީ، މަގުމަތީ ކަސްރަތަށް ހިނގަން ނިކުމެ އުޅުނު ޓީޗަރަކާއި ސްކޫލް ޕްރިންސިޕަލް ގައިގައެވެ. ކުއްޖަކަށާއި، ޓީޗަރަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އޭގެ މާ ކުރިން 2023ވަަނަ އަހަރު، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްކަމަށް އަލީ ހަފިޒު މާލޭ، ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށްފަހު، ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހި ހާލު ސީރިއަސްވިއެވެ، ބޮލާއި މޫނަށް ސީރިއަސް އަނިޔާތަކެއްވެ، ރާއްޖޭން ބޭރުގައި ވެސް ފަރުވާ ދިނެވެ. މިފަދަ އެތައް އެކްސިޑެންޓެއް މިފަހުން ހިނގައިފިއެވެ. މި އެކްސިޑެންޓުތައް މި ހިނގަނީ ހޭލުންތެރި ވެސް ކުރުވަނިކޮށެވެ. ސަމާލުވާން ޖެހޭ ކަންކަން ތަކުރާރުކޮށް ހަނދާން ވެސް ކޮށްދެނިކޮށެވެ. އެކްސިޑެންޓުތައް ހިނގުމުގެ ޒިންމާ އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވަމުން ވެސް ދަނިކޮށެވެ. ނަމަވެސް އަސްލު ސަބަބީ ކޮބައިހެއްޔެވެ؟ "މައްސަލައަކީ ފަރުވާ ކުޑަކަމާއި ބޯނުލެނބުން" އާންމުކޮށް އެކްސިޑެންޓެއް ހިނގުމާއެކު އެންމެ ފުރަތަމަ ވެސް ގިނަ ބައެއްގެ ވިސްނުމަށް އަންނާނީ "އެ ވާނީ ރޭސް ކާރެއް ނޫނީ ސައިކަލެއް" ދުއްވި މީހެއް މާ ބާރަށް ނުބަލައި ދުއްވީ ކަމަށެވެ. ނޫނީ، ޒުވާނަކު މާ ބާރަށް "ފޮނި ދުއްވުމެއް" ދުއްވަން އުޅުނީ ކަމަށެވެ. ފަހަރުގައި އެއީ، މާލެއާއި ހުޅުމާލެއާއި، އަތޮޅު ތެރޭގައި ވެސް ތާރުއެޅި ޒަމާނީ މަގުތަކުގައި މިފަދައިން ދުއްވާ ތަން ފެނުން އާންމުވީމައެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ، އެކްސިޑެންޓަކަށް މެދުވެރިވުމަކީ ވަކި އުމުރަކާއި، ވަކި ވައްތަރެއްގެ ވެހިކަލަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމެވެ. ޓްރެފިކް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ ފުލުހުންގެ ސަބްއިންސްޕެކްޓަރު ހުސައިން އަސްލަހު "ސަން"އަށް ދެއްވި އިންޓަވިއުގައި ވެސް ތަކުރާރުކުރެއްވި އެއް ކަމަކީ ފަރުވާކުޑަކުރުމާއި، ކަން ފަސޭހައަކަށް ގަވައިދުތަކަށް ބޯނުލެނބުމެވެ. އެގޮތުން ކަފިހި ހުރަހަށް މަޑުނުކޮށް ދުއްވުމުގެ ސަބަބުން ހުރަސްކުރާ މީހުންނަށް އަނިޔާވުމުގެ އެކްސިޑެންޓުތައް އާންމު މި ދުވަސްވަރު، އައްޑޫގައި، ކަފިހި ހުރަސްމަތިން ހިނގި އެކްސިޑެންޓު މިސާލަކަށް ނަންގަވަމުން އަސްލަހު ވިދާޅުވީ އެ އެކްސިޑެންޓު ހިނގުމުގެ ކުރިން ސައިކަލު ދުއްވި މީހާއަށް މަގު ހުރަސްކުރި މީހާ ފެންނާނެ ކަމަށެވެ. ނަމަވެސް އެ އެކްސިޑެންޓު ހިނގީ ފަރުވާކުޑަކޮށް، މަޑުނުކުރުމުން ކަމަށެވެ. ސަން އޮންލައިންގެ 'އެޑިޓަރުގެ ސުވާލު" ޕްރޮގްރާމަށް މީގެ ކުރިން އަސްލަހު އިންޓަވިއުދެއްވަނީ -- ސަން ފޮޓޯ "މީހާ މަގު ހުރަސްކޮށް ނުނިމެނީސް، ނޫނިއްޔާ އެ މީހުންނަށް ހީވީ ކަންނޭނގެ ދެވިދާނޭ އޭނާގެ ފަހަތުން. ތަންކޮޅެއް މަޑުމަޑުން އުމުރުން ދުވަސްވީ މީހަކު މި ދިޔައީ. އަޅުގަނޑަށް ބުނެވޭނީ އެއަށް ބަލާއިރު ވެސް، އެ މީހާގެ ފަރުވާކުޑަކަމުންނޭ އެކްސިޑެންޓު ހިނގައިފައި މިވަނީ،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޯވާޓޭކް ކުރުމުގެ ތެރޭގައި ވެސް އެކްސިޑެންޓުތައް އާންމުއިރު، އޯވާޓޭކް ކުރުމުގެ ގަވައިދަށް ފަރުވާތެރިނުވުމަކީ އެންމެ ބޮޑު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ ހަފުތާގައި އައްޑޫގައި ހިނގި އެ އެކްސިޑެންޓަށް އަލިއަޅުވައިލައްވަމުން އަސްލަހު ވިދާޅުވީ، އެ އެކްސިޑެންޓުގެ ފުޓޭޖުން ވެސް ފެންނަ ގޮތުގައި ދެ މީހުން ވެސް ދުއްވައިފައި ދަނީ މަގު މެދުން ކަމަށެވެ. "އެއީ ހަމަ ނުރައްކާތެރި އެކްސިޑެންޓުތައް ދިމާވާން މެދުވެރިވާ އެންމެ ބޮޑު ސަބަބު. އަދި އޯވާޓޭކް ކުރުމުގައި ނޫނަސް،" އަސްލަހު ވިދާޅުވިއެވެ. އަސްލަހު ވިދާޅުވީ، މަގުމެދުން، މަގުގެ ސެންޓާލައިނާ ކައިރިން ދިޔުމަކީ ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވާ އެންމެ ބޮޑު ސަބަބު ކަމަށެވެ. ހައިވޭތަކާއި، މާލޭގެ ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްދާއި އެ ނޫން ވެސް ބޮޑެތި މަގުތަކުން އެ ކަން ފާހަގަވާކަމަށް އަސްލަހު ވިދާޅުވިއެވެ. އަސްލަހު ވިދާޅުވީ މަގުމަތީގައި ކޮންމެ ބާވަތެއްގެ އުޅަނދެއް ވެސް ދުއްވުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކެއް ހުންނަ ކަމަށެވެ. އެންމެ މުހިންމީ އެ ކަމަށް ސަމާލުވުންކަމަށް ވިދާޅުވިއެވެ. ހޭލުންތެރިކުރެވޭ، ބަދަލަށް ހިޔަނިއެޅެނީ ފަރުވާކުޑަވީމާ އަސްލަހު ވިދާޅުވީ، ކިތަންމެ ގިނައިން ހޭލުންތެރިކުރުވައި، އެކި ތަންތަނުގައި ރައްކާތެރިކަމުގެ މެސެޖުތައް ލިޔުނު ނަމަވެސް، އެކްސިޑެންޓުތައް މަދުނުވާ ސަބަބަކީ ފަރުވާ ކުޑަވުން ކަމަށެވެ. "އަޅުގަނޑުމެން ހަމަ ފުދޭވަރަކަށްވުރެ ގިނަ ޕްރޮގްރާމްތައް އެބަ ހިންގަން. އެވެއާކުރުމާއި ގާނޫނުތަަކަށް މީހުން އަހުލުވެރިކުރުމަށް. އެކަމު މި ވާގޮތަކީ އަޅުގަނޑުމެން ކިތަންމެ ވަރަކަށް ކިޔައިދިނަސް އެ އަމަލުކުރަން ތިބޭ ބަޔަކު މި ކަންކަން އިސްލާހުކޮށްގެން ދެއްތޯ ވާނީ،" އަސްލަހު ވިދާޅުވިއެވެ. https://sun.mv/206391 އެހެންވެ އެންމެ ބޮޑަށް އެދިލައްވާ އެއްކަމަކީ އަމިއްލަ ޒިންމާ އަދައިކޮށް އަމިއްލަ އާއިލާއާއި އެކުވެރިންނަށް ވެސް ގަވައިދަށް ހިތުމަށް ނަސޭހަތްތެރިވުންކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/FaisalNasym/status/1940644674072449496 މި އެކްސިޑެންޓުތަކާ ގުޅިގެން ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ، އަދި ފުވައްމުލަކުގައި ވެސް މަގުމަތީގެ ސަލާމަތަށް ޓަކައި ގިނަ ކަންތައްތަކެއް ކޮށްދެއްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ރަށްރަށުގައި ވެހިކަލްތައް އިތުރު ވަމުންދާއިރު ޓްރެފިކް ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރު ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. މުއައްސަސާތަކާއި، ރައްޔިތުން ވެސް ޒިންމާ އަދައިކުރަން އެދިވަޑައިގެންފައެވެ. އަދި މަގުތަކަކީ ބިރުވެރި ތަނެއްގެ ގޮތުގައި އޮތުމަކީ ދެރައެއްކަމަށް ވިދާޅުވިއެވެ. މަގުމައްޗަކީ އެންމެންގެ ތަނެކެވެ. ކުޑަކުދިންނާއި، ބޮޑެތި މީހުންނާއި، ދުއްވަން ފަރިތަ މީހުންނާއި، އަލަށް ލައިސެންސް ލިބި ދުއްވާ މީހުން ވެސް އުޅޭ ތަނެކެވެ. މިއީ މަގުމައްޗަށް ނިކުންނަ ކޮންމެ މީހަކު ވެސް ދަންނަން ޖެހޭނެ ކަމެކެވެ. މަގުމައްޗަކީ ރޭސިން ސްޓޭޑިއަމެއް ވެސް ނޫނެވެ. ފޮނިކޮށް ދުއްވުމާއި، ނުގަވައިދުން ދުއްވުން ހުއްޓަން ޖެހެއެެވެ. މަގުމަތީގެ ނިޝާންތަކަށާއި ގަވައިދުތަަކަށް ބޯލަނބަން ޖެހެއެވެ. ފަރުވާކުޑަކުރުން ދޫކޮށް ގަވައިދަށް އަމަލުކުރުމުގެ ތަހުޒީބީ ވިސްނުން ގެންގުޅެންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ