މިސްރުގެ އަލް-އަޒްހަރުން ދިވެހީންނަށް ސްކޮލަޝިޕްގެ 22 ފުރުސަތު ހުޅުވައިލައިފި
މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އަލް-އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ސްކޮލަޝިޕުގެ 22 ފުރުސަތެއް ހުޅުވައިލައިފައެވެ. އެއީ ގާނޫނާއި ޝަރީޢާގެ ރޮނގުން ފަސް ފުރުސަތަކާއި ނެޗުރަލް ސައިންސާއި ހިސާބާއި ތަފާސްހިސާބުތަކުގެ ރޮނގުން 17 ފުރުސަތެކެވެ. ސްކޮލަޝިޕަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކަކީ، އަންނަ އޮގަސްޓު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރުވެފައި ނުވުމާއި މިނިސްޓްރީ މެދުވެރިވެގެން ކިޔަވަން ނަގައިފައިވާ ލޯނުތައް ގަަވައިދުން ދައްކަމުންދާ ފަރާތަކަށް ވުމާއި ދިވެހި ރައްޔިތެއް ކަމުގައި ވުމެވެ. މި ސްކޮލަޝިޕަށް އެދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ސްކޮލަޝިޕަށް އެދޭ ފަރާތްތަކުން ފޯމާ އެކީ އެމްކިއުއޭގެ ތައްގަނޑު ޖަހައިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީއަކާއި އެންމެ ފަހުން ކިޔެވި ސްކޫލަކުން ގުޑް ކޮންޑަކްޓް ސެޓްފިކެޓުގެ ކޮޕީއަކާއި އެޗްއައިވީ އާއި އެއިޑްސް އާއި ޓީބީ ޓެސްޓު ހިމެނޭ ގޮތަށް ހަދައިފައިވާ މެޑިކަލް ރިޕޯޓުގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ކަމަށެވެ. އަދި ގަނޑުކޮޕީ ހުށަހެޅޭނީ އެ މަހުގެ 12ވަނަ ދުވަހުގެ ހެނދުނު 11 ޖެހުމުގެ ކުރިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ