ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކަޑަމީއަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ބޭއްވި ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީން ހޯދައިފިއެވެ. ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކްރިކެޓް ދަނޑުގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކަޑަމީން ހޯދީ މިއަހަރުގެ ޓީ20 ލީގުގެ ފަހު މެޗު ސީބީއެލްއާ ވާދަކޮށް ތިން ވިކެޓުން މެޗު ކާމިޔާބުކުރުމާއެކުއެވެ. މެޗުގައި ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ. ސީބީއެލް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 176 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 66 ލަނޑު ހެދި ޕިޔާލާ ކުމާރާ ވިޖޭސިންހައެވެ. މި އިނިންގްސްގަ މިލާންގެ އަހުމަދު އަމީލް ވަނީ ދެ ވިކެޓް ނަގާފައެވެ. ޖަވާބުގައި މިލާން ކުޅެންއަރާ 20ވަނަ އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން 178 ލަނޑުހަދާ މެޗު ކާމިޔާބު ކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ބޯޅައިން 62 ލަނޑު ހަދާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔޫސުފް އަޒިޔާން ފަރުހަތެވެ. މެޗްގައި އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިއަކީ ލީމް ޝަފީގެވެ. އޭނާ ވަނީ ހަތަރު އޯވަރުގެ ތެރޭގައި 25 ލަނޑު ހަދާފައެވެ. މި މޮޅާއެކު މިލާން ކްރިކެޓް އެކަޑަމީ ވަނީ ލީގްގައި ކުޅުނު ފަސް މެޗް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ. މުބާރާތުގައި ހުކުރު ދުވަހު މެންދުރު ކުޅުނު މެޗުން އޮފް އެފްސީއާ ބައްދަލުކޮށް 101 ލަނޑުން މޮޅުވީ މާލޭ ސްޕޯޓްސް ކްލެބެވެ. މި މޮޅާއެކު މާލެ ސްޕޯޓްސް ކުލަބުން ވަނީ ގައުމީ މުބާރާތުން ޖާގަހޯދާފައެވެ. ޕްރެޒިޑެންޓްސް ކަޕުން ދެން ޖާގަ ހޯދީ ލީގު ޗެމްޕިއަން މިލާނެވެ. ދެވަނަ ހޯދީ ސީބީއެލްގެ އިތުރުން ނިއުސްޓާއެވެ. ފައިނަލު މެޗަށްފަހު ލީގު ޗެމްޕިއަން ޓީމަށް އިނާމް ދެއްވީ ކުރީގެ ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު ހަސަން ދީދީއެވެ. މީގެއިތުރުން ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް، ނައިބު ރައީސް އަހުމަދު އިސްހާގާއި ބައެއް މެމްބަރުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ