2022ވަނަ އަހަރުގެ ސްޓެޕް ސަރވޭއިން ދެއްކިގޮތުގައި ޑިޕްރެޝަންގެ އަލާމާތްތައް ރާއްޖޭގައި ކޮންމެ 5 މީހަކުން އެކަކު ތަޙައްމަލުކުރެއެވެ.
މި ދާއިރާއިން ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު ވަނީ ނޭޝަނަލް މެންޓަލް ހެލްތް ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށްފައެވެ. އަދި ނެޝަނަލް ސުއިސައިޑަލް ޕްރިވެންޝަން ސްޓްރެޓެޖީވެސް އިފްތިތާޙުކޮށްފައިވެއެވެ.
ނަފްސާނީ ބަލީގެ ފަރުވާގެ ދާއިރާއިން މިހާރު ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ މެންޓަލް ހެލްތް ހޮސްޕިޓަލް އެޅުމާއި ގުޅުންހުރި މަސައްކަތްތަކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ހޮސްޕިޓަލް އަޅަން ނިންމާފައިވަނީ 30،000 އަކަފޫޓުގެ ބިމެއްގައެވެ.
މާލެ ސަރަޙައްދުގައި މިފަދަ ހޮސްޕިޓަލެއް އެޅުމުގެ މުހިންމުކަން ވޭތުވެދިޔަ 2 އަހަރު ހަމައެކަނި ސަރުކާރުގެ ހޮސްޕިޓަލްތަކަށް ނަފްސާނީ އެކި ކަންކަމާއި ގުޅިގެން ދައްކާފައިވާ މީހުންގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. އެމުއްދަތުގައި ނަފްސާނީ ބަލިތަކާ ގުޅިގެން 71،000 ކޮންސަލްޓޭޝަން ހަދާފައިވާއިރު، އޭގެތެރެއިން 45،000 ކޮންސަލްޓޭޝަން ހަދާފަވަނީ މާލޭގައެވެ. މި ހޮސްޕިޓަލް މާލެ ސަރަޙައްދުގައި އަޅަން ނިންމެވީ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ހޯދަން ފަސޭހަކުރުމަށްކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މި ހޮސްޕިޓަލް، ގްރޭޓަރ މާލެ ސަރަހައްދުގައި ގާއިމުކުރި ނަމަވެސް، އަތޮޅުތެރޭގައި ލާމަރުކަޒީ އުސޫލުން ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ޕްރައިމަރީ، އަތޮޅު، ރީޖަނަލް އަދި ޓާރޝަރީ ލެވެލްގައި ޤާއިމުކުރާނެއެވެ. މިހާތަނަށް ގިނަ ޚިދުމަތްތައްތަކެއް މިހާރު ޤާއިމުކުރެވިފައިވަނީ ހަމައެކަނި އައިޖީއެމްއެޗްގައެވެ. މިއާއެކު ވެއިޓްލިސްޓް ދިގުވެ، އަދި ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް އެބައޮތެވެ.
ނަފުސާނީ ސިއްޙަތާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރުވަނީ ފައްޓަވާފައެވެ. މީގެ ސަބަބުން ފަރުވާގެ ނިޒާމުތައް ހަރުދަނާވެ، ސުއިސައިޑް ޕްރިވންޝަން ގައިޑްލައިނެއްވެސް އެކުލަވާލެވިގެންދާނެއެވެ. ނަފްސާނީ ޞިއްޙަތުގެ ބިލު ފާސްވެ އަމަލުކުރަން ފެށުމުން ނަފްސާނީ ބަލި ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް އެފަރާތްތަކަށް ލިބެން ޖެހޭ އަޅާލުމާއި އޯގާތެރިކަން ލިބިދިނުމަށް މަގު ކޮށާދިނުމާއިއެކު ޚިދުމަތްތައް ހަރުދަނާކުރެވޭނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ނަފްސާނީ ހެލްޕް ލައިންގެ ގޮތުގައި 1677 ހަމަޖައްސާފައިވާއިރު، މިއީވެސް އެތަށް ބަޔަކު މިހާރު ބޭނުންކުރާ ވަސީލަތަކެވެ. ނަފުސާނީ އުނދަގޫތަކާއި ގުޅިގެން މިދިޔަ އަހަރު އެކަނިވެސް 10،821 ކޯލަށް އެޓެންޑުކޮށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި ނަފުސާނީ ބަލި މީހުންނަށް ފަރުވާދީ އަނބުރާ އާއިލާތަކާ ގުޅުވައިދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެގޮތުން މިދިޔަ އަހަރު 23 މީހުން އަޢިލާތަކާއި ހަވާލުކޮށްފައިވާއިރު، އެމީހުންނަށް އެހީތެރިކަން ދޭނެ ގޮތްތަކުގެ އިރުޝާދުވެސް އާއިލާތަކަށް ފޯރުކޮށްދެއެވެ. އަދި މިދިޔަ އަހަރުވަނީ 14 އަތޮޅުގެ 20 ރަށެއްގައި މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ދާއިރާގެ ޚާއްސަ މީހުން މަދުވުމަކީ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. ނަފްސާނީ ބަލިތަކާ ގުޅިގެން އެހީތެރިކަން ދެވޭނެ ގޮތްތަކަށް ސިއްޙީ އެހީތެރިން ތަމްރީން ކުރުމުގެ ތަފާތު ގިނަ މަސައްކަތްތަކެއްވެސް ވަނީ ކޮށްފައެވެ. ރަށްރަށުގައި ނަފްސަނީ އެހީތެރިކަމާ ގުޅޭ ކަންކަމަށް ރަށްރަށުގައި ފޯކަލް ޕޮއިންޓުންވެސް ކަނޑައަޅާފައިވެއެވެ.
ކުރިއަށް ރާވަފައިވާ ކަންކަމަށް ބަލާއިރު، މެންޓަލް ހެލްތް ސަރވޭގެ ޕައިލެޓް ޕްރޮގްރާމެއް ހިންގުމާއި ސަޕޯޓް ގްރޫޕް އުފެއްދުމާއި "ޓެލެ-މެންޓަލް ހެލްތްގެ ޚިދުމަތް ފެށުން ހިމެނެއެވެ.
އަދި އިންސާނީ ވަސީލަތްތައް އިތުރުކުރުމާއި މި ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ގިނަ ޓްރެއިނިންތަކެއް ކުރިއަށްގެންދިއުން ހިމެނެއެވެ. ސިއްޙީ ވުޒާރާގެ އެންމެ ބޮޑު ޢަމާޒަކީ ޕްރައިމެރީ ހެލްތު ކެއާރ ލެވެލްގައި ނަފްސާނީ ސިއްހަތަށް ދެވޭ އަހައްމިއްޔަތުކަން އިތުރުކުރުމެވެ.
ނަފުސާނީ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ