މާލީ ކަންކަން ހަރުދަނާކުރުމުގައި ސަރުކާރާއި މަރުކަޒީ ބޭންކު، އެމްއެމްއޭއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ މާލީ ކަންކަމާއި ރިޒާވަށް ލިބުނީ ވަގުތީ ކުރިއެރުންތަކެއް ކަމަށާއި، ދަރަންޏާއި ބޭރު ފައިސާގެ ނުރައްކާ އިހުނެކޭ އެއް ވަރަށް ދެމި އެބަ އޮތް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން އަހަރަކު އެއް ފަހަރު ނެރޭ، މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓުގެ މި އަހަރުގެ ރިޕޯޓުގައި ބުނި ގޮތުގައި، ބޭރު ފައިސާގެ ލިކުއިޑިޓީ ޕްރެޝަރު ބޮޑުވެ، އަމިއްލަ ވިޔަފާރިތަކަށް ޑޮލަރު ލިބުން ދަތިވަމުން އަންނަ ކަމުގެ ހެކިތައް އަންނަނީ އިތުރުވަމުންނެވެ.
ބޭރު ފައިސާގެ ދަތިތަކާ ހުރެ، އަންނަ އަހަރުގެ އޭޕްރިލްގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދެއްކުމަށް ދަތިތައް އަދިވެސް ބޮޑު ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
މި މައްސަލައިގައި ވޯލްޑް ބޭންކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން ފައިސާ ލިބުން ދަތިވެފައިވާތީ އެވެ. މީގެ ސަބަބުން ރާއްޖެއަށް ފައިސާ ހޯދޭނެ މަގުތައް ވަނީ މަދު ބައިލެޓަރަލް ބައިވެރިންކޮޅަކާއި، އަގު ބޮޑު ކޮމާޝަލް ދަރަންޏާއި، އެތެރޭގެ ބޭންކުތަކަށް، ލިމިޓުވެފައި ކަމަށް އެ ބޭންކުން ބުންޏެވެ.
ބޭރުން ފައިނޭންސިން ލިބުން ދަތިވެ، އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާތީ، ބޭންކުތަކުން ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓުކޮށްފައި ހުރި އަދަދު ވޭތުވި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުންޏެވެ.
ވޯލްޑް ބޭންކުން ވަނީ ބަޖެޓު ސާޕްލަސް ހިފަހައްޓަމުން އަންނަކަން ފާހަގަކޮށް، މީގެ ސަބަބުން ނުދައްކައި ހުރި ބިލުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފަ އެވެ.
މިހެން ގަބޫލުކުރާ ސަބަބެއް ކަމަށް ރިޕޯޓުގައި ވަނީ، ކެޕިޓަލް ހަރަދުތައް ކުރުން މަޑުޖައްސާލާފައި އޮތަސް ހިންގަން ރާވާފައިވާ ޕްރޮޖެކްޓުތަކަށް އެއްވެސް ބަދަލެއް ނާންނާތީ ކަމަށެވެ. އަދި ސަރުކާރުން ބުނި ގޮތަށް އިގުތިސޯދީ އިސްލާހީ އެޖެންޑާގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ވެސް ފާހަގަކޮށްފައި ވެ އެވެ.
ވޯލްޑް ބޭންކުން ބުނީ އިގުތިސޯދާއި މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން ހަރަދުތައް ކުޑަކުރާށާއި، އިތުބާރު ކުރެވޭ ވަރުގެ ފައިނޭންސިން ޕްލޭންއެއް ދައްކަން ސަރުކާރަށް ގޮވާލާފަ އެވެ.
"މެކްރޯއިކޮނޮމިކް އަދި ފިސްކަލް ސަސްޓެއިނަބިލިޓީ އަލުން އިއާދަކުރަން ފުރިހަމަ މާލީ އެޖަސްޓުމަންޓެއް ގެނެސް، ބަލައިގަނެވޭ ވަރުގެ ފައިނޭންސިން ސްޓްރެޓަޖީއެއް ބޭނުންވޭ،" ރިޕޯޓުގައި ބުންޏެވެ.
މާލީ ކަންކަން ހަރުދަނާކުރަން ގޮވާލިއިރު، ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ އިގުތިސޯދު ޓޫރިޒަމަށް ބަރޯސާވާ މިންވަރު މާ ބޮޑު ކަަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ ސަބަބުން ރާއްޖެ ވަނީ، ބޭރުން އަންނަ ކުއްލި ޝޮކެއްގެ ނުރައްކަލަށް ވަރަށް ބޮޑަށް ހުށަހެޅިފައި ކަމަށް އެ ބޭންކުން ގަބޫލުކުރެ އެވެ.
ނިމުނު އަހަރުގެ ތެރޭގައި އިގުތިސޯދު ކުރިއަރާ މިންވަރު މަޑުޖެހުނު ސަބަބަކީ ވެސް، ޓޫރިޒަމް ސިނާއަތުގެ ދުވެލި މަޑުޖެހުމެވެ. ޓޫރިޒަމް ސިނާއަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓޫރިސްޓުން އަންނަ ނަމްބަރުތައް އިތުރުވީ ނަމަވެސް، ރާއްޖޭގައި ހޭދަ ކުރާ މުއްދަތު ކުރުވުމެވެ.
ވޯލްޑް ބޭންކުން މިހެން ބުނި އިރު، މިދިޔަ ބުރާސްފަތި ދުވަހު ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން ރާވާފައި ވަނީ އޭގެ ތެރެއިން 450 މިލިއަން ޑޮލަރު ރީފައިނޭންސް ކުރާށެވެ.
ރާއްޖޭން ހޯދީ ވަގުތީ މާލީ ކުރިއެރުންތަކެއް، ނުރައްކާ ފިލައިގެން ނުދޭ: ވޯލްޑް ބޭންކު ރާއްޖޭން ހޯދީ ވަގުތީ މާލީ ކުރިއެރުންތަކެއް، ނުރައްކާ ފިލައިގެން ނުދޭ: ވޯލްޑް ބޭންކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ