އާ ސީޒަނަށް ތައްޔާރުވުމަށް ކުޅޭ މެޗުތަކުން އާސެނަލްއަށް ދެވަނަ މޮޅު

އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންގްލިޝް ޕްރިމިއާ ލީގުގެ ދެ ކްލަބް ކަމަށްވާ އާސެނަލް އާއި ނިއުކާސްލް ޔުނައިޓެޑް އޭޝިއާއަށް ކުރަމުންދާ ޓުއާގައި ބައްދަލުކުރި ރަހްމަތްތެރިކަމުގެ މެޗު އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. ސިންގަޕޫރުގައި ކުޅުނު މިމެޗު އާސެނަލް އިން ކާމިޔާބުކޮށްފައި ވަނީ ފަހަތުން އަރާ ތިން ލަނޑު ދެ ލަނޑުންނެވެ. މިމެޗު ފެށުމުގެ ކުރިން ހުރިހާ ސުރުހީތަކެއް ވެސް ބިނާވީ މިދެ ޓީމުގެ ސްވިޑްން ފޯވަޑުންގެ މައްޗަށެވެ. މިގޮތުން އާސެނަލްއިން ސްވިޑްންގެ ފޯވަޑް ވިކްޓާ ގިޔޮކެރޭސް އެޓީމަށް ސޮއިކޮށް މިމެޗު ފެށުމުގެ ކުރިންވަނީ ކުޅިބެލުންތެރިންނަށް އާންމުކޮށް ދައްކާލައިފައެވެ. އަދި ނިއުކާސްލްއަށް ބަލާއިރު އެޓީމުގެ ހުނަރުވެރި ސްވިޑްން ފޯވަޑް އެލެގްޒެންޑާ އިސާކްވަނީ އެޓީމު ދޫކޮށް ދިއުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އެހެން ކަމުން ނިއުކާސްލްގެ މިދަތުރުގައި އިސާކް ބައިވެރިކޮށްފައެއް ވެސް ނުވެއެވެ. މިހުރިހާ ކަމަކާއެކު ވެސް ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެންދިޔަ މިމެޗުގެ ފެށުން ރަނގަޅުވީ ނިއުކާސްލްގެއެވެ. މިގޮތުން މެޗުގެ ހަވަނަ މިނެޓުގައި ނިއުކާސްލް އިންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމާ އަލަށް ގުޅުނު ސްވިޑްންގެ އެހެން ފޯވަޑެއް ކަމަށްވާ އެންތަނީ އެލަންގާއެވެ. މިލަނޑާއެކު ނިއުކާސްލްއިން މެޗުގެ ލީޑު ނެގި ނަމަވެސް މެޗުގައި ރަނގަޅަށް ކުޅނީ އާސެނަލް އިންނެވެ. މިއާއެކު ވެސް ކައުންޓާ އެޓޭކްތަކުގައި ނިއުކާސްލް އިން ދިޔައީ އާސެނަލްއަށް ނުރައްކާ ކުރަމުންނެވެ. މިމެޗުގައި އާސެނަލްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 33ވަނަ މިނެޓުގައި މިކޭލް މެރީނޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިލަނޑު ޖެހިތާ ދެ މިނެޓް ފަހުން ކައި ހަވާޓްޒް ނިއުކާސްލްގެ ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ވަނީ ނިއުކާސްލްގެ އެލެކްސް މާފީ އަތުން ބައިކޮޅަށް ވަދެ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބިފައެވެ. މިމެޗުގައި ނިއުކާސްލްއިން އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 58ވަނަ މިނެޓުގައި ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޭކޮބް މާފީއެވެ. މިމެޗުގައި ނިއުކާސްލްއަށް މެޗުގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް އެކަން އެޓީމަށް ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގައި ދެން ފެނުނީ އާސެނަލްގެ 15 އަހަރުގެ ޒުވާން ހުނަރުވެރިޔާ މެކްސް ޑޯމަންގެ މޮޅު ކުޅުމެވެ. މިމެޗުގައި އާސެނަލްއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ޑޯމަންއަށް ނިއުކާސްލްގެ ޖޯލިންޓަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދީ މިމެޗުން އާސެނަލް މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑްއެވެ. މިކާމިޔާބީ އާއެކު އާސެނަލްއިން މިވަނީ މިހާތަނަށް އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ދެމެޗު ވެސް ކާމިޔާބު ކޮށްފައެވެ. އެއީ މިދިޔަ ބުދަދުވަހު އޭސީ މިލާންގެ މައްޗަށް ހޯދި ކާމިޔާބީ އާއެކުއެވެ. ނިއުކާސްލްއަށް ބަލާއިރު އެޓީމު މިވަނީ ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެފައެވެ. ނިއުކާސްލް ވަނީ މިދިޔަ ހަފުތާގައި ސެލްޓިކް އަތުން ވެސް ބަލިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ