ޓޫރިޒަމް އިން ފައިސާ ބަލަހައްޓާފައި ވަނީ އެކްސެލްއިން، ސައްހަކަން ކަށަވަރެއް ނޫން: އޮޑިޓް

މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ފައިސާ ބަލައިގަނެފައި ދޭ ރަސީދު ތައްޔާރުކޮށް، ފައިސާގެ ރެކޯޑުތައް ބަލަހައްޓަނީ މައިކްރޯސޮފްޓް އެކްސެލްގައި ކަމަށާއި އޭގައިވާ މައުލޫމާތުތައް ކޮންމެ މީހަކަށް ވެސް ބަދަލު ކުރުމުގެ ފުރުސަތު އޮތްކަމުން، އޭގައިވާ ފައިސާގެ އަދަދުތަކުގެ ސައްހަކަމާ މެދު ކަށަވަރެއް ނޫން ކަމަށް އޮޑިޓަރު ޖެނެރަލް ވިދާޅުވެއްޖެ އެވެ. ޓުއަރިޒަމް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު، އޮޑިޓަރު ޖެނެރަލް މި ހަފްތާގެ ތެރޭގައި ނެރުއްވާފައިވާ އިރު، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވައިދުތަކާ ޚިލާފު އެތައް މައްސަލައެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަދީބު ސަރުކާރުގައި ހުންނެވި ދުވަސްވަރު، ޓުއަރިޒަމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވަނީ ޚިޔާނާތުގެ ބޮޑެތި އަމަލުތަކެއް ހިނގާފަ އެވެ. އެ ކަންކަމާ ގުޅިގެން، މިހާރުގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ، ޓުއަރިޒަމް މިނިސްޓްރީން މީގެ ކުރިން ބަލައިގަންނަމުން އައި ހުރިހާ ފައިސާއެއް، މީރާ މެދުވެރިކޮށް ބަލައިގަންނަ ގޮތަށް ހަމަޖައްސަވައިފަ އެވެ. އެ މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި އޮޑިޓަރު ޖެނެރަލް ވިދާޅުވެފައި ވަނީ، ފައިސާގެ ބިލާއި ރަސީދު ފޮތްތަކުގައި ސީރިއަލް ނަމްބަރު ޖަހައި، ތަރުތީބުން ބެހެއްޓުމަށް މާލިއްޔަތު ގަވައިދުގައި ބުނެފައި އޮތް ނަމަވެސް، މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއާޕޯޓްސް އިން ދޫކުރި ބައެއް ރަސީދުތަކުގައި ދޫކުރި ތާރީޚާއި ތައްގަނޑާއި ސޮއި ފަދަ މައުލޫމާތު ނެތް ކަމަށެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، މިނިސްޓްރީ އިން ފައިސާ ބަލައިގަނެފައި ދޭ ރަސީދު ތައްޔާރުކުރަނީ މައިކްރޯސޮފްޓް އޮފީސްގައި ހަދާފައިވާ ޓެމްޕްލޭޓަކުން ކަމަށާއި ނަމަވެސް އެކްސެލް ޝީޓު ހުޅުވާ ކޮންމެ މީހަކަށް އޭގައި ހުރި މައުލޫމާތުތައް ބަދަލު ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ރަސީދު ކެންސަލް ކުރަންޖެހިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ނެތް އިރު، ރަސީދު ހަދާ ފަހުން އޭގައިވާ މައުލޫމާތު ބަދަލުކޮށްގެން އަނެއްކާ ޕްރިންޓްކޮށްފި ނަމަ އެކަން ދެނެގަނެވޭނެ އޮޑިޓް ޓްރެއިލެއް ނެތް ކަމަށް ރިޕޯޓުގައި ފާހަގަކުރެ އެވެ. މީގެ އިތުރުން، އެ ރަސީދުތަކުގައި ސީރިއަލް ނަމްބަރު ޖަހާފައި ނެތް ކަމަށާއި މައުލޫމާތު ޝީޓުތައް ދުވަހުން ދުވަހަށް އަޕްޑޭޓުކޮށް، ރައްކާކުރިކަން ކަށަވަރު ނުކުރެވުނު ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ. މި ސަބަބުތަކާ ހުރެ، 2014 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީއަށް އާމްދަނީގެ ގޮތުގައި ލިބުނު ކަމަށް މާލީ ހިސާބުތަކުގައި ޖަހާފައިވާ 7،644،711 ރުފިޔާއަކީ މިނިސްޓްރީއަށް ލިބުނު އާމްދަނީކަން ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެކަމާ ގުޅިގެން މިނިސްޓްރީގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި އާމްދަނީގެ ގޮތުގައި ޖަހާފައިވާ 10،165،564 ރުފިޔާގެ ސައްހަކަން ވެސް ކަށަވަރު ނުވާ ކަމަށް އޮޑިޓަރު ޖެނެރަލް ވިދާޅުވެ އެވެ. އޮޑިޓު ރިޕޯޓުގައި މީގެ އިތުރުން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މިނިސްޓްރީއަށް ލިބޭ ފައިސާ ގަވައިދުން ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާ ނުކުރާ މައްސަލަ ހިމެނެ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ މިނިސްޓްރީއަށް 19 ރަސީދަކުން ލިބިފައިވާ 50،000 ޑޮލަރާއި 50،700 ރުފިޔާ، އަދި ރީޖަނަލް އެއާޕޯޓްސްއަށް ދެ ރަސީދަކުން ލިބިފައިވާ 129،742 ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރީ، ފައިސާ ލިބުނުތާ ހަތް ދުވަސް ފަހުން ކަމަށެވެ. މާލިއްޔަތު ގަވައިދު ބުނާ ގޮތުގައި، ލިބޭ ފައިސާ ޖަމާ ކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެ ނަމަ، ހަމަ އެ ދުވަހު ފައިސާ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހެ އެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ފައިސާ ޖަމާނުކޮށް ބެހެއްޓުމަކީ ފައިސާ ގެއްލުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށާއި އަދި ޖަމާ ނުކުރުމުން ދައުލަތުގެ ކޭޝްފްލޯއަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ