ބާސެލޯނާއާއި ވިސެލް ކޯބޭ ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗު ބާސެލޯނާ ކާމިޔާބުކޮށްފި

އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އޭޝިއާއަށް މިހާރު ކުރަމުންދާ ޕްރީ ސީޒަން ޓުއާގައި ޖަޕާންގެ ވިސެލް ކޮބޭއާ ބައްދަލުކުރި ރަހްމަތްތެރިކަމުގެ މެޗު ކާމިޔާބުކޮށްފިއެވެ. ޖަޕާންގެ ކޯބޭގައި ކުޅުނު މިމެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 33ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެރިކް ގާސިއާއެވެ. ނަމަވެސް ވިސެލް ކޯބޭއިންވަނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓައިސެއި މިޔަޝީރޯއެވެ. މިމެޗުގެ ދެވަނަ ހާފަށް ބާސާގެ ކޯޗު ހާންސީ ފްލިކްވަނީ ފުރަތަމަ ހާފުގައި ކުޅުނު 11 ކުޅުންތެރިން ވެސް ބަދަލުކޮށްފައެވެ. މިއާއެކު ދެވަނަ ހާފުގައި އެޓީމާއި އަލަށް ގުޅުނު ދެ ކުޅުންތެރިންކަމަށްވާ މާކަސް ރަޝްފަޑް އާއި ސްވިޑްންގެ ޒުވާން ކުޅުންތެރިޔާ ރޫނީ ބާޑްގަޖީއަށް ވަނީ ފުރަތަމަ ފަހަރަށް ބާސާގެ ޖާޒީގައި ކުޅުމުގެ ފުރުސަތު ލިބިފައެވެ. މީގެއިތުރުން މިމެޗުގެ ފުރަތަމަ ހާފުގައި ބާސާއިންވަނީ އެޓީމާ އަލަށް ގުޅުނު ގޯލް ކީޕާ ހޮއާން ގާސިއާއަށް ފުރަތަމަ ފަހަރަށް އެޓީމަށް ކުޅުމުގެ ފުރުސަތު ދީފައެވެ. ރަޝްފަޑް އަކީ 1980 ވަނަ އަހަރު ގެރީ ލިނެކާ ބާސާއަށް ކުޅުނު ފަހުން އެޓީމަށް ކުޅުނު އިންގްލަންޑްގެ ފުރަތަމަ ކުޅުންތެރިޔާއެވެ. މިމެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ގިނަ ބަޔެއްގެ ނަޒަރު ހުއްޓުނީ އަލަށް ކުޅެމުންދިޔަ ރޫނީ އަށެވެ. މިގޮތުން ރޫނީވަނީ މެޗުގެ 77 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ބާސާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މިލަނޑު ޖެހުމުގައި ރަޝްފަޑް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިމެޗުގައި ބާސާގެ ފަހު ލަނޑު މެޗުގެ 87ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބާސާގެ ޔޫތު އެކަޑަމީއިން ސީނިއާ ޓީމާއި ގުޅިފައިވާ އުމުރުން 17 އަހަރުގެ ޑްރޯ ފެނާންޑޭޒްއެވެ. ބާސާއިން އޭޝިއާއަށް މިހާރު ކުރަމުންދާ ޕްރި ސީޒަން ޓުއާގައި ދެން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ދެކުނު ކޮރެއާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ