މީޑިއާ ބިލުގެ ބޭނުމަކީ ކޮރަޕްޝަނުގެ ތުހުމަތުކުރުން ހުއްޓުވުން، ވެރިކަން ލިބިއްޖެނަމަ އިސްލާހުކުރާނަން: އުމަރު
ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލުގެ މަގުސަދަކީ ސަރުކާރަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ އަޑުކަނޑުވާލުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލުގެ ބޭނުމަކީ ސަރުކާރަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑު ކަނޑުވާލުން ކަމަށާއި، މިއީ އަބުރު ރައްކާތެރިކުރުމަށް ފާސްކުރި ބިލެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ތަންފީޒު ކުރަމުންދާ ގާނޫނުތަކުގެ ދަށުން ވެސް އަބުރު ހިމާޔަތްކުރެވޭ ކަމަށާއި، އޭގެ އެއް ހެއްކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިފަހުން ކުރެއްވި ދައުވާ ކަމަށެވެ. ސާޖިދާ އެ ދައުވާ ކުރެއްވީ މިދިޔަ މާޗް މަހު އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް ތުހުމަތުކޮށް، އެމްޑީޕީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ ދަރިކަލުންގެ ކަރާމާތަށް މަންދީ އަރައިގަތް ކަމަށް ނިންމައިފައެވެ. https://sun.mv/208827 އުމަރު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ، އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ މަޝްވަރާގެ މަތިން މީޑިއާ ކޮންޓްރޯލް ބިލް އިސްލާހުކުރައްވާނެ ކަމަށެވެ. އަދި އޭނާވަނީ ބިލަށް ގެންނަން ފެންނަ ބައެއް އިސްލާހުތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ދައުލަތުގެ ތެރޭ ހިނގާ ކޮރަޕްޝަން ހާމަކުރުމަކީ ކުށެއް ނޫންކަމާއި، ނޫސްވެރިޔަކު ލިޔާ ލިއުމަކުން އެއްވެސް މީހެއްގެ ކަރާމާތަށް ނުވަތަ އަބުރަށް އުނިކަމެއް އަތުވެއްޖެކަމަށް އެ މީހަކަށް ނުވަތަ އިދާރާއަކަށް ފެނިއްޖެނަމަ، އެފަރާތަކުން 24 ގަޑިއިރުގެ ތެރޭ އެކަމަށް ރައްދުދޭން ލާޒިމްކުރުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. މީޑިއާ ބިލް ފާސްކުރުމާ ގުޅިގެން ނޫސްވެރިން ނުރުހުން ފާޅުކުރުން: ބިލް އިސްލާހުކުރި ނަމަވެސް ކަންބޮޑުވުންތައް ހުރި ކަމަށް ބުނޭ --- ސަން ފޮޓޯ/ އަޙްމަދު ފިރިޔަލް "އެކަމަށް ދޭ ރައްދު، 24 ގަޑިއިރުގެ ތެރޭގައި، އެ ލިއުމެއް ލިއުނު ނޫހެއްގެ އެ ޕޭޖްގައި ނުވަތަ އެ ލިއުމެއްގެ އެތެރޭގައި ހިލޭ ޖަހައިދިނުން. މި ގޮތުން އިލެކްޓްރޯނިކް މީޑިއާގައި ނަމަ، އެ ލިއުމެއްގެ މެދުތެރޭ، އެ ރައްދުގެ ލިންކް ހިމަނައިދިނުން. ޕްރިންޓް މީޑިއާ ނަމަ، ޖެހިގެން އަންނަ އަދަދުގައި އެ ރައްދެއް ހިލޭ ޖަހާދިނުން." އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ނޫސްވެރިންނަކީ އެނގިހުރި މިންވަރަކުން ތެދު މައުލޫމާތު ހާމަކުރުމަށް ހުވައެއް ކުރަން ޖެހޭ ބައެއްކަމުގައި ވެސް ހިމަނުއްވާނެ ކަމަށާއި، ބިލުގައި ހުރި ޖޫރިމަނާގެ އަދަދުތައް ކުޑަކުރަން ވެސް ހުށަހަޅުއްވާނެ ކަމަށެވެ. އެއާއެކު، ސަރުކާރުން ގާނޫނު އިސްލާހުކުރާނަމަ، އެ ގާނޫނަކާ ގުޅުންހުރި ފަރާތްތަކާއެކީ ގަދަހިފުމަކަށް ނުގޮސް، މަޝްވަރާކުރުމަކީ އެންމެ ރިވެތި އުސޫލުކަމުގައި އުމަރު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން, ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލު އިއްޔެ ފާސްކުރީ ގިނަ އަދަދެއްގެ ނޫސްވެރިން ދެކޮޅު ހަދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ. https://sun.mv/211396 ބިލު ފާސްކުރަން ޖަލްސާ ފެށުމާ އެކު އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށާފައެވެ. އެހެންވެ، އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުންގެ ނަން އިއްވައި ތަޅުމުން ވަނީ ނެރެފައެވެ. އެއަށް ފަހު، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ކޮމިޓީން ފާސްކުރި ގޮތަށް މީޑިއާ ކޮންޓްރޯލް ބިލު ފާސްކޮށްފައެވެ. ބިލު ފާސްކުރަން 60 މެންބަރުން ވޯޓުދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި 151 ނޫސްވެރިންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަންގައި ހުރި ކަންބޮޑުވުންތަކަށް، ކޮމިޓީން ގެނައި އިސްލާހާ އެކު ފަރުވާ ލިބިފައިވާ ކަމަށް ބުނެ އެ ޕެޓިޝަން ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. އަދި، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާއި ސަރުކާރުން އަންނަނީ މިއީ 'އަބުރު ރައްކާތެރިކޮށްދޭ' ބިލެއް ކަމަށް ބުނެ ބިލު ޕްރޮމޯޓުކުރަމުންނެވެ. ބިލަށް ކޮމިޓީން ގެނައި މައިގަނޑު އިސްލާހުތައް: ތަހުގީގު ނުނިންމާ މީޑިއާ ހުއްޓުވާލެވޭ ގޮތަށް އޮތް މާއްދާ އުނިކުރުން ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަންގެ ރައީސް އައްޔަންކުރައްވާ ގޮތަށް އޮތް މާއްދާ، ކޮމިޝަންގެ ވޯޓަކުން އައްޔަންކުރާ ގޮތަށް ބަދަލުކުރުން އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައިވާ ގޮތް ތަފުސީލުކޮށް، ސޯޝަލް މީޑިއާ ނުހިމެނޭ ގޮތަށް ލިޔުން ނޫސް މަޖައްލާތައް ނެރޭއިރު ކޮމިޝަނަށް އަންގަންޖެހޭ ގޮތަށް އޮތް މާއްދާ އިތުރަށް ތަފުސީލުކުރުން ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބުނާ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަމެއް ކޮމިޝަނަށް ނުކުރެވޭނެ ކަމަށް ބަޔާންކުރުން މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ފިޔަވަޅެއް އެޅުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކުރުން ހަގީގަތާ ހިލާފު ލިޔުމެއް ޝާއިއުކޮށްފި ނަމަ އެ އިސްލާހުކުރަން ނުވަތަ ޖަވާބަކަށް އެދުމުގެ ފުރުސަތު، އެ ކަމުން އަސަރުކުރާ ފަރާތްތަކަށް ފަހިކޮށްދިނުން ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އިހުތިޖާޖުކުރަނީ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ. އެ ގޮތުން، ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ. https://sun.mv/211426 ކޮމިޓީން ގެނައި ބައެއް އިސްލާހުތައް މެންބަރުން ހިއްސާކުރި ނަމަވެސް ފާސްކުރި ބިލު މިހާތަނަށް ހާމަކޮށްފައިނުވާތީ ބިލު މިހާރު އޮތްގޮތެއް ނޭނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ