ދެހާސް ހަތަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރާ 'ޖެނެރޭޝަނަލް ބޭން'އަށް މާދަމާ އަމަލު ކުރަން ފެށުން ފާހަގަކުރުމުގެ ދުވުން މިއަދު ހަވީރު ފަށައިފި އެވެ. 
ފަސްމަންޒަރު - ޖެނެރޭޝަނަލް ބޭން ހިމެނޭ ގޮތަށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުގައިވާ ގޮތުން:
ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ
އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ބައިވެރިކޮށްގެން ނުވާނެ
މިހާރު ވެސް އޮންނަ ގޮތަށް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ
އެއާ އެކު، ނޮވެމްބަރުން ފެށިގެން، ރާއްޖޭގައި މިހާރު އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ އެންމެންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މުޅިން މަނާވާނެ އެވެ.
ތަފްސީލް - ތާރީހީ މި ފިޔަވަޅު ފާހަގަ ކުރުމުގެ ގޮތުން، މިއަދު ހަވީރު މާލޭގައި ވަނީ 24 ގަޑިއިރުގެ  ދުވުމެއް ފަށާފަ އެވެ.  ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ގޮތުން، 'ނެޝެނަލް ޓޯޗް ރަން'ގެ ނަމުގައި، މާފަންނު އެކުވެނި ޓްރެކްގައި މި ދުވުން ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. 
މާދަމާ ހަވީރު 4 ޖަހަންދެން ކުރިއަށް ގެންދާ މި ދުވުމުގައި ބައެއް ވަޒީރުންނާއި އެތުލީޓުންނާއި ކުންފުނިތަކުގެ މުވައްޒަފުންނާއި ކުޅިވަރު ކްލަބްތަކުން ބައިވެރިވެ އެވެ. 
ދުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ރާއްޖެ މިހާރު މި އޮތީ މި ފަދަ 'ބޭން'އަކަށް ތައްޔާރުވެފައި ކަމަށެވެ. 
އޭނާ ވިދާޅުވި ގޮތުގައި:
މި ފަދަ ސިޔާސަތެއް ތަންފީޒުކުރުމަށް އެންމެ މުހިއްމީ ސިޔާސީ ގޮތުން ދޭ އެއްބާރުލުން
ސަރުކާރުގެ ހުރިހާ ދިމާއަކުން ވެސް މިހާރު އެކަމަށް އެއްބާރުލުން ލިބޭ. ހުރިހާ ދިމާއަކުން ވެސް ފެންނަނީ، ދުންފަތް ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ގޮތަށް ކަންކަން ތަރުތީބު ކުރާތަން
މި ފަދަ ކަމެއް ތަންފީޒު ކުރާ ފުރަތަމަ ގައުމަކަށް ރާއްޖެވުމަކީ ކުރިއަށް އެޅި މުހިއްމު ފިޔަވަޅެއް 
ފާހަގަކުރެވޭ - ޖެނެރޭޝަނަލް ބޭންއާ ގުޅިގެން މާލޭގައި 24 ގަޑިއިރު ދުވުމެއް ބާއްވާއިރު، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިއަދު ހަވީރު ވަނީ ހިނގާލުންތައް ކުރިއަށް ގެންގޮސްފަ އެވެ. 
ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް 'ޖެނެރޭޝަނަލް ބޭން'އެއް ކަނޑައެޅުމަށް ފާސްކުރުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެއީ 'ޖެހިލުންކުޑަ' ނިންމުމެއް ކަމަށް ބުނެ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
    
    'ޖެނެރޭޝަނަލް ބޭން'އަށް 24 ގަޑިއިރު ދުވަން ފަށައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
             
             
             
            