އެއްވެސް ގެއްލުމެއް ނުވާނެ ވިޔަފާރިއެއް އޮވެދާނެ ބާއޭ ކޮންމެ ކިޔުންތެރިއެއްގެ ހިތަށް ވެސް އަރައިފާނެއެވެ. ވިޔަފާރީގެ އަސާސީ ޤަވާޢިދަކީ ފައިދާއާއި ގެއްލުން ވެސް އޭގައި ހިމެނުމެވެ. އާންމުކޮށް ފައިދާ ވިޔަސް މަދު ފަހަރެއްގައި ނަމަވެސް ވިޔަފާރިއަކުން ވިއްޔާ ގެއްލުންވާނޭ ކަން ކޮންމެ މީހަކު ވެސް ޤަބޫލު ކުރާނެއެވެ. އެކަމަކު މި ފަހަރު މި އޮތީ އެއްވެސް ގެއްލުމެއް ނުވާނޭ ވިޔަފާރިއެއްގެ ވާހަކައެވެ.
ވިޔަފާރިއަކީ ދެ އެއްޗެއް ނުވަތަ ދެ މުދަލެއް ދެ ފަރާތެއްގެ ރުހުމާ އެކު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރާ ކުރުމެވެ. ވިޔަފާރިއަކީ އެއިން ފައިދާ އާއި ގެއްލުން ވެސް ވާއެއްޗެކެވެ. އެހެނަސް ވިޔަފާރި ކުރާ އެކަކު ވެސް ގެއްލުމާއި ކުރިމަތިލާކަށް ބޭނުމެއް ނުވާނެއެވެ. އެދޭވޭނީ މުޅިން ވެސް ފައިދާއަށެވެ. ފައިދާ ލިބޭ ވަރަށް، ހިންމަތާ އެކު ތިމާއަށް މަސައްކަތް ނުކުރެވުނަސް، ގެއްލުންވުން ބަލައިގަންނަން އުނދަގޫވެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ.
ކަން މިހެން އޮތް އިރު ގެއްލުމެއް ނުވާ ވިޔަފާރިއެއް މީހެއްގެ ކުރިމައްޗަށް ހުށައެޅިއްޖެ ނަމަ، ފުރަތަމަ އޭނާއަށް އެކަން ގަބޫލުކުރަން އުނދަގޫ ވާނެއެވެ. އަދި އެފަދަ އެންމެ ވިޔަފާރިއެއް ވެސް ނޫނެވެ. ތިން ވިޔާފާރިއެވެ. ދެން އަދި މި ވާހަކަ އިންސާނީ ހަމަ ބުއްދިއަށް ހަޖަމުކުރެވޭނެ އެއްވެސް ގޮތެއް އޮންނާނޭ ހެއްޔެވެ؟ ވަރަށް އުނދަގުލުން ނޫނީ އެކަން ޤަބޫލު ނުކުރެވޭނެއެވެ. އެ ވިޔަފާރިއަކީތޯއެވެ؟ އެ ވިޔަފާރިއަކީ އިންސާނާ ނެތުމުގެ ތެރެއިން ވުޖޫދު ކުރެއްވި ޚާލިޤުވަންތަ ﷲއާ އޭނާއާ ދެމެދު ކުރެވޭ ވިޔަފާރިއެކެވެ. ޙަޤީޤީ މާނައިގައި ފައިދާ ލިބޭނޭ ވިޔަފާރިއެވެ. މި ވާހަކަ ފާޠިރު ސޫރަތުގެ 29ވަނަ އާޔަތުގައި ﷲ ވަޙީކުރަށްވަނީ އަންނަނިވި ފަދައިންނެވެ. ﴿إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّـهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ﴾ ( سورة فاطر: ٢٩) މާނައީ:- “ހަމަށަވަރުން، ﷲގެ ފޮތް ކިޔަވައި، އަދި ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނޭ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ.” ހަމަކަށަވަރުން ވެސް މިއީ އެއްވެސް ގެއްލުމެއް އޮންނާނޭ ވިޔަފާރިއެއް ނޫނެވެ. މި ވިޔަފާރި ކުރަން ކެރިއްޖެ ކޮންމެ މީހަކަށް ފައިދާ ވާހުއްޓެވެ.
މި އާޔަތުގައި މާތްރަސްކަލާނގެ އެ އަންގަވަނީ 3 ކަމެކެވެ. އަދި އެއީ ތިމާގެ ކިބައިން ހޭދައެއް ކޮށްގެން ނޫނީ ނުވާނެ ތިން ކަމެއްގެ ވާހަކައެވެ. ތިބާގެ އަތުން ކުޅަ ހޭދައާ އެއްފަދަ ބަދަލެއް ލިބޭނޭ ވިޔަފާރިއެކެވެ. މި ވިޔަފާރީގައި އުޅެން ކެރުނު މިންވަރަކުން ލިބޭ މަންފާ ބޮޑުވެއެވެ. ކުރާ މަސައްކަތާ ކިރިޔާ އެކަށޭނަ ފައިދާ އެއްވެސް ނޫނެވެ. ގެއްލުންނުވާވަރަށް ކިރިޔާ ބަދަލު ލިބެނީ އެއްވެސް ނޫނެވެ. ގުނަ އިތުރުވެގެން އަންނަ ގޮތުގައި ފައިދާ ވަނީއެވެ. 10 ގުނައިން ފެށިގެން ގޮސް 700 ގުނައާ ހަމައަށް އޭގެ ފައިދާ އިތުރު ވެގެން ވެއެވެ. އެއީ ގެއްލުންނުވާނެ ވިޔަފާރިއެއް ކަން ވެސް މި އާޔަތުގައި މާތް ﷲ އެ ވަނީ އަންގަވައި ކަށަވަރުކޮށްދެއްވައިފައެވެ. ﴿… يَرْجُونَ تِجَارَةً لَّن تَبُورَ﴾ މާނައީ:- “… ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ.” އެހެންކަމުން އަޅުގަނޑުމެން ފައިދާ އެދޭ ނަމަ މި ވިޔަފާރިޔައިގެން އަވަސްވެގަންނަންވީއެވެ. އަމިއްލަ ނަފުސާއި ހަޔާތުގެ ވަގުތު އެ ކަމަށް ހޭދަކުރަންވީއެވެ. އެއީ ކޮން ތިން ވިޔަފާރިއެއްތޯއެވެ؟
އެތިން ކަމަކީ…
1- ﷲގެ ފޮތް (އެބަހީ ޤުރުއާން) ކިޔެވުމެވެ.
2- ނަމާދުކުރުމެވެ.
3- ސިއްރާއި ފާޅުގައި ހޭދަ ކުރުމެވެ. (އެބަހީ ޞަދަޤާތް ކުރުމެވެ.)
ބަޔާންވެ ދިޔަ 3 ކަމަކީ ވެސް ހިތްވަރެއް ނުވަތަ މިންނަތެއް ބޭނުންވާނޭ ތިންކަމެކެވެ. ޤުރުއާން ކިޔެވުން ކަމުގައި ވީނަމަވެސް، އަދި ނަމާދު ކުރިކަމުގައި ވީނަމަވެސް އެ ކަމަށް ޓަކައި ހިތްވަރުކޮށް ކެތްތެރިވާން ޖެހެއެވެ. މަޑުމައިތިރިވެ ޚުޝޫޢަތްތެރިވާން ވާނެއެވެ. އަދި ހޭދައެއްކުރާ ނަމަ ހިތުގެ ރުހުމާއި ލޯތްބާއި އޯގާތެރިކަމާ އެކު ނޫނީ މީހުންނަށް ޞަދަޤާތްދީ ހަދައިގެން ނުވާނެއެވެ. ﷲ ތަޢާލާގެ ވަޖުހުފުޅު އަދައިގެން ޚާލިޞް ހިތަކައި ވެސް އެކު، މި 3 ކަންތައް ކޮށްފި މީހާއަށް އެ ވަނީ ގެއްލުންނުވާ ވިޔަފާރިއަކަށް އެދެވިފައެވެ. އޭނާގެ އަޖުރު މާތް ﷲ ގެއްލެނި ނުކުރައްވާނެތެވެ. އެނގޭ ބަޔަކަށް މި ކަން އެނގި ފަހުމްވާނެއެވެ. ނޭނގޭ މީހަކަށް ނޭނގުމުގައި އޮތީ ދެރަޔާއި ހިތާމައެވެ. މި ވިޔަފާރި ހިއްސާގެ ފައިދާ ބަހާ ދުވަހު، ވިޔަފާރިކުރި މީހުން އެ ދުވަހުން ތިބޭނީ ހައުފާއުފަލުގައެވެ. ލިބުނުފައިދާގެ ބޮޑުކަމުން ހިތްހަމަ ޖެހިފައެވެ. މި ކަމަށް އަހަންމިއްޔަތުކަމެއް ނުދިން ކޮންމެ މީހަކު އެ ދުވަހުން ރޮއިހޭރި ހިތާމަކުރާނެތެވެ. އިންވެސްޓްމެންޓުގެ ފައިދާއިން މަޙުރޫމުވީތީއެވެ.
މި ވިޔަފާރީގެ ފައިދާގެ ގޮތުގައި އިންސާނާއަށް ލިބޭނޭ ބަދަލުގެ ވާހަކަ ވެސް ﷲ ވަނީ ޖެހިގެން އޮތް އާޔަތުގައި ބަޔާންކުރައްވައިފައެވެ. ވަޙީ ކުރައްވަނީ ﴿لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ ﴾ ﴿سورة فاطر: ٣٠﴾ މާނައީ:- “(އެއީ) އެކަލާނގެ އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެކަލާނގެ ފަޟުލުވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށް ޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން ޝުކުރު ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ.” މީގެން އެނގެނީ އަޅުގަނޑުމެން ކުޅަ ވިޔަފާރިއަށް ވުގެ ވެސް ފައިދާ އިތުރު ވެގެން އަންނާނޭ ކަމެވެ.
ކަން މިހެން އޮތްއިރު، އަޅުގަނޑުމެންގެ ޙަޔާތުގައި މިތިން ކަންތަކަށް ވަގުތު ހޯދައި ފަރުވާތެރިކަމާ އެކު މި ކަމުގައި މަޝްޣޫލުވެވޭތޯ އުޅެމާ ހިނގާށެވެ! ގެއްލުމެއް ނުވެ އޭގެ އެންމެ ފުރިހަމަ ޚައިރުލްބަދަލު ލިބެން އޮތް މި ވިޔަފާރީގައި ފުރިހަމައަށް ބައިވެރިވަމާތޯއެވެ! ރަމަޟާންމަހަކީ މި ކަމަށް އިންވެސްޓުކުރާން އޮތް އެންމެ ފަހި ފުރުޞަތެވެ. މި ފުރުޞަތުގެ ބޭނުން އެދެވޭގޮތުގައި ހިފާށެވެ!
އެއްވެސް ގެއްލުމެއް ނުވާ ތިން ވިޔަފާރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ