މައިކްރޯސޮފްޓްގެ ''ރީކޯލް'' ފީޗާއާ ދެކޮޅަށް އެޕް ޑިވެލޮޕަރުން ތެދުވެއްޖެ!

މައިކްރޮސޮފްޓުން ތައާރަފުކުރި 'ރީކޯލް' ފީޗާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މި އެޕާ ދެކޮޅަށް އެޕް ޑިވެލޮޕަރުންގެ މުޖުތަމައުއިން ތެދުވެއްޖެއެވެ. މި ފީޗާއަކީ ކޯޕައިލެޓް+ ޕީސީތަކުގައި ޔޫޒަރުން ކުރާ ކޮންމެ ކަމެއްގެ ސްކްރީންޝޮޓް ނަގައި، 'ފޮޓޯގްރެފިކް މެމޮރީ' އެއް އުފައްދައިދޭ ފީޗާއެކެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި، ޕްރައިވެސީއަށް އިސްކަންދޭ ބްރޭވް ބްރައުޒާ އާއި އެޑް ބްލޮކާ އެޕް އަދި އެޑްގާޑުން ވަނީ މި ފީޗާ ބްލޮކްކުރަން ނިންމާފައެވެ. ބްރޭވްއިން މިކަން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅު ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި، ރީކޯލް ފީޗާ ބްލޮކްކުރާނެކަން އިއުލާންކުރިއިރު، އެންކްރިޕްޓެޑް މެސެޖިން އެޕް، ސިގްނަލްއަށް ތައުރީފުކޮށްފައިވެއެވެ. ބްރޭވްގެ 1.81ވަނަ ވާޝަންއިން ފެށިގެން، ރީކޯލް ފީޗާ އޮޓޮމެޓިކުން ބްލޮކްކުރެވިފައި ހުންނާނެއެވެ. ނަމަވެސް، ބޭނުންވާ ޔޫޒަރުންނަށް، އެމީހުންގެ ބްރައުޒިން ހަރަކާތްތައް ސްކްރީންކެޕްކުރުމަށް ރީކޯލްއަށް އަލުން ހުއްދަ ދިނުމުގެ ފުރުސަތު އޮންނާނެއެވެ. މި ލިސްޓަށް އެންމެފަހުން އަލަށް އިތުރުވި އެޑްގާޑުން ބުނީ، އެ އެޕްގެ 7.21ވަނަ ވާޝަންގައި ރީކޯލް ބްލޮކްކުރެވޭނެ ފީޗާއެއް ހިމަނާނެ ކަމަށެވެ. އެޑްގާޑްގެ ހައްލަކީ ހަމައެކަނި ވަކި އެޕަކުން ރީކޯލް ހުއްޓުވުމުގެ ބަދަލުގައި، މުޅި ސިސްޓަމްއިން ރީކޯލްގެ މަސައްކަތް ހުއްޓުވާލާ، ފުޅާ ދާއިރާއެއްގައި ހިމާޔަތްދޭ ގޮތެކެވެ. މީގެ އިތުރުން، އެޑްގާޑުން ވިންޑޯޒްގެ ޓެލެމެޓްރީ ޑޭޓާ އެއްކުރުން ފަދަ އެހެނިހެން ޓްރެކިންގް ފީޗާތައް ބްލޮކްކުރުމުގެ ފުރުސަތު ވެސް ދެއެވެ. މި ފީޗާ އިއުލާންކުރި ދުވަހުން ފެށިގެން މައިކްރޮސޮފްޓަށް ވަނީ ބޮޑެތި ފާޑުކިޔުންތަކާއި ދެކޮޅުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. މި ފީޗާއަކީ މައިކްރޮސޮފްޓްގެ އޭއައި ފީޗާތައް ހިމެނޭ ކޯޕައިލެޓް+ ޕީސީތަކާއެކު ނެރެން ހަމަޖެހިފައި އޮތް ފީޗާއެއް ނަމަވެސް، އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޖޫން މަހު މިކަން ވަނީ ފަސްކޮށްފައެވެ. އެއަށްފަހު، މައިކްރޮސޮފްޓުން ދަނީ މަޑުމަޑުން މި ފީޗާ އަލުން ތައާރަފުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ފުރަތަމަ ވިންޑޯޒް އިންސައިޑާ ޕްރޮގްރާމްގެ މެންބަރުންނަށް އެ ފީޗާ ފޯރުކޮށްދީ، އަދި ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅާފައިވެއެވެ. އޭގެ ތެރޭގައި، އެ ފީޗާ އޮޓޮމެޓިކުން އޮފްކޮށްފައި ބެހެއްޓުމާއި، ފީޗާ ބޭނުންކުރުމަށް ޕިން ނަންބަރެއް ޖަހަންޖެހުމާއި، އަދި ސްކްރީންޝޮޓްތައް ލޯކަލްކޮށް އެންކްރިޕްޓްކޮށްފައި ރައްކާކުރުން ހިމެނެއެވެ. މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް، ގިނަ ބަޔަކު ދެކެނީ ރީކޯލްއަކީ އަދިވެސް ނުތަނަވަސްކަން އުފައްދާ، ފީޗާއެއްގެ ގޮތުގައެވެ. އެހެން ކަމުން، ޕްރައިވެސީއަށް އިސްކަންދޭ އެޕް ޑިވެލޮޕަރުންނަށް މި ފީޗާގެ ސަބަބުން ވަނީ ރަނގަޅު މާކެޓިން ފުރުސަތެއް ލިބިފައެވެ. އެއީ، ރީކޯލް ބްލޮކްކޮށް ގިނަ ޔޫޒަރުންގެ ޒާތީ މަޢުލޫމާތު ހިމާޔަތްކުރުމަށް ސެކިއުރިޓީ އެޕެއްގެ އެހީހޯދުމަށް ގިނަބަޔަކު ސަމާލުކަން ދޭތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ