ހުޅުމާލޭގެ ދެ ފިޔަވައްސަކީ ދިވެހިރާއްޖޭގައި އެންމެ ހަލުއިކޮށް މީހުން އާބާދުވަމުންދާ ސިޓީއެވެ. ކޮންމެ މަަހަކު ގިނަ އަދަދެއްގެ ބަޔަކު އެ ސިޓީއަށް އަންނަނީ ހިޖުރަކުރަމުންނެވެ. މާލެއާއި އަތޮޅު ތެރެއިންނެވެ. މިފަދަ ބޮޑު އާބާދީއެއް ގާއިމުވެގެންދާއިރު، އެ ސިޓީގައި އަސާސީ ހިދުމަތްތައް އެކަށީގެންވާ މިންވަރަށް ގާއިމުވުމަކީ މުހިއްމު ކަމެކެވެ.
ކިޑްނީ ބައްޔަކީ ނިސްބަތުން ދިވެހިންގެ މެދުގައި އާއްމު ބައްޔެކެވެ. އެހެންކަމުން ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއެކު މި ބަލީގެ ފަރުވާއަށް ބޭނުންވާ މީހުން އެ ސިޓީގައި ދިރިއުޅޭ މިންވަރުވެސް އަންނާނީ އިތުރުވަމުންނެވެ. ފާއިތުވި ދިހަ ވަރަަކަށް އަހަރު އާބާދީއަށް އައި ބަދަލާ މުނާސަބު ގޮތެއްގައި މި ހިދުމަތް އޮތީ ތަރައްގީނުކުރެވިއެވެ.
ހުޅުމާލޭގައި އެންމެ ފުރަތަމަ ޑައިލަސިސް ހިދުމަތް ދޭން ފެށީ ހަތަރު އެނދާއެކު 2012 ވަނަ އަަހަރުއެވެ. އޭގެ ފަހުން ދަހަރަކާއި އަހަރުތަކެއް ފާއިތުވިއިރު އެ ހިދުމަތަށް އިތުރުކުރެވުނީ އެންމެ ހަ އެނދެވެ. ޖުމްލަ 10 އެނދާއެކު ހިންގަމުން އައި ޑައިލަސިސް ޑިޕާޓުމެންޓު ނުވަތަ ސެންޓަރަކީ އާބާދީގެ ބޭނުންތަކާ ފައިހަމަވާ ގޮތަށް ހުރި ތަނެއް ނޫނެވެ.
ހުޅުމާލޭ ޑައިލަސިސް ސެންޓަރު ރައީސް ޑރ.މުޢިއްޒު ބައްލަވައިލައްވަނީ، ފޮޓޯ: ރައީސް އޮފީސް
މިކަން ވިސްނިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާއެކު މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފެށި އެއް މަސައްކަތަކީ އެ ސިޓީގައި ރަނގަޅު ފެންވަރުގެ ޑައިލަސިސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތެވެ. ރައީސް މުއިއްޒު އެ ސެންޓަރު އިފުތިތާހުކޮށްދެއްވާފައިވާއިރު، މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެކެވެ.
މި ޑައިލަސިސް ސެންޓަރުގައި 30 އެނދު ހުންނާނެއެވެ. އެ ތަނުގައި ހިދުމަތް ފޯރުކޮށްދިނުމަށް މަލްޓި ޑިސިޕްލިނަރީ ޓީމެއް ހަރަކާތްތެރިވާނެއެވެ. އެ ޓީމުގައި، ނެފްރޯލޮޖިސްޓުންނާއި، މެޑިކަލް އޮފިސަރުންނާއި، ޑައިލަސިސްގެ ފަރުވާތައް ފޯރުކޮށްދިނމަށް ތަމްރީނު ދީފައިވާ ނަރުހުންވެސް ހަރަކާތްތެރިވާނެއެވެ.
އެ މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދީ އަދާހަމަކުރުމަށް ހަމަަޖެހިފައިވާކަމށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި އެތަނުގައި ފޯރުކޮށްދޭ ހިދުމަތަކީ ބަލިމީހާއަށް އިސްކަަންދީގެން ބަލިމީހާގެ ބޭނުންތައް ވަށައިގެން ހިދުމަތްތައް ބައްޓަންކުރެވިފައިވާ ހިދުމަތެއް ކަމުގައި ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މިއަދު އެ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުަގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލްހަލީމް އަބްދުއްރައްޒާގު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވީ މި މަރުަކަޒާއެކު ހިދުމަތް ހޯދުމަށް ކިއުގައި ޖެހިގެން ތިބެންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ ރައްކާތެރިކަމާއެކު ޑައިލަސިސް ހިދުމަތް ލިބޭނެކަން ޔަގީންވާނެ ކަމެވެ. އަދި އެ ސެންޓަރާއެކު މާލޭ ސަރަހައްދުގައި ކިޑްނީ ބަލިތަކަށް ފަރުވާކުރުމުގެ މުޅިން އައު މަރުހަލާއެއް ފެށިގެންދާނެ ކަމެވެ.
ހުޅުމާލޭ ޑައިލަސިސް ސެންޓަރު؛ ބޮޑު ތަކުލީފަކަށް، ބޮޑު ލުޔެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ