މޯލްޑިވްގޭހުގެ ކުރީގެ އެމްޑީ މާނުގެ މައްޗަށް އެއް މިލިއަން ރުފިޔާގެ ހުކުމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑު (މޯލްޑިވް ގޭސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި، ޢަބްދުﷲ މައުމޫން، މާނުގެ މައްޗަށް، ރެހެންދި ފްލެޓަކަށް ފައިސާ ނުދައްކައިގެން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ހުކުމެއް ކޮށްފިއެވެ. މިއީ، ރައީސް ޔާމީންގެ ވެރިކަމުގައި، ޢަބްދުﷲ މައުމޫން، އިސްލާމިކް ބޭންކް މެދުވެރިކޮށް، ދެ މިލިއަން ދެ ލައްކަ ފަންސާސް ހާސް ރުފިޔާއަށް، ބައްލަވައިގެންނެވި ރެހެންދި ފްލެޓަކަށް ފައިސާ ނުދައްކައިގެން އިސްލާމިކް ބޭންކުން ކުރި ދައުވާއެއްގެ ހުކުމެވެ. މިދިޔަ ހަފުތާގައި މި ހުކުމް އިއްވާފައިވަނީ ޢަބްދުﷲ މައުމޫންގެ ގައިރު ހާޒިރުގައެވެ. ގައިރު ހާޒިރުގައި ހުކުމް އިއްވާފައިވަނީ އޭނާ ކޯޓަށް ހާޒިރު ނުވުމުންނެވެ. ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީއެއްގެ ގޮތުގައި އިސްލާމިކް ބޭންކުން މައުމޫނަށް ދޫކުރި ދެ މިލިއަން ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ތެރެއިން މައުމޫން ނުދައްކައި އޮތް އެއް މިލިއަން އެއްލައްކައަށްވުރެ ގިނަ ރުފިޔާއާއި، ޗެރިޓީގެ ގޮތުގައި ދައްކަން ޖެހޭ ހަތް ހާސް ރުފިޔާ ހޯދަން ކުރި މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކާށެވެ. މީގެއިތުރުން އެ ފައިސާ ދައްކާ ޚަލާސް ކުރަންދެން، މައުމޫން ބައްލަވައިގެންނެވި ރެހެންދި ފްލެޓް އިސްލާމިކް ބޭންކަށް ރަހުނުކޮށްފައިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. https://sun.mv/191269 މަދަނީ މި މައްސަލައާ ގުޅިގެން މައުމޫންގެ މައްޗަށް މިދިޔަ ހަފުތާގައި ހުކުމް އިއްވާފައިވާއިރު، ޖިނާއީ ހަތް މައްސަލައެއްގައި މީގެ ކުރިން މައުމޫންގެ މައްޗަށްވަނީ ދައުވާ އުފުލާފައެވެ. އެއީ، މޯލްޑިވްސް ގޭސްގެ މުއާމަލާތްތަކަކާ ގުޅޭ ރިޝްވަތުގެ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ