ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބީއެމްއެލްއިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، 2017 ވަނަ އަހަރު ފެށި މި ޙަރަކާތުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ހަދިޔާކޮށްފައިވާކަމަށެވެ.
ބީއެމްއެލް އިން ވަނީ، މި އަހަރު މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދީފައެވެ. އެގޮތުން، އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ޚާއްސަ މެނުއަލް ވީލްޗެއާވެސް ތަޢާރަފްކޮށްފައިވާކަމަށް އެ ބޭންކުން ބުންޏެވެ. މި ގޮނޑިތަކަކީ އަމިއްލައަށް ގޮނޑި ދުއްވުމުގައި ދަތިތައް ހުންނަ އަދި އެހީތެރިންނާއި ޢާއިލާގެ އެހީތެރިކަމާއެކު އުޅޭ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ގޮނޑިތަކެކެވެ.
މިކަމަކީ އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަން ފާހަގަކޮށް އެ ބޭންކުން ބުނީ، މިކަމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، މިނިވަންކަމާއެކު އުޅުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ