މިއީ ނިމުމެއް ނޫން، މިއީ ފުޓުބޯޅައަށް ޚިދުމަތްކުރުމުގެ އައު ފެށުމެއް: އުމައިރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީއަށް އިންތިޚާބުވުމާއެކު ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުޙައްމަދު އުމެއިރު ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފިއެވެ. މިކަން އިއުލާނުކުރުމަށް އޭނާ ވަނީ މީސްމީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓުގައި އުމެއިރު ވަނީ އޭނާގެ ކެރިއަރު ފެށިގެން މިއަދާ ހަމަޔަށް ކޮށްފައިވާ މަސައްކަތްތަކާއި މި ނިންމުން ނިންމި ސަބަބު ހާމަކޮށްފައެވެ. "މިއަދު އަހަރެން އިއުލާނު މިކުރަނީ ފުޓްބޯޅަ ކުޅުމުން ފަހަތަށް ޖެހިލަން، އެއީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އައު މަސްއޫލިއްޔަތެއް އުފުލަން ފަށާތީ" އުމެއިރުގެ ޕޯސްޓުގައި ބުނެފައިވެއެވެ. ޒުވާނުންގެ ސަފުތަކުން ފެށިގެން ޤައުމު ތަމްސީލުކުރުމާ ހަމައަށް، މިއީ ހައިރާންކުރުވަނިވި ދަތުރެއްކަން ފާހަގަކޮށް އުމެއިރު ވަނީ އޭނާގެ ކެރިއަރު އެކުލަވާލުމުގައި އެހީތެރިވެދެއްވި ހުރިހާ ކޯޗުންނަށް ޝުކުރުއަދާކޮށްފައެވެ. "މިހުރިހާ ކަމެއް ފެށުނީ ލިރުޤާމް ސަޢީދު (ލަރޭ) އަހަރެން މާލެއަށް ގެނެސް ކިޔެވުމާއި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ދެއްވުމުންނެވެ. އޭގެ ފަހުން އަލްމަރުޙޫމް އިޙްސާން ޢަބްދުލްޣަނީ (ކޯޗް ސާންތީ) އާއި މުޙައްމަދު ޝިޔާޒު (ކޯޗް މޮހާން) އާއެކު 16 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ކުޅުނިން، އެއީ އަހަރެން ފުރަތަމަ ފަހަރަށް ޤައުމު ތަމްސީލު ކުރި ތަޖުރިބާ" އުމެއިރު ބުންޏެވެ. އެއަށްފަހު ވިކްޓްރީ ސްޕޯޓްސް ކުލަބުގައި ހޭދަކުރި ކާމިޔާބު ދުވަސްތަކާއި ކުލަބު ފުޓުބޯޅައިގެ ހަނދާންތައް އުމެއިރު އާކުރިއެވެ. އަދި ވިކްޓަރީ، ވީބީ، މާޒިޔާ، ނިއު ރޭޑިއަންޓް، ގްރީން ސްޓްރީޓް، އަދި ވެލެންސިއާއެކު ކުރެވުނު ދަތުރަށްޓަކައި ޝުކުރުވެރިވާ ކަމަށް ވެސް ބުންޏެވެ. "އޯލެވެލް ނިންމުމަށްފަހު، މަޢުރޫފް އަޙްމަދު (ކޯޗް މާއްޓޭ) އާއި ޢަލީ ސުޒެއިން (ކޯޗް ސުޒެއިން) އަހަރެންނަށް ވިކްޓަރީ ސްޕޯޓްސް ކްލަބަށް، އަހަރެންގެ ފުރަތަމަ ކްލަބަށް މަރުޙަބާ ކިޔުއްވި. އެއީ އަހަރެންގެ އުމުރުން އެންމެ 17 އަހަރުގައި. ގިނަބަޔަކު ޝައްކުކުރި އަހަރެން ފުރަތަމަ 11ގައި ހިމެނޭނެ ކަމަކަށް. އެކަމަކު އަހަރެން ހިމެނުނީ، ފުރަތަމަ 11ގައި ކަނާތް ފަރާތު ފުލްބެކެއްގެ ގޮތުގައި. އެއީ ހަމައެކަނި ފެށުން" އުމެއިރު ބުންޏެވެ. ދިވެހިރާއްޖޭގެ ގައުމީ ޖާޒީ ލައިގެން އަންޑަ 16، އަންޑަ 19، އަންޑަ 23، އަދި ސީނިއަރ ލެވެލްގައި ފަޚުރުވެރިކަމާއެކު ކުޅެފައިވާކަން އުމެއިރު ވަނީ މި ޕޯސްޓުގައި ފާހަގަކޮށްފައެވެ. ފުޓުބޯޅައަކީ އަބަދުވެސް ހަމައެކަނި ކުޅިވަރަކަށްވުރެ މާ ބޮޑު އެއްޗެއް ކަމަށް އޭނާ ލިޔެފައި ވެއެވެ. "އަހަރެންގެ މައްޗަށް އިތުބާރުކުރި ހުރިހާ ގައުމީ އަދި ކްލަބް ކޯޗުންނަށް ޝުކުރިއްޔާ. އަހަރެންނާއެކު ދަނޑުގައި ވާދަކޮށްފައިވާ ކޮންމެ ޓީމް މޭޓަކަށާއި ވާދަވެރިއަކަށް އިޙްތިރާމްކުރަން. އަހަރެންގެ މަންމައާއި ބައްޕައާއި، އާއިލާއާއި، އަދި ރަހުމަތްތެރިންނަށް. ތިޔަބައިމީހުންގެ އެހީތެރިކަމުން މިކަން ވަނީ ހާސިލްވެފައި" އުމެއިރު ބުންޏެވެ. މި ޕޯސްޓު ނިންމާލަމުން އުމެއިރު ބުނީ މިއީ ނިމުމެއް ނޫންކަމަށާއި މިއީ ހަމައެކަނި މި ރީތި ކުޅިވަރު (ފުޓުބޯޅަ)އަށް ޚިދުމަތްކުރުމުގެ އައު ފެށުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ