ޙައިޟްވުމަކީ އެކަމުގެ ޢުމުރުގައި ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ އަންހެނަކަށްވެސް ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަމެކެވެ. އެހެންކަމާއިއެކުވެސް އަންހެނުންނަށް ޙައިޟުގެ ދުވަސްވަރު ކުރިމަތިވާތީ އެއީ އަންހެނުންނަށް ﷲ ތަޢާލާ ދެއްވަވާ ނިކަމެތިކަމެއްކަމަށް ދެކޭ ބައަކު އެބައުޅެއެވެ. އެމީހުންނަށް ހަމަ ނުއެނގެނީއެވެ. އެއްވެސް މީހަކަށް ދެރަ ނިކަމެތިކަމެއް ﷲ ތަޢާލާ މިންވަރެއް ނުކުރައްވަވާނެއެވެ. ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ސަބަބުތަކެއް ހުންނާނެއެވެ. އެކަންކަން ނުވިސްނެނީއެވެ.
ޙަޤީޤަތަށް ބަލާށެވެ. އެދުވަސްވަރު އަޅަންޖެހޭ ވޭން ބޮޑުކަމުން އެނދުން ނުތެދުވެވޭ ބައަކުވެސް އުޅެއެވެ. އެކަމަށް ފުންކޮށް ވިސްނައިލާށެވެ. އެޙާލަތަކީ އެޙާލަތު ކުރިމަތިކުރެއްވެވީތީ ﷲ ތަޢާލާއަށް ޝުކުރުކުން އިތުރުކުރަން ދެއްވަވާ ފުރުޞަތެކެވެ. އެމީހެއްގެ ޢަމަލުތައް އިޞްލާޙްކޮށް ކިޔަމަންތެރިކަން އިތުރުނުކޮށް ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ މަގުން ކުރިއަށްދާނަމަ ދެއްވަވާނެ ގަދަފަދަ ޢަޛާބާއިމެދު ވިސްނާލަން ލިބޭ ވަރަށް އަގުހުރި ފުރުޞަތެކެވެ. ތަޤްވާވެރި އަންހެނުންނަށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކޮށް ތިމާގެ ދަރަޖަ މަތިކޮށްލަން ދެއްވަވާ ފުރުޞަތެކެވެ.
ހަމަ އެއާއިއެކު މައްސަރު ކަންތަކުގައި ގެއްލިގެންދާ ނަމާދުތައް ޤަޟާކުރަން ނުޖެހޭކަން އެއީ ދެއްވަވާފައިވާ ކޮންފަދަ ބޮޑު ލުޔެއް ހެއްޔެވެ؟ އަދިވެސް ވިސްނައިލާށެވެ! މައްސަރުކަންތައް ޖެހިގެން ހުންނަ ދުވަސްތަކުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކޮށް ހެދުން ވަނީ ހުއްދަކުރައްވަވައިފައެވެ.
އެކަމުން އެނގެނީ އަހުރެމެން އަބަދުވެސް ތިބެންޖެހޭނީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރުން މަތީގައި ކަމެވެ. ހަމައެއާއިއެކު އަންހެނުންނަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ބައަކު ކަމެވެ.
އަދި ދުނިޔަވީ ކަމެއްވެސް ފާހަގަކޮށްލާނަމެވެ. ބައެއް އަންހެނުންނަކީ ޞިއްޙީ ގޮތުން ތަފާތު މައްސަލަތައް ހުންނަ ބައެކެވެ. އެއްދާން ކުރުމަށް ހުރަސްތައް ކުރިމަތިވާ ބައެކެވެ. ޙައިޟުގެ ދުވަސްވަރަކީ އެކަނބަލުންނަށް އެކަމުގައި ލިބޭ ވަރަށް ބޮޑު ލުޔެކެވެ. ޗުއްޓީއެކެވެ.
ވީމާ ހަމައެކަނި މިކަންކަމަށް ވިސްނައިލި ނަމަވެސް ޙައިޟްވުމަކީ ﷲ ތަޢާލާ އަންހެނުންނަށް ލައްވަވާ ވަރަށް ބޮޑު ރަހްމަތެއްކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ. ޙައިޟްވުމާއިމެދު ނުބައި ގޮތްގޮތަށް ވިސްނެނީ މިބަޔާންކުރި ފަދަ ކަންކަން ނުވިސްނޭތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މައްސަރުކަންތައް ކުރިމަތިވުމަކީ ކަންބޮޑުވެ ހިތާމަކުރަންޖެހޭ ކަމެއް ނޫން! އެއީ ތިއަ ކަނބަލުންނަށް ފައިދާކުރާނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ