ޔޫރޯ ވިމެންސް 2025: މުބާރާތުގެ ޗެންޕިއަންކަން އިންގްލޭންޑުން ހޯދައިފި

ސްވިޒަލޭންޑްގައި މިހާރު ކުރިއަށްދާ ޔުއެފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތް 2025 ފައިނަލުގައި ސްޕެއިން އާއި އިންގްލޭންޑް ވާދަކުރި މެޗު 1-1 ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން މޮޅުވެ އިންގްލޭންޑުން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
މުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެންޕިއަން އިންގްލޭންޑް ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އިޓަލީ ބަލިކުރުމަށްފަހު އެވެ. އަދި އެންމެ ފަހުގެ ވޯލްޑްކަޕް ޗެންޕިއަން ސްޕެއިން ފައިނަލުން ޖާގަހޯދީ މުބާރާތުގެ އެންމެ ކާމިޔާބު ޖަރުމަނު ސެމީފައިނަލްގެ ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްޕެއިން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެރިއޯނާ ކަލްޑެންޓޭ އެވެ. އަދި އިންގްލެންޑުން ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލެސިއާ ރުސޯ އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ކުޅުން ވެސް ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އިންގްލެންޑްގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ސްޕެއިންގެ ފުރަތަމަ ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.
މި ކާމިޔާބީއާއެކު އިންގްލޭންޑްގެ ކޯޗު ސަރީނާ ވީގްމަން ވަނީ ތިންވަނަ ފަހަރަށް ޔޫރޯ ކާމިޔާބުކުރި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނިފައެވެ . މީގެ ކުރިން މި ރެކޯޑު ހާސިލުކޮށްފައިވަނީ ގެރޯ ބިސަންޒް (1989، 1991، 1995) އަދި ޓީނާ ތެއުނެ (1997، 2001، 2005) އެވެ. އަދި މިއީ ވީގްމަންގެ އިރުޝާދުގެ ދަށުން އިންގްލޭންޑުން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ