'ބޯހިޔާވަހިކަމަށް އިހުމާލުވެފައިވާތީ' އެމްޑީޕީން އެއްވެ އަޑުއުފުލައިފި

މާލެ ސަރަހައްދު ގޯއްޗާއި ފްލެޓް ދޫކުރުމުގައި ސަރުކާރުން ހިޔާނާތްތެރިވެފައިވާ ކަމަށާއި އެކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ އެމްޑީޕީން މިރޭ އަޑުއުފުލައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީއިން މިރޭ ވަނީ 'ކޮބާ ކޮބާ މަގޭ ފްލެޓް، ކޮބާ ކޮބާ މަގޭ ގޯތި' ޝިއާރުގެ ދަށުން ކާނިވާ ސަރަހައްދުގައި އެއްވުމެއް ބާއްވާފަ އެވެ. އެ އެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ މެމްބަރުންގެ އިތުރުން ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވާހަކަ ދެއްކެވި އެވެ.
އެ އެއްވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ، ބޯހިޔާވަހިކަމުގައި ސަރުކާރުން އިންސާފުން ބޭރުން ކަންތައްތައް ކުރާކަމުގެ ޝަކުވާ އަޑުހަރުކޮށް ކުރައްވާފަ އެވެ. އަދި ވެފައިވާ ވައުދުތައް ނުފުއްދައި ރައްޔިތުންނާ މެދު އިހުމާލުވަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ އެއްވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ އެމްޑީޕީގެ ސަރުކާރުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރި މަސައްކަތާއި މިހާރު އޮތް ސަރުކާރުން އެކަމުގައި އަމަލު ކުރަމުންދާ ގޮތް އަޅާބައްލަވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރު ނިމުނު އިރު ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މައުރޫފް ވިދާޅުވީ މިހާރު ހިއްކަމުންދާ ފަޅުތަކުން ނުނިމި އޮތީ ވަރަށް ކުޑަ ތަންކޮޅެއް ކަމަށާއި ފްލެޓް އަޅަން ހަވާލު ކުރި ކުންފުނިތަކަށް ފައިސާ ވެސް އޮތީ ދައްކާފައި ކަމަށެވެ. އެކަމަކު މި ސަރުކާރުން އެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުރޫފް ވަނީ އެ މަޝްރޫއުތައް ހުއްޓާ ނުލައި ކުރިއަށް ގެންދިޔުމަށް، ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވާފަ އެވެ.
އޭނާ ވިދާޅުވީ:
ބޯހިޔާވަހިކަމާއި ގެއްލިފައިވާ އެހެން ހައްގުތައް ހޯދުމަށް މަގުމައްޗަށް ނުނިކުމެ ދެން ނުތިބެވޭނެ ކަމަށް
އެ ހައްގުތައް ހޯދުމަށް މެދުކެނޑުމެއްނެތި މުޒާހަރާކުރަން ޖެހޭ ކަމަށް
އެމްޑީޕީން މަގުމައްޗަށް ނުކުތުމުން، ސަރުކާރުން ކަންކަން ކޮށްދޭ ކަމަށް އޭނާ ވިދާޅުވި
"އެހެންވެ މި ދަންނަވަނީ މި މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ އެއްވުމަށް، ވީހާ ވެސް ގިނަ ބަޔަކު ނުކުންނަން ޖެހެއޭ. ގެއްލިފައިވާ ހައްގުތައް ހޯދަން ނުކުންނަން ޖެހެއޭ،" އެމްޑީޕީން ބޭއްވުމަށް ނިންމާފައިވާ ބޮޑު މުޒާހަރާއަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވި އެވެ.
މިރޭގެ އެއްވުމުގައި ދެން ވާހަކަ ދެއްކެވި ބައެއް ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ