އާސަންދައިގެ ދަށުން އައިނު ހެއްދޭ ގޮތަށް ގާއިމް ކުރި ސަރުކާރުގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
އެ ފިހާރަ ރައީސް ހުޅުއްވައިދެއްވާފައިވަނީ މިކަމަށްޓަކައި، މިއަދު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ފިހާރަ ބައްލަވާލައްވާފައެވެ.
އަދި އެމަނިކުފާނު ވަނީ އެ ފިހާރައިން ހިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ، އައިނު ހަވާލުކޮށްދެއްވާފައެވެ.
އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ މޭ މަހުގެ 31 ގައެވެ.
ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ގާއިމުކުރި، އެމްސީޖީއެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދެމުންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވަނީ، އޮގަސްޓް މަހު ހުޅުމާލޭގައި، އަދި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް، އައިނު ހެއްދުމުގެ ހިދުމަތް ފައްޓަވައިދެއްވާނޭކަން އިއުލާންކުރައްވާފައެވެ.
އައިޖީއެމްއެޗުގައި އެ ހިދުމަތަށް ފިހާރައެއް ގާއިމުކުރުމުގެ ބޭނުމަކީ ނަންބަރު އައިނަށް ދޭ އާސަންދައިގެ އަދަދު ބޮޑުކުރުމުން، އޭގެ ނާޖާއިޒު ފައިދާ އަމިއްލަ ވިޔަފާރިތަކުން ނަގަން ފުރުސަތު ނުދިނުމުގެ ބޭނުމުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދޭ ފިހާރަ އައިޖީއެމްއެޗްގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ