ޑޮލަރުގެ އަގު 21.35ރ. އަށް އަރައިފި

ޑޮލަރުގެ އަގު 21.35ރ. އަށް އަރައި، ވިޔަފާރިވެރިން ގޮތް ހުސްވާ ހިސާބަށް ހިނގައްޖެ އެވެ.
މީގެ ހަފުތާއެއްގެ ކުރިން ކަޅު ބާޒާރުގައި އޭރު ޑޮލަރެއް ގަންނަން ލިބޭ އަގު 21.25 ރުފިޔާ އަރާފައި ހުރުމަށް ފަހު، 21.35 ރ. އުފުލުނީ އިއްޔެ ކަމަށް ބައެއް ވިޔަފާރިވެރިންނާއި ބާޒާރުގައި ޑޮލަރު ވިއްކާ ބައެއް ފަރާތްތަކުން ބުންޏެވެ. 
"އަދަދު" ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ޑޮލަރު ލިބުން ދުވަހެއް ދުވަހަކަށް ދަތިވެ، ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހުމުން މާލީ ގޮތުން ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށާއި، މިހާރު މުދަލުގެ އަގު ބޮޑުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
"މުދަލުގެ އަގު ވެސް މިދަނީ ބޮޑުވަމުން. މީހުންގެ މުދާ ގަންނަ މިންވަރު ވެސް ދަނީ ދަށަށް،" ވިޔަފާރިވެރިޔަކު ބުންޏެވެ. 
ޑޮލަރުގެ އަގު މައްޗަށް ގޮސްފައި މި ވަނީ މިއަހަރު ރިކޯޑު މިންވަރަކަށް ދަރަނި ދެއްކުމާއި، ޑޮލަރުގެ އިސްރާފު ގިނަވުމާއި، އާ އިންވެސްޓްމެންޓުތައް ނުވަނުމުގެ އިތުރުން ލޯނު ހޯދުމުގެ ގާބިލްކަން ސަރުކާރުގެ ނެތުމުންނެވެ.
މި މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކުރި ނަމަވެސް، އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ.
ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދަކަށްވާއިރު، މިފަހުން ސައީދު ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރުތަކާ ހެދި ކަމަށް ވިދާޅުވެފަ އެވެ. 
ޑޮލަރުގެ އަގު އުފުލެމުންދިޔަ ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ދަނީ އެކަން އޮޅުވާލަމުންނެވެ. އެގޮތުން، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިފަހުން ވިދާޅުވީ މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި އާންމު ރައްޔިތުންނަށް ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ ކަމަށާއި، މިވަރަށް ޑޮލަރު ތިޔާގިވި ޒަމާނެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ