ކެމޮމައިލް 60
        "އެންމެ ގާތުގައިވާ އެއްޗަކީ މަރެވެ. ދުނިޔެއަށްޓަކާވެސް މަސައްކަތްކުރަންވީއެވެ. އުފަލުގައި އުޅެންވީއެވެ. ނަމަވެސް އިސްލާމީ ހުދޫދުގެ ތެރޭގައެވެ. މަރަށް ތައްޔާރުވެގެން ތިބެއެވެ. ސަބަބަކީ އެންމެ ލޯބިވާ މީހުންވެސް ވަކިވެގެން ދަނީ އިންޒާރަކާ ނުލާކަމަށް ވާތީއެވެ. ހަމަ ކުއްލިއަކަށެވެ. މިއީ ވަގުތީ މަންޒިލެކެވެ. އިމްތިހާނުގެ ގޮވަތްޗެވެ. ހަގީގީ އާލަމަށް ދެވޭނީ މި ހުވަފެނުން ހޭލެވިގެންނެވެ. ވީމަ ﷲ އެންގެވިގޮތަށް އުޅެގެން ނޫނީ އަޚިރަތުގެ ނަސީބެއް ނުލިބޭނެކަން ފަހަރެއްގައިވެސް ހަނދާން ނައްތާނުލާށެވެ."  ***  ބަންގީގެ އަޑު ކަންފަތުގައި ޖެހުނެވެ. މަންމަ އަބަދުވެސް ނަމާދު ގަޑި ނުޖެހިގެން ސުވާލުކުރާނެއެވެ.  އޭނަގެ މަންމަ މިއަދު ދުނިޔޭގައި ނެތެވެ. ނަމަވެސް މަންމަ ދިޔައީ މަންމަގެ އީމާންތެރިކަމާއި ކެތްތެރިކަމުން މިރިއަމްއަށް އިބުރަތެއް ދީފައެވެ. އޭނައަށް މަޑުމަޑުން ކިޔައިލެވުނީ قَدَّرَ اللَّهُ وَمَا شَاءَ فَعَلَއެވެ. ކުރިން އޭގެ މާނައާއިމެދު އެއްވެސް ވަރަކަށް ވިސްނާލެވިފައެއްނެތެވެ. އޭނަ އެކަންޏެއްނޫނެވެ. ގިނަ މީހުންނަށް ވިސްނޭނީ ފަހުންނެވެ. ބޮޑު އިމްތިހާނެއްކުރިމަތިވުމުންނެވެ.  ***   މިރިއަމް ހިނގަމުންގޮސް ގޮނޑުދޮށަށް ނިކުމެވުނެވެ. ތެތް ދޮންވެލިގަނޑުގައި ފައިވާނުގެ ނިޝާން ދޫކުރަމުން އޭނަ ހިނގިއެވެ.ހިނގުމަށްވުރެ ބޮޑަށް ވަޔާއި އޭނަ ގެންދާކަހަލަ ގޮތަކަށެވެ. ކަޅުކުލައިގެ ދޫ ހެދުން ވަޔާއެކު އުދުހެމުން ދިޔައެވެ. ލޮނާއިއެކު މާމެލާމެލީގެ ވަސް ނޭފަތުގައި ޖެހުނީ ކޮން ދިމާލަކުން ކަމެއްވެސް ނޭގެއެވެ. ކޮންމެވެސް ގޮތަކަށް ޖޭޒްމިން މާތަކުގެ ވަސް މާހައުލުގައި ހަރުލީއެވެ.  އޭނަ ގެއިން ނިކުތީވެސް ހިތަށް ކުޅަދާނަނުވެގެންނެވެ. އެގޭގެ ހިމޭންކަން ކަށްވަޅުފަދައެވެ. ގޭގެ ކޮންމެ ކަނެއްގައި ހިފާފައިވީ މަންމަގެ ގޮމަކަސްތޫރި އަތަރުގެ ވަހެވެ. މަންމަގެ ފޯނުން އިވޭ ގުރުއާނުގެ އާޔަތްތަކުގެ އަޑުވެސް ހަރުލާފައެވެ. އަދި ކޮޓަރީގެ ކަނުގައި އޮތް މުސައްލަ އެތަނުން ދުރުކޮށްލުމުގެ ހިތްވަރެއް އެކަކަށްވެސް ނުލިބުނެވެ.  އޭނަ ހަވީރު މަންމަގެ ހެދުންތައް ފަށްޖެހިއެވެ. އެތަނުން އެއް ސްކާފަކީ މަންމަ ކައްކާއިރު އަޅާ އެއްޗެކެވެ. އޭގައި ދުވީ ކާފޫރުތޮޅިއާއި ފިނިފެނުގެ ވަހެވެ. އޭނަގެ އަތުގެ ތެރޭގައި އަދިވެސް އޮތީ މަންމަގެ ސްކާފެވެ.  ވަކި މިސްރާބެއްނެތި ހިނގަމުންގޮސް ކޮންމެވެސް ދިމާލަކުން އެއްގަމަށް އެރިއެވެ. އެކި މަގުތަކުން ހިނގަމުންގޮސް ތަންކޮޅެއް ހިމޭން މަގަކަށް ނިކުމެވުނެވެ. މުއްސަދިން ދިރިއުޅޭ އަރާމު ހިސާބެއްގައި ހުރި ދަންނަ ފާޑު ގެއެއް ފެނުނެވެ. އުމައިރުގެ ނަން ހަނދާނުގެ ކޮންމެވެސް ދިމާލެއްގައި ފިޔަޖެހިއެވެ.  އޭނައަށް އެ ނަމާއި އެ މޫނު ދަންނަހެން ހީވެ ފިޔަވަޅުތައް ހުއްޓުނެެ. އެކަމަކު އަތުގެ އިނގިލިތަކުން އެއްޗެއް ދޫވެގެންދާހެން އެ ހަނދާންތަކަށް ފުސްކަން އެރިއެވެ. އޭނަ މިތަނަށް މިއައީ ކީއްކުރަންހެއްޔެވެ؟  އެ ޚިޔާލުތައް އޭނަގެ ކަންކަތުރަށް ފިތައިގަތެވެ. ޖަވާބެއް ނޭގުނެވެ. އޭނަގެ މޭގައިި ރިހުމެއް އުފެދުނެވެ. ރޯން ބޭނުންވިޔަސް އެވަގުތު އެއްވެސް އެއްޗެއް ވިސްނުމަކަށް ނައެވެ. ކީއްވެކަމެއް ނޭގުނެވެ.  ވައިރޯޅިއަކާއެކު އޭނަގެ އަތުގައިވާ ސްކާފް އަތުން ދޫވިއެވެ. އުދުހިގެންގޮސް ޖެހުނީ ތަންކޮޅެއް ދުރުގައެވެ. އޭނަގޮސް އެނަގަން ގުދުވެލާފައި ތެދުވުނުއިރު ކޮންމެވެސް ފިރިހަނަކު ދޮރާށިކައިރީގައި ހުއްޓިގެން ހުރިތަން ފެނުނެވެ. އިސްތަށިގަނޑުގެ ބައެއް ދިމާލުން ނުރައިގެ އަސަރު ފެނެއެވެ. ކުރުކޮށްކޮށާފައިވާ ތުނބުޅިއެކެވެ. އޭނަގެ ލޯބޮޑުކޮށްގެން ބަލަން ހުރީ ސިހުނުފަދައިންނެވެ. އެއާއެކު އެ ނަޒަރުން މޮޅިވެރިކަން ފެނުނެވެ.  މިރިއަމް އެސްފިޔަ ޖަހައިލިއެވެ. އޭނަ އަނގައިން ނުބުނެ ބުމަ ކައިރިކޮށްގެން ބަލަން ހުރީ ކޮންމެވެސް ކަމެއް ހަނދާންކުރާފަދަ ގޮތަކަށެވެ. އޭނަ މި ފިރިހެން މީހާ ދުށީ ކޮންތަނަކުންހެއްޔެވެ؟  "ހާލު ރަގަޅުތަ؟ހުރިހާކަމެއް ރަގަޅު؟" އުމައިރުގެ ފިޔަވަޅުތައް ކައިރިވިއެވެ.  އޭނަ އަވަސްއަވަހަށް ފަހަތަށް ޖެހިލިއެވެ.  "ނޭގޭ..އަހަރެން....ކޮންމެވެސް ތަނަކަށް ދާން..." އޭނަ އަމިއްލަ ނަފުސާއި ވާހަކަދައްކާފަދަ ގޮތަކަށް ބުނެލިއެވެ.   "ވަރަށް ދަންވެއްޖެ...އެކަނި މިހިސާބުގައި އުޅޭކަށްނުވާނެ.."އުމައިރުގެ އަޑުގައި އޯގާތެރިކަމާއި ހާސްކަން އެކުލެވުނެވެ.  އޭނަ ކުޑަކޮށް ބޯ ޖަހައިލިއެވެ. މީހަކު އެއްޗެކޭ ބުނިކަން ކޮންމެވެސް ވަރަކަށް ލިއެވެ. އެއާއެކު އޭނަގެ ނަޒަރު މާ ދުރަށް ހުއްޓުނެވެ. އެމަގުގައި ހުރެ ބަލައިލުމުން ދުރުން ކަނޑުގެ ކަޅުކުލައިގެ ރާޅުތައް ހަނދުވަރުގެ އަލީގައި ވިދާތަން ފެނުނެވެ. އެހިނދުކޮޅުވެސް އޭނަގެ ޚިޔާލަށް އައީ މަންމަގެ އަޑެވެ. އޯގާތެރި އެހާމެ މަޑު އަޑަކުން ފަތިސްނަމާދަށް ގޮވާއަޑެވެ. ކައްކާއިރު ގުރުއާންގެ އާޔަތްތައް މަޑުމަޑުން ކިޔަވަމުންދާއަޑެވެ. އާޔަތްތައްވެސް އެހާ ސާފެއްނޫނެވެ. ހުވަފެނެއްގެ ހަނދާންހުރި އެތިކޮޅުތައްހެން ވިއްސިވިހާލިވެފައެވެ.  އުމައިރު އިތުރު އެއްޗެއް ބުނަން ބޭނުންވިއެވެ. އެކަމަކު އޭރު މިރިއަމް ހިނގައިގަންފިއެވެ. ފިޔަވަޅުތައްވެސް ކަސިޔާރެވެ. ހަށިގަނޑުު ސަމާލުނުކުރެވޭފަދައެވެ. ތުއްތުއިރު ހިނގަންފެށިއިރު ފަދައިންނެވެ. އެތައް އަހަރެއް ފަހުން ދިމާވެފައި އަނގައިން ބުނުމެއްނެތި މިރިއަމް އެދަނީއެވެ. ހަނދުވަރުގެ އަލި މިރިއަމްގެ މޫނުގައި ބޮސްދިންއިރު ސިކުންތުކޮޅަކަށް ނަމަވެސް އެ މޫނު ފެނުނީ ހަމަ ޖަމީލާހެންނެވެ. އެ އޯގާތެރިކަމުން ފުރިގެންވާ ލޮލެވެ.  "މިރިއަމް މަންމައާއި ތަފާތެއްނެތް.."އޭނައަށް ހިތާހިތުން ކިޔައިލެވުުނުއިރު ކަރުބެދިއްޖެއެވެ. މިރިއަމް އެނބުރި ބަލާނުލިއެވެ. އަދި ދެމީހުންގެ ނަޒަރު ބައްދަލުވީއިރުވެސް މިރިއަމްއަށް އޭނަ އެނގުނުކަމުގެ އެއްވެސް ނިޝާނެއް އެލޮލުން ނުފެނުނެވެ.  މިރިއަމް ހިނގަމުން ދިޔައިރު ޚިޔާލުގައި ފިޔަޖަހަމުން ދިޔައެވެ. އެކި އަޑުތަކާއި މަންޒަރުތަކުގެ އެތިކޮޅުތަކެވެ. މަންމަގެ ހުނުމެވެ. ރަށުގައި އުޅުނުއިރު އެމީހުންގެ ގޭގެ ފަންކާގެ އަޑެވެ. ގޮނޑުދޮށަށް ބިންދައިލާ ރާޅުތަކެވެ. އެހުރިހާ ހަލަބޮލިކަމުގެ ތެރެއިންވެސް އޭނައަށް މަންމަ އެއްޗެކޭ ބުނިހެން ހީވިއެވެ.  "މިރިއަމް..މާބޮޑަށް ހިހޫނުވަނީސް ސައިތަށި ބޯލަންވީނު.."  "ހމްމމް މަންމާ މިދަނީ........"ޖަވާބުދިނަސް މަންމަ އަޑުއަހާކަށް ނެތެވެ. މަންމަވަނީ ދުނިޔެ ދޫކޮށް އެހެން އާލަމަކަށް ގޮސްފައެވެ. ބަރުޒަޚު އާލަމެވެ. މި ދުނިޔެއާއި އެއާލަމާއި ދޭތެރޭ ހުރަހެއްވެއެވެ.  އެހުރިހާ އަހަރެއްގެ ތެރޭގައި އޭނަ މަންމަ ދެކެމުން އައީ ރުޅީގެ ލެންސެއްގެ ތެރެއިންނެވެ. މަންމަ ބޭވަފާތެރިއެއްކަމުގައި އަމިއްލައެދުން ބޮޑުމީހެއްގެ ގޮތުގައި ދެކުނެވެ. އެމީހުންގެ ދިރިއުޅުން ހަލާކުކޮށްލިކަމަށް ތުހުމަތުކުރިއެވެ. ނަމަވެސް އެހުރިހާ އިރެއްގައިވެސް އެހެން މީހުންނަށްޓަކާ މަންމަގެ ހިތުގައި ލޯބި ނޫން އެއްޗެއް ނުވިއެވެ. ގުރުބާނީތަކަކީ ފާފަތައްކަމުގައި ދެކެވުނުކަމުގެ މޮޔަހީވިއެވެ. މަންމަ ފަހަރެއްގައިވެސް އާއިލާއަކަށް ބޭވަފާތެރިއެއްުވެއެވެ. މިރިއަމް ހިމާޔަތްކުރަން މަސައްކަތްކުރީއެވެ. އޭނަ ކުޑަކަމުން އޭނައަށް އޭރު ނޭގުނަސް ބޭނުންވާ ސާބިތުކަން މަތީގައި ބެހެއްޓުމަށެވެ. ބައްޕައަކީ މައުސޫމް މީހެއްކަމުގައި ދެކިފައިވާތީ ބައްޕަގެ ހިތި ހަގީގަތުންވެސް މިރިއަމް ރައްކާތެރިކޮށްދިނީއެވެ. މަންމަގެ މުޅި އުމުރު ހޭދަކުރީ އަޅުކަމުގައެވެ. ކެތްތެރިކަމާއި އޯގާތެރިކަން އަދި މައުސޫމްކަމުގެ މިސާލެކެވެ.  ކުޑައިރު ފަޚުުރުވެރިކަމުން ލޯ އަނދިރިވެފައިހުރި މިރިއަމް އޭނަގެ މަންމަގެ ހިތް ވީދައިލީއެވެ. އަނިޔާވެރި ލަފުޒުތަކުންނެވެ. އެއިން އެންމެ ސިކުންތުކޮޅެއްވެސް އަނބުރާ ނުހޯދޭނެއެވެ. އަލުން މާޒީ އިސްލާހުކުރާނެ އެއްވެސް ފުރުސަތެއް ނުލިބުނެވެ. މިހާރު އޭނައަށް އެކަން އިހުސާސްކުރެވިއްޖެއެވެ.  އޭނަގެ ތުންފަތް ތުރުތުރުލާންފެށިއެވެ.  އޭނައަށް ފެނުނީ މަންމަގެ ކުށެއްނެތް ސާފު މޫނެވެ. ވަރުބަލިވެފައިވާ ލޮލުން އެ ވޭނުގައި ހިނިތުންވާން މަސައްކަތްކުރާތަނެވެ. ތުރުތުރުއަޅާއަތުން މިރިއަމްގެ ހެދުންތައް ފަހާދޭން ދަންވާންދެން އިންނަ މަންޒަރެވެ. އެލޯބީގެ ބަދަލުގައި މިރިއަމްއަތުން އެންމެ އެއްޗެއްވެސް ހޯދަން މަންމަ ބުނެފައެއްނުވެއެވެ. އެއީ ހަމައެކަނި މަންމައަކަށް ދެވޭނެ ލޯތްބެވެ. އެއްވެސް ފައިދާއެއް އަމިއްލަ އެދުމެއްނެތް ސާފުތާހިރު ލޯތްބެވެ. ހަމައެކަނި އެލޯބި ދެނެގަންނަން ނޭގި ނާކާމިޔާބުވާނީ މޮޔަ އަންހެންދަރިއަކަށެވެ. އެކަން އިހުސާސްވާނީ ވަގުތު ފާއިތުވާފަހުންނެވެ.   މާފަށް އެދުން މާ ލަސްވެއްޖެއެވެ.  އެ މަގުން ގޮސް ރޭގަނޑުގެ އަނދިރިކަން އޭނަގެ ފިޔަވަޅުތައް ދިރުވައިލިއެވެ. އެތަނުގައިވާ ގަސްތަކުގެ ހިޔަލަށް މިރިއަމްގެ ސޫރަވެސް ފޭދިގެން ދިޔައެވެ.   ***  މަންމައާއި ނުލާ އެެގެ ދިރުމެއްނެތް ފަޅުތަނެއްފަދައެވެ. ހިމޭންކަމާއި އެކަނިވެރިކަމާއި ނުތަނަވަސްކަމުގެ ކިއްލާއެކެވެ.  އެތއް ދުވަހެއްވީފަހުންވެސް އެގެއިން ޖަމީލާގެ ހަނދާންތައް ފިލައިގެނެއްނުދިޔައެވެ. ކޮންމެ ކަނެއްގައި ޖަމީލާގެ ހަނދާންތަކެވެ. ބާލީހުގައިވެސް އަތަރުގެ ލުއި ވަސް ހިފާލާފައެވެ. ބެޑްސައިޓް ޓޭބަލްމަތީގައި އޮތް ގުރުއާންގެ ސަފުހާތައްވަނީ ދުވަސްވަންދެން ބޭނުންކުރުމުން ބާވެފައެވެ. ވަޔާއެކު ފަރުދާތައް ހެލެމުންދިޔައެވެ. އޭނަގެ މަންމަ ނަމާދަށް ހުރެފައި އެނބުރި ބަލާލަމުން ހިނިތުންވެލިހެން ހީވިއެވެ. ވަރުބަލި އަދި ކެތްތެރިކަމުގެ ހިނިތުންވުމެކެވެ.  ހަގީގަތަކީ އޭނަގެ މަންމަ އަބަދަށްޓަކާ ވަކިވެގެން ދިޔައީއެވެ.  މިރިއަމް އެނދުގައި އިށީދެ ބެޑްޝީޓުގައިވާ ކުރެހުންތަކުގައި އިނގިލިތައް ޖައްސައލިއެވެ. ދުވަސްވެ ބާވުމުގެ ސަބަބުން ރޮދިތައްވެސް ވީދިގެންދިޔަ ނަމަވެސް މަންމަ އެ ބަދަލުކުރަން ދެކޮޅުހެދިއެވެ.  "މި ވަރަށް އަރާމު.." މަންމަ ހީލާފައި ކިޔާނެއެވެ.  ޑްރެސަރ މަތީގައި މަންމަގެ ގަހަނާފޮށި ހުޅުވާފައި ހުއްޓެވެ. އެތެރޭގައި އެހާ ގިނަ އެއްޗެއް ނެތެވެ. ރިހިކުލައިގެ އުޅާތަކާިއ އެހެއްނެތް އަނގޮޓިއެވެ. ހަމައެކަނި އީދު ދުވަހު މަންމަ ކަންފަތުގައި ލައްވާ މުންޖެއް އޮތެވެ. އޭނަ އެކަތި އަތްތިލަ މަތީގައި ބޭއްވުމާއެު ހަނދާން އަންނަން ފެށީ ރާޅުތަކެއްހެނެވެ. އަނެއްކާވެސް ކުޑައިރުގެ ހަނދާންތަކެވެ. ބަލިވީމަ ނޫނީ ހުން އައީމަ މަންމަ އޭނައަށް ހޭހަންކުރަން މުޅި ރޭ ހޭލާ އިނދެއެވެ. އޭނައަށް މަދުވެދާނެތީ މަންމައަށްވީ ކާއެތިކޮޅު ދެއެވެ. ފަހާފޮށި ކައިރީގައި އިނދެގެން ލައިލާގެ ހެދުންތައް އޭނައަށް ހެޔޮވަރަށް ފަހާދެއެވެ. ފަގީރުކަމާއިމެދު ޝަކުވާކުރާއިރު އޭނަގެ މަންމަ ބަލިކަށިވެ އުމުރުން ދުވަސްވީއިރުވެސް އެހާލަތަށް ކެތްތެރިވެ ޝުކުރުކުރިއެވެ.  މަންމަފަދަ މާތް އިންސާނަކު އެހާ އަނިޔާވެރިވެދާނެކަމަށް އޭނަ ހިތަށް އެރީވެސް ކީއްވެހެއްޔެވެ؟ މަންމައާއި ދިމާލަށް ބުނެލި ކޮންމެ އަނިޔާވެރި ލަފުޒެއް މިއަދު ތޫނު ޚަންޖަރަކަށްވެގެން އޭނަގެ ހިތް ފޫއަޅުވައިލަނީއެވެ.  އޭނަ އެތައް އިރެއްވާންދެން މަންމަގެ ކޮޓަރީގައި ކަރުނަ އޮއްސުމުގައި ހޭދަކުރިއެެވެ. ބައެއްފަހަރު ހަމަ ފާރަށް ނަޒަރު ހުއްޓާލައިގެން އިނދެވެނީއެވެ. އަދިވެސް ތަޅުންމަތީގައި މުސައްލައެވެ. ތަސްބީހަވެސް މުސައްލަމަތީގައެވެ. އެއިން ކޮންމެ މިނާއެއް ރަމްޒުކޮށްދެނީ އެތައް އަހަރެއްގެ ޒިކުރެވެ. ސުބުހާނަﷲ، އަލްހަމްދުލިﷲ، ﷲއަކްބަރުއެވެ. ހުރިހާގަޑިއެއްގައިވެސް މަންމަގެ ތަސްބީހައިގެ އަޑު ކަންފަތަށް އިވޭހެން ހީވެއެވެ. އޭނަވެސް ނަމާދުކޮށްގެން މަންމައަށް ފާފަ ފުއްސެވުމަށާއި ޖަންނަތުގައި ލެއްވުމަށް އެދި ދުޢާކުރުމުގައި ސަޖިދައިގާއޮންނަނީ ކިހާއިރެއްކަން ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. މައިންބަފައިން ދުނިޔެއިން ވަކިވުމަށްފަހު އެންމެ ބޭނުންވާނީ ދުޢާއެވެ. އޭނައަށް މިއަދު ކޮށްދެވެން އޮތްކަމަކީ އެއީއެވެ.  މިރިއަމް އޭނަގެ މަންމަގެ ހެދުންތައް އަލަމާރިން ނަގައިގެން ކޮންމެ ހެދުމެއް ފަށްޖެހިއެވެ. ކޮންމެ ފޮތިކޮޅެއ ބުނެދެނީ ކޮންމެވެސް ފަސާނާއެކެވެ. މަޑުފެހިކުލައިގެ ހެދުމުގެ އަތުކުރި ކޮންމެވެސް ވަރަކަށް ވީދިފައިވެއެވެ. ގެއަށް މެހުމާނުން ޒިޔާރަތްކުރާއިރު މޭމައްޗާއިއެކު ކަނދުރާގައި އޮޅާލާ ސްކާފްވެސް އޮތެވެ. އޭނަ އެ މޫނުގައި ޖައްސާލިއިރު ކޮންމެވެސް ވަރަކަށް ކެމޮމައިލް އަދި ކާށިތެލުގެ ވަސް ހިފާފައިވިއެވެ. އެއާއެކު އޭނަގެ ހިތް އިތުރަށް ހަލާކުވުން ނޫންކަމެއްނުވިއެވެ.  ***   ދެ ހަފްތާވޭތުވެގެން ދިޔައިރުވެސް އޭނަގެ މޮޅިވެރިކަން އޭނަ ދޫކޮށްލާފައި ދާކަށް ނޫޅުނެވެ. ހެނދުނު ތެދުވެ ފަތިސްނަމާދަށްފަހު ޒިކުރާއި ގުރުއާން ކިޔެވުމުގައި އެތައް ވަގުތެއް ހޭދަކޮށްލެވެއެވެ. އޭގެ ފަހުން ގޭތެރޭގައި އޭނަ ރޮބޮޓެއްހެން ހިމޭނުން ހުރެ ހަރަކާތްތެރިވެއެވެ. ސައިހަދާ ތަޅުންމަތި ސާފުކޮށް ގަސްތަކަށް ފެންދީ އެއްޗެއިދޮވެ ހަދައެވެ. ބޭރުފުށުން ހަމަޖެހޭކަމަށް ހެދިގެން ހުއްޓަސް ހިތުގައި އުތުރިއަރަމުންދިޔައީ މޮޅިވެރިކަމުގެ ތޫފާނެކެވެ. ޒުބޭރު ކޮންމެވެސް ވަރަކަށް އެހީތެރިވެދޭން މަސައްކަތްކުރިއެވެ. އަޅާލާކަމުގެ ކުދި އަދާތަކެވެ. މިރިއަމް ފެން ބޯން ހަނދާންނެތުމުގެ ސަބަބުން ކައިރީގައި ފެންތަށްޓެއް ބަހައްޓާލަދެއެވެ. އަރާމުކުރަން ހަނދާންކޮށްދެއެވެ. ބައެއްފަހަރު ސަބަބަކާ ނުލާ ރުޅިގަދަވިޔަސް ޚިޔާރުކުރަނީ ހިމޭންކަމެވެ. ކެތްތެރިކަމެވެ. ޒުބޭރުގެ މޮޅިވެރިކަން ދައްކަނީ ތަފާތުކޮށެވެ. ހިމޭންކަމުގައެވެ.  ނަމަވެސް އެދެމީހުން ދުރުވާންފެށިކަމުގެ އިހުސާސްކުރެވުނެވެ.  މެންދުރު ނަމާދަށްފަހު މިރިއަމް ހެދުންތައް ފަށްޖަހަން އިންދާ ފޯނު ރިންގުވާންފެށީ ނުދަންނަ ނަމްބަރަކުންނެވެ.  "އައްސަލާމް އަލައިކުމް..." އެމީހަކު ސަލާމް ގޮވައިލުމުން އޭނަ ޖަވާބުދިނެވެ.  "ތިއީ ޒުބޭރު އަހުމަދުއާއި ގުޅުމެއް ހުރި ބޭފުޅެއްތޯ؟"އެމީހާގެ އަޑުގައިވީ އަވަސްކަމެވެ.  "ލައްބަ..އޭނަގެ އަންހެނުން...ތިއީ ކޮން ބޭފުޅެއް؟"މިރިއަމްގެ ހިތް ތެޅިގަތެވެ.  ހިމޭންކަމުގެ ސުކޫތެކެވެ. ލަފުޒުތައް އިވުމުގެ ކުރިން އެ ސިކުންތުކޮޅު ހުރިހާ އެއްޗެއް ބުނެދިނެވެ.  "ބަދަރުކައިރީގައި އެކްސިޑެންޓެއްވީ...އަވަހަށް ހޮސްޕިޓަލަށް ދުރުވެދެއްވާ...." ކޯލު މެދުކެނޑުނެވެ.  މިރިއަމް ގާވެފައިވާ ބުދެއްހެން އިންއިރު ނޭވާވެސް ކަރުތެރެއާއި މެޔާއި ދެމެދު ތާށިވީފަދައެވެ. އިރުކޮޅެއްނުވެ އިނގިލިތައް ތުރުތުރުއަޅައިގަތެވެ. ފޯނު އަތުން ދޫވެ ބިންމަތީގައި ޖެހުނު އަޑާއެކު ސިއްސައިގެންގޮސް ހޭވެރިކަންވިއެވެ. އޭނައަށް ގެއިން ނިކުމެވުނީ ކިހިނެއްކަމެއް ހަނދާނެއްނެތެވެ. ހަމައެކަނި މޭގައި އޮތް ހިތް ބާރުބާރަށް ތެޅިގަތުމާއެކު ކުރެވުނު ނުބައި އިހުސާސެވެ. ދުނިޔެވެސް ހަނިވަމުންގޮސް ދޮންވެއްޔާއި މޫދު އަދި ހާސްކަމުގެ ތެރެއަށް ވަންފަދަގޮތެއް ވިއެވެ.  ***   މިރިއަމް ހުސްފަޔާހުރެ ދުވަމުންގޮސް ރިސެޕްޝަނާއި އަރާ ހަމަވީއިރު އޭނަހުރީ މައިނޭވާލެވިފައެވެ." އަޅުގަނޑުގެ ފިރިމީހާ...ޒުބޭރު އަހްމަދު..އޭނަ ވީ ކޮންތާކު؟"  "އިމަޖެންސީގައި......މި ކޮރިޑޯގެ ނިމޭ ދިމާލުގައި ވައަތްފަޅީގައި.."  "ޝުކުރިއްޔާ.."  އޭނައަށް ގޮސް ބިއްލޫރިގަނޑުގައިި ދެއަތް ޖައްސައިލެވުނުއިރު ކަކުލުހުޅުން ވާގިދޫވެ ސޮއްސައިނުލީ ހަމަކިރިޔާއެވެ. ތޫނު ހުދު އަލީގައި އެނދުގައި އޮތް ޒުބޭރުގެ އެއްވެސް ހަރަކާތެއްނެތެވެ. މޫނު ހުދުވެފައެވެ. ބެންޑޭޖްތަކާއި ހޮޅިތަކާއި ވައިރުތައް ގުޅާފައިވާއިރު މެޝިންތަކުން އެލާމް އަޅަނީއެވެ.  "ޒުބޭރު ކިހިނެއްވީ......."އޭނައަށް ގޮވައިލެވުނެވެ. އެއްވެސް ހަރަކާތެއްނެތެވެ. އޭނަގެ ލޮލަށް ފެނުނީ ޚަބަރުހުސްވެފައި އޮތް މަންމައެވެ. ޒުބޭރު އެހީއަށް ހެދި ހަޅޭއްލެވުމާއިއެކު ހާސްކަމުގެ އިންތިހާއެވެ. އެމްބިއުލެންސްގެ ސައިރެންގެ އަޑެވެ. އަނެއްކާވެސް ހަމަ އެފަދަ މަންޒަރެއް ލޯ ކުރިމަތީގައި ތަކުރާރުވެގެންދާއިރު އޭނައަށް މިޖެހުނީ ބަލަހައްޓައިގެން ހުރުމަށެވެ. ނޭވާ ހާސްވެފައެވެ. އެއްވެސް ބާރެއްނެތެވެ. މިއީ ދުނިޔޭގެ ހިތި ހަގީގަތެވެ.  މިރިއަމް އެތެރެއަށް ވަންނަން ހުއްދަ ލިބުމާއެކު ގޮސް ޒުބޭރުގެ އަތުގައި ހިފައިލެވުނެވެ. ގަނޑުފެންފަދަ ފިނިކަމެއް އިހުސާސްވިއެވެ. އޭނަ ދުޢާކުރަންފެށިއެވެ. ނަމަވެސް ހިތުގައި އޮތް އުއްމީދުގެ ހުޅުކޮޅު ކަނިކަނި ޖަހަންފެށިއެވެ. ދެންމެ ދެންމެ ނިވިދާނެފަދައެވެ.    ***  އެރޭ ހަތަރުދަމު އޭނަ ޒުބޭރު ގާތު ހޭލާއިނެވެ. ދޭތެރެއަކުން ގޮވާލާފައި އަތުގައި ނޫނީ ނިތްކުރީގައި ފިރުމައިލައެވެ. ނަމަވެސް ފުން ނިންޖެއްގައިފަދަ ގޮތަކަށް އޮތީއެވެ. ދޭތެރެއަކުން މެޝިން އެލާމް އަޅައިލުމުން އޭނަ ސިހިގެންދެއެވެ.  އޭނަގެ ސިކުނޑިވެސް ތޫފާނެއްފަދައެވެ. މާޒީއާއި މިހާރުގެ މަންޒަރުތައް އެކަތި އަނެކައްޗާއި ޖެހި މުޑިއަރަނީއެވެ. ޒުބޭރުގެ ހުނުމާއި ކެތްތެރިކަން އަދި އޭނަގެ ރުޅިއާއިމެދު ޒުބޭރު ޖަހާ ޖޯކުތަކެވެ. ކުދި ކުދި ސަމާސާތަކެވެ. މަންމަ ބޮޑަށް ބަލިވެ އުޅުނުއިރު އޭނަގެ އަތުގައި ޒުބޭރު ހިފަހައްޓާލައިގެން އިން ގޮތެވެ. ޒުބޭރު ކާހިތްނުވިޔަސް އޭނައާއި މަންމައަށްޓަކާ ގެނެސްދޭ ޗޮކްލެޓާއި އައިސްކްރީމްފަދަ ފޮނި އެއްޗިއްސެވެ.  އޭނަ އެކަމުގެ ބަދަލުގައި ޝައްކުކުރީއެވެ. އިލްޒާމްތައް އެޅުވީއެވެ.ކުށްވެރިކުރީއެވެ. އޭނަގެ ލޮލުން ކަރުން ފައިބާންފެށިއެވެ. މަޑުމަޑުން ތިކިޖަހަމުންގޮސް ސައިލަކަށްވެގެން ފައިބައިގަތެވެ.  "އަހަރެން ދޫކޮށްލާފައި ޒުބޭރުވެސް ނުދޭ...މަންމަ ފަދައިން.....އަހަރެންގެ އިތުރު އެއްވެސް މީހެއްނެތް..........."އޭނައަށް ޒުބޭރުގެ އިނގިލިތަކަށް ބާރުކޮށްލެވުނެވެ.  މެޝިން އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ.  ތުނިކޮށް ވެހެންފެށި ވާރޭ ބޯކޮށްލީ އޭނަގެ ކަރުނަފަދައިންނެވެ. ކުޑަދޮރަށް ހަމަލާދޭންފެށިއެވެ. އޭނަ ކަރުނުން ފުސްވެފައިވާ ލޮލުން ދޮރާއި ދިމާލަށް ބަލަންފެށިއެވެ. އަނެއްކާވެސް ވާރޭ އައީ ހަމަ އެފަދަ މެސެޖަކާއިގެން ހެއްޔެވެ؟ ކުރީފަހަރު ޒުބޭރުވަނީ ނުރައްކަލުގައިކަން ބުނެދޭން ލައިލާއައީވެސް މިފަދަ ރެއެއްގައެވެ.  ނުނިމޭ
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
            