މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި މީހުންނަށް ފަރުވާ ދިނުން ލަސްވަނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ތަރައްގީ ނުވާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެންޑީއޭއަކީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ފެންވަރަށް ކެޕޭސިޓީ އިތުރުކުރެވިފައިވާ ތަނަކަށް ނުވާތީ، އެތަން އިތުރަށް ވަރުގަދަކޮށް މިހާރު ހުރި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ނެޝަނަލް ޑްރަގް އެޖެންސީއަކީ އަދި އަޅުގަނޑު ބޭނުންވާ ފެންވަރަށް އަދި ކެޕޭސިޓީ އިތުރު ކުރެވިފައި ހުރި ތަނެއް ނޫން. އެހެންވީމަ މަސައްކަތް މިކުރަނީ އެތަން އިތުރަށް ވަރުގަދަ ކުރުމަށް އެނގޭތޯ. އެންޑީއޭ ތެރޭގައި ވެސް އެބަހުރި ހައްލުކުރަންޖެހޭ ބައިވަރު މައްސަލަތައް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެންޑީއޭޭގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެތަނުން ދޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، މުވައްޒަފުންނަށް ތަމްރީނުތައްދީ، މުވައްޒަފުން އިތުރުކުރުން ކަމަށެވެ.
"އެންޑީއޭއަށް ފްރެޝް އެޕްރޯޗެއް އެންޑީއޭ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މި ގެންގުޅެނީ. އިރާދަކުރެއްވިއްޔާ އެތަނުގެ ތެރެއިން ދެވޭ ފަރުވާ ދޭ ފެންވަރު ރަނގަޅުކުރުމާއި އަދި އެ ފަރުވާ ދެވޭ ގޮތް، ފަރުވާ ދިނުމަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމާއި ޓްރެއިނިން ދިނުމާއި މުވައްޒަފުން އިތުރު ކުރުމާއި އަދި އެންޑީއޭގެ ހުރިހާ ގޮތަކުން ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތަކީ،" މުއިއްޒު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބޭނީ އެންޑީއޭގެ އިތުރުން ކަމާ ގުޅޭ އެކި މައްސަލަތަކަށް ވެސް ހައްލުކޮށްގެން ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ކުރެވޭ މަސައްކަތުގެ ސަބަބުން އެންޑީއޭގެ ވެއިޓިން ލިސްޓު ވެސް ކުޑަ ކުރެވޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުވަމުން އަންނަތާ މިހާރު 30 އަށްވުރެ ގިނަ އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ނެރެވެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ވެރިކަމުގައި 1،313 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް އަތުލައިގަނެ، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 2،588 މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން 420 މީހަކު ރިހެބިލިޓޭޝަނަށް ވަނީ ފޮނުވާފަ އެވެ.
ޑްރަގުގެ ފަރުވާ ލަސްވަނީ އެންޑީއޭ ތަރައްގީނުވާތީ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ