2007އިން ފެށިގެން އުފަންވި އަދި އުފަންވާ އެންމެންނަށް ސިނގިރޭޓު މަނާވެއްޖެ
ދެހާސް ހަތްވަނަ އަހަރު އުފަންވި އަދި އެއަށްފަހު އުފަންވާ އެންމެންނަށް މިއަދުން ފެށިގެން ސިނގިރޭޓު ވިއްކުން މަނާވެ، ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފަށައިފިއެވެ. ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޓަކައި މި ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވީ، މިދިޔަ މޭ މަހުގެ 21ވަނަ ދުވަހެވެ. ޖެނެރޭޝަނަލް ބޭންއަކީ، ވަކި އަހަރަކުން ނުވަތަ ތާރީޚަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށް ވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް، އެފަދަ ފަރާތްތައް ދުންފަތުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެހެން ޤާނޫނީގޮތުން ކަނޑައެޅުމެވެ. https://sun.mv/213370 ޖީލަކަށް ދުންފަތް މަނާކުރުމުގެ މި ގާނޫނަށް އަމަލުކުރަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ފާއިތުވި 10 ދުވަސް ތެރޭ ހެލްތު މިނިސްޓްރީއާ ކަމާ ގުޅުންހުރި އިދާރާތަކުން ގިނަ ހަރަކާތްތަކެއް ވަނީ ހިންގައިފައެވެ. އެގޮތުން ޚާއްސަ ކައުންޓްޑައުން ޝޯއަކާއި، 24 ގަޑިއިރުގެ ދުވުމެއް ވަނީ ފަށައިފައެވެ. މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022އަށް ބަލާއިރު ރާއްޖޭގައި އެންމެގިނައިން މީހުން ބަލި މަޑުކަމާއި ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ވެސް ދުންފަތާއި ގުޅުން ހުރި ގައިންގަޔަށްނާރާ ބަލިތަކެވެ. https://sun.mv/206304 ހިތުގެ ބައްޔާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބައްޔާއި ކެންސަރު ބައްޔަށް ހުށަހެޅޭ އާއްމު އެއް ހިރާސް އަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމެވެ. ރާއްޖޭގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ގާތްގަނޑަކަށް %84 މީހުންނަކީ މިފަދަ ބަލިތަށް ޖެހިގެން މަރުވާ މީހުންނެވެ. އާސަންދައިން އެންމެ ބޮޑު ހޭދައެއްކުރަން ޖެހެނީ ވެސް މިފަދަ ބަލިތަކަށް ފަރުވާ ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ