އާ ޓާމިނަލް ހުޅުވުމަށް ރޭ 19 ތަަނަކުން އެއްފަހަރާ އެރުވި ހަވާ ދުނިޔޭގެ ރެކޯޑް ފޮތަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ހަވާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.
މާލޭގެ 19 ސަރަހައްދަކުން އެއްފަހަރާ ރޭ އެރުވި ހަވާއަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑުކޮށް އެރުވި ހަވާގެ ހަރަކާތެވެ.
އެމްއޭސީއެލް އިން ބުނީ، މި ހަވާގެ ހަރަކާތް ގިނީސް ވޯލްޑް ރެކޯޑަށް އަރާފައި ވަނީ 19 ތަނެއްގައި އެއް ފަހަރާ، 'ސިންކްރޮނައިޒްޑް' ވާ ގޮތަށް އަރުވައިގެން ކަމަށެވެ. ހަވާގެ ހަރަކާތް ދުނިޔޭގެ ރެކޯޑް ފޮތަށް އަރައި އެކަމުގެ ލިޔުން މިހާރު އެކުންފުންނަށް ވަނީ ލިބިފައި ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.
އެކަމުގެ ލިޔުން އެމްއޭސީއެލަށް ދިނީ އާ ޓާމިނަލްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
ރޭ މާލެ ސަރަހައްދުގައި އެރުވި ހަވާގައި މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އަރުވާފައި ވާ އިރު، ވެލާނާ އެއާޕޯޓުގެ ތިން ތަނެއްގައި ހަވާ އަރުވާފައި ވެއެވެ. ހވާ އެރުވުމުގެ ކުރިން ވަނީ ޑްރޯން ޝޯއެއް ކުރިއަށް ގެންގޮސްފަ އެވެ.
މީގެ ކުރިން މިފަދައިން އެންމެ ބޮޑު ހަވާއެއް އަރުވާފައި ވަނީ ސިނަމާލެ ބްރިޖު ހުޅުވުމަށް އޮގަސްޓް 30، 2018 ގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ