މެލޭޝިއާ މުބާރާތެއްގެ އޯޕަން ޑަބަލްސްއިން ނަބާއާއި ނަބީއަށް ގޯލްޑް މެޑަލް
މެލޭޝިއާގައި ކުރިއަށްދިޔަ އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގެ އޯޕަން ކެޓަގަރީގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ރަން މެޑަލް ހޯދައިފިއެވެ. މި މުބާރާތަކީ ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ ކަމަށްވާ ބީޑަބްލިއުއެފް އިން ގަބޫލުކުރާ މުބާރާތެއް ނޫނެވެ. ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑުކުރުމާއެކު، އެ ސަސްޕެންޝަނުގައި އޮތް މުއްދަތުގައި ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ބީޑަބްލިއުއެފްއިން ރުހުންދޭ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެއެވެ. އެހެންކަމުން ރާއްޖޭގެ މި ދެ ކުޅުންތެރިން ވާދަކޮށްފައިވަނީ މެލޭޝިއާގެ ސްޓޭޓް ލެވަލް މުބާރާތެއް ކަމަށްވާ އެމްބީއޭ ޗެމްޕިއަންޝިޕްގައެވެ. ދުނިޔޭގެ ބެޑްމިންޓަނުން ރާއްޖެ ސަސްޕެންޑްކުރިކަން އިއުލާނުކުރީ މިއަހަރުގެ މެއި މަހުގެ 20ވަނަ ދުވަހުއެވެ. ނަބާ އާއި ނަބީގެ އިތުރުން، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ވެސް ވާދަކުރާ މި މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ނަބާ އާއި ނަބީ މޮޅުވީ، ލަންކާގެ އަޗިނީ ނިމެޝިކާ އާއި މެލޭޝިއާގެ ނޯރު އައިދާގެ ޕެއާއާ ވާދަކޮށް 31-19 އިންނެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ބެޑްމިންޓަން ޕެއާގެ ގޮތުގައި ފާހަގަވެފައިވާ ނަބާ އާއި ނަބީ ވަނީ ޑަބަލްސް އިވެންޓުތަކުގައި މިހާތަނަށް ބައިނަލްއަގްވާމީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ހަތަރު ރަން މެޑަލާއި، ތިން ރިހި މެޑަލް އަދި ފަސް ލޯ މެޑަލް މިހާތަނަށް ވަނީ ހޯދާފައެވެ. މެލޭޝިއާ މުބާރާތުގެ މި ކާމިޔާބީއާ އެކު، މިހާތަނަށް، ނަބާ އާއި ނަބީގެ ޕެއާ އިން ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގެ ޑަބަލްސް އިވެންޓުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެންމެ ކާމިޔާބު ޕެއާ އެވެ. މި މުބާރާތުގައި ނަބާއާއި ނަބީގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކުލަބުން ވާދަކުރަނީ ނިބާލް އަހުމަދު، ޒަޔާން ޒަކީ، ހަސަން ޒަޔާން މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ