ދެމީހުންނަށް ލޯބިވެވުނީ ހެއްޔެވެ؟ ގުޅެން ބޭނުންވީ ހެއްޔެވެ؟ އިން ޝާ ﷲ މިއޮތީ ހުރިހާ ކަމެއް ފަސޭހަވެ ކައިވެނީގަ ބަރަކާތް ލައްވަވާނެ މަގު!

މިޘާލަކަށް ބުނާނަމަ ކުޑަ ރިހަފޮދެއް ކަންކަން އުދާފައި އެއިގެ ތެރެއަށް ލޮނު ޕެކެޓެއް އެއްކޮށް އަޅާލައިފިނަމަ އެއިގެ ލޮނު ހެޔޮވަރުކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ލޯބިވެވިއްޖެނަމަވެސް ވިސްނާލަންވީ ހަމަ މިމޭރުމުންނެވެ. ލޯތްބަކީ ޠޯހިރު އެއްޗެކެވެ. ނަމަވެސް ފުރަތަމަ ނަޖިސްކުރެވިއްޖެނަމަ ޠޯހިރު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.  
އެހެންކަމުން ފުރަތަމަ ކަމަކަށްވެސް ހިތްމައްޗަށް ގެންނަންވީ ތިމާ ކުރާ ހުރިހާ ޢަމަލުތަކެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ކަމެވެ. ރޭގަނޑުގެ ދަންވަރުގެ ވަޤުތެއްގައި ކުރިނަމަވެސް ކޮންމެ ވަޤުތެއްގައިކުރި ނަމަވެސް އަދި ކިތަންމެ ސިއްރުން ކިތަންމެބޮޑަށް ތަޅުލެވި ބަންދުކުރެވި ތަޅުލެވިފައިވާ ތަނެއްގައި ކުރިނަމަވެސްމެއެވެ.  
ހަމައެއާއިއެކު ތިމާއަށް ނުފެނުނު ނަމަވެސް ތިމާ އާއިއެކުގައި 2 މަލާއިކަތުން އަބަދުވެސް ވާކަމާއި ތިމާ ކުރާ ކިތަންމެ ކުޑަ ޢަމަލެއްވިޔަސް ބޮޑު ޢަމަލެއް ވިޔަސް އެ މަލާއިކަތުން ތިމާގެ ފަތުގައި ލިޔުއްވަވަމުން ގެންދަވާނެކަންވެސް ޤަބޫލުކުރާނެއެވެ. އަދި ޤިޔާމަތް ދުވަހުން އެ ފަތް ތިމާގެ އަތަށް އަރާނެކަމާއި ކުރެވިފައިވާ ހުރިހާ ޢަމަލުތަކަށް ޖަވާބުދާރީވާން ޖެހޭނެކަންވެސް ޤަބޫލުކުރާނެއެވެ. މިއިން އެއްވެސް ކަމަކަށް އެއްވެސް މުސްލިމަކު އެއްވެސް މިންވަރަކަށް ޝައްކެއް ނުކުރާނެއެވެ.  
މުޖުތަމަޢުތަކުގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެކަން (ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގަން) ބޭނުންވަނީ ފިރިހެނުން ނުވަތަ އަންހެނުން ކަމަށް ބުނެވޭކަށް ނެތެވެ. ފިރިހަނަކުވިޔަސް އަންހެނަކުވިޔަސް އެކަމަށް އިސްނަގައިފާނެއެވެ. އެހެނީ އެއްވެސް މައްސަލައެއް ކަމަށް ޤަބޫލުނުކުރާ މީހުން ގިނަވަމުން އަންނާތީއެވެ.  
އެހެންވެ އަހުރެންގެ ބަސް މިއަމާޒުކުރަނީ ފިރިހެނުންނަށާއި އަންހެނުންނަށެވެ. ކައިވެންޏަށްފަހު އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ކައިވެނީގެ ބޭރުން އެބާވަތުގެ އެއްވެސް ފާފައެއް ނުކުރާށެވެ! އެއީ އެއްވެސް ކަމެއް ނޫންކަމަށާއި އެއީ މާބޮޑު ފާފައެއް ނޫންކަން ޝައިޠޯނާ ވިސްނައިދޭނެއެވެ. އަދި ފާފައެއް ކުރެވުނަސް ތައުބާވުމުން ފާފަފުއްސަވައިދެއްވަވާނެކަންވެސް ވިސްނައިދޭނެއެވެ. އެހެންވެ ފަށްފަށުން ތަކުރާރުކޮށް ބުނަމެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްލޭށެވެ! ފާފައެއް ނުކުރާށެވެ! ސާފު ޠޯހިރުކަންމަތީގައި ތިބެގެން ކައިވެނިކުރާށެވެ.  
ކައިވެނިކުރުން ދީނުގައި އެހައި ބޮޑަށް ފަސޭހަ ކުރައްވަވާފައިވަޏީވެސް ހަމަ އެ ސަބަބަށްޓަކައެވެ. ދެމީހަކު ރުހިއްޖެނަމަ އަވަހަށް ކައިވެނިކުރަން ފަސާހަކޮށްދިނުމަށެވެ. ވީމާ ކައިވެނިކުރާނީ އެވެނިކަމެއް ޙާޞިލުކުރެވުމުން ނުވަތަ މިވެނި ކަމެއް ޙާޞިލުވުމުން ނުވަތަ އެކުގައި މިހައި ދުވަހު އުޅުމަށް ފަހުގައި ކަމުގެ ނުބައި ވިސްނުން ނުގެންގުޅޭށެވެ. ދެމީހުން ރުހިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ކައިވެނިކުރަން އަވަސްވެގަންނާށެވެ!  
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ އެކަލާނގެ ރުހިވޮޑިގަތުން ލިބުމުން ދެމީހުން ބޭނުންވާ ހުރިހާ ކަންކަންވެސް ދާނީ ޙާޞިލުކުރެވެމުންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ