ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއަށް ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ބިދޭސީ މަސައްކަތްތެރިންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ގޮވާލައްވައިފި އެވެ. 
ފޭސްބުކްގައި އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމަށް ފައިސާ ފޮނުވުމުގައި ހުރި ދަތިތަކާ މެދު ކަންބޮޑުވެ އެކަމުގައި ހައްލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމަށް އެދި ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކާއި ހޮސްޕިޓަލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ފަރާތުން، ޓީމެއް ނިމުނު ހަފްތާގައި ބައްދަލުކުރި ކަމަށެވެ. 
"އެ ބޭފުޅުން ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުމަކީ، އެ ބޭފުންގެ އާއިލާތަކަށް އެހީތެރިވުމަށާއި، ގައުމުގައި އަދާކުރަންޖެހޭ ދަރަނިތަކާއި އެހެނިހެން ހަރަދުތަކަށް ބޭނުންވާ ފައިސާ ނުފޮނުވޭނަމަ ރާއްޖެގައި މަސައްކަތް ކުރުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެކަން، އަދި ކަމާ ގުޅުންހުރި ފަރާތްތަކުގައި ދަންނަވައިގެން މިކަމަށް ހައްލެއްހޯދުމަށް މަސައްކަތްކޮށްދިނުމަށް އެދިފައިވޭ،" އާތިފް ވިދާޅުވި އެވެ. 
މޭޔަރު ވިދާޅުވީ ސަރުކާރުގެ ދޯދިޔާ މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހީނަރުވެ ޑޮލަރު ލިބުންދަތިވެފައިވާ މި ދަނޑިވަޅުގައި، ބިދޭސީ މުވައްޒަފުންނަށް އިތުރަށް ދަތިވެގެން އެދިޔައީ ލިބޭ އުޖޫރައިގެ ތެރެއިން އެ ބޭފުޅުންގެ އާއިލާތަކަށް އެސް.ބީ.އައި މެދުވެރިކޮށް ފައިސާ ފޮނުވުމަށް އޮތް 500 ޑޮލަރުގެ ލިމިޓް މީގެ ހަތަރުމަސް ކުރިން 400 ޑޮލަރަށް ކުޑަކޮށްފައި އޮއްވާ އަނެއްކާ މިހާރު އެ އަދަދު ޖުމްލަ 150 ޑޮލަރަށް ކުޑަވެގެން ދިއުން ކަމަށެވެ. 
މި މައްސަލައަކީ އެންމެންވެސް ނުހަނު ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި ސަބަބަކީ ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާއަކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނަށް މިވަގުތު ބަރޯސާވެފައިވާ dެ ދާއިރާ ކަމަށްވާއިރު، ދިވެހިރާއްޖޭގައި މި މަގާމުތައް ފުރޭވަރަށް މި ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާވެފައިނެތުން ކަމަށް މޭޔަރު ވިދާޅުވި އެވެ. 
"މި ދާއިރާތަކުގެ ހިދުމަތަށްް އެއްވެސް ބުރޫއެއް އެރުމަކީ މިއަދު އަޅުގަނޑުމެންނަށް ބަރުދާސްތުކުރެވެން އޮތް ކަމެއް ނޫން، އެހެންކަމުން މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރަށާއި ގުޅުންހުރި މުވައްސަސާތަކަށް ގޮވާލަން،" މޭޔަރު ވިދާޅުވި އެވެ. 
މި ފެށޭ ހަފްތާގައި ރަސްމީކޮށް ވެސް މި ކަންބޮޑުވުންތައް ގުޅުންހުރި މުވައްސަސާތަކަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ކަނޑައަޅާފައިވާ ރޭޓް ދަށްކުރުމުން ޓީޗަރުންގެ ފަރާތުން ކަންބޮޑުވުންތައް ސްކޫލްތަކާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ކަންބޮޑުވުންތަކާ ގުޅޭ ސިޓީ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ފޮނުވާފައިވެ އެވެ.
    
    އެސްބީއައި އިން ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭން މޭޔަރު ގޮވާލައްވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            