އިމިގްރޭޝަންއަށް މިފަހަރު 70 މުވައްޒަފުން ނަގަނީ؛ އިންޓަވިއު މާދަމާ

މޯލްޑިވްސް އިމިގްރޭޝަނުން 70 މުވައްޒަފުންގެ ވަޒީފާގެ ފުރުސަތު ހުޅުވާލައި، މާދަމާ ވޯކިން އިންޓަވިއު ޝެޝަންއެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިމިގްރޭޝަންގެ އޮފިސާ ޓްރައިނީސްގެ މަގާމަށް 70 މުވައްޒަފުން ހޮވާ މި އިންޓަވިއު އޮންނާނީ މާދަމާ ހެނދުނު 8:30 އިން ހަވީރު 4:30އަށް، ހުޅުޅުމާލެ ފޭސް ދޭއްގައި ހުންނަ ސަލާހުއްދީން ސްކޫލްގަ އެވެ.
ތަފްސީލު- އިމިގްރޭޝަންގެ މީޑީއާ އޮފިޝަލް މިއަދު 'ދައުރު'އަށް ވިދާޅުވީ، މާދަމާ ބާއްވާ ބޮޑު ހަރަކާތުގައި ފުރަތަމަ ކުރިއަށް ދާނީ ސްކްރީން ކުރުމުގެ މަރުހަލާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
ސްކްރީން ކުރުމުގެ މަރުހަލާގައި ބަލާނީ ޝަރުތު ހަމަވޭތޯ
ޝަރުތު ހަމަވާ ފަރާތްތަކަށް އިންޓަވިއުއަށް ކިއު ނަންބަރު ދޫކުރާނެ
އިންޓަވިއުއަށް ފަހު، ހޮވޭ މީހުންނަށް ދޭނީ އިމްތިހާނެއް
"އެ އިމްތިހާނަށް ފަހު، ވަޒީފާއަށް ހޮވޭ ފަރާތްތައް ވީހާވެސް އަވަހަކަށް ވަޒީފާއަށް ނެރޭނެ،" އޭނާ ވިދާޅުވި އެވެ.
މަގާމުގެ މައިގަނޑު ޝަރުތަކީ:
ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން ދެ މާއްދާއިން ދަށް ވެގެން ޑީ ގްރޭޑް ލިބިފައިވުން
އަދި ސާނަވީ ނުވަތަ މަތީ ސާނަވީގެ ދިވެހި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން
ނުވަތަ، ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން
އުމުރުން 30 އަހަރުވެފައި ނުވުން
މިފަހަރު ވަޒީފާއަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުގައި ހުންނަ އިމިގްރޭޝަންގެ އެކި އޮފީސްތަކުގައި ދައުރުވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ދެ ޓާމިނަލް އާއި ސީޕޯޓު އަދި ވިސާ ސާވިސްގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އިންޓަވިއު ކުރިއަށް ދާއިރު ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެ އެވެ. އެގޮތުން ވަޒީފާ އަށް ކުރިމަތިލާ ފޯމާއެކު: 
ތައުލީމީ ސެޓްފިކެޓުތަކުގެ އަސްލާއި ކޮޕީ
ސީވީ
އައިޑީކާޑުގެ ކޮޕީ
ވަޒީފާގެ ތަޖުރިބާ ހުރި ނަމަ އޭގެ ލިޔުން ހުށަހަޅަން ޖެހޭ
ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމު
ފާހަގަކޮށްލެވޭ ކަމެއް - އިމިގްރޭޝަންގެ ވަޒީފާއަށް މުވައްޒަފުން ނެގުމަށް އެންމެ ފަހުން މިގޮތަށް ބޮޑު ހަރަކާތެއް ބޭއްވީ، މިދިޔަ މެއި މަހު އެވެ. އެފަހަރު 50 ވަޒީފާގެ ފުރުސަތަށް ހުޅުވާލި އިރު، ބޮޑު ތަރުހީބެއް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ