ދުންފަތާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅުކަމަށްވާ "ޖެނަރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ޖެނަރޭޝަނަލް ބޭނަށް މިއަދުން ފެށިގެން އަމަލުކުރަން ފެށުމުން 2007 ފެށިގެން އުފަންވެފައިވާ އަދި އޭގެފަހުންވެސް އުފަންވާ ކުދިންނަށް މިއަދުން ފެށިގެން ޤާނޫނީގޮތުން ދުންފަތް މަނާވާނެއެވެ.
2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާގޮތަށް މަޖިލީހުން ފާސްކުރި ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވާފައިވަނީ މިއަހަރުުގެ މެއިމަހުގެ 21 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
1. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ. ނަތީޖާއަކަށްވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމަޢަކަށްވުމެވެ.
2. ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ.
3. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެއެވެ.
4. މި ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.
މިއަދުން ފެށިގެން ޖެނަރޭޝަނަލް ބޭންއަށް އަމަލުކުރަން ފެށިގެންދިޔައިރު މިއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ރާއްޖެއިން މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.
މިއަދުން ފެށިގެން "ޖެނެރޭޝަނަލް ބޭން" އަށް އަމަލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ