އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް މިއަދު ކަރަންޓު ކަނޑަން ފަށައިފިއެވެ. އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި 12:56ގައި ބުނެފައި ވަނީ، ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މަރަދޫއާއި ފޭދޫ އިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެގޮތުން، މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ޓެކަނިކަލް ޓީމުން ކުރާ ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ. އޭގެފަހުން، އިތުރު ސަރަހައްދުތަކުން ކަރަންޓު ކަނޑާނެކަން އެ ގުރޫޕުގައި ވަނީ އަންގާފައެވެ. މިގޮތުން، އިތުރަށް ލޯޑު މެނޭޖުކުރުމަށް 14:00އިން މެދުވަލު ސުކޫލު ސަރަހައްދުން އެއް ގަޑިއިރަށް ކަރަންޓު ދާނެ ކަމަށާއި 14:20ގައި ބީއެމްއެލް ސަރަހައްދުން ކަރަންޓުދާނެ ކަމަށް ބުނެފައިވެއެވެ. އެ ގުރޫޕުގައިވާ ގޮތުން، ކޮންމެ ސަރަހައްދަކުން ކަރަންޓު ކަނޑަނީ އެއް ގަޑިއިރަށެވެ. އައްޑޫގައި ހުންނަ އެމްއެންޔޫ ސަރަހައްދުންނާއި އައްޑޫ ސިޓީ ކައުންސިލް ސަރަހައްދުން 15:00އިން ފެށިގެން ކަރަންޓު ކެނޑޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އޭގެއިތުރަށް، 15:30 ފެށިގެން އައްޑޫގެ އިތުރު ސަރަހައްދަކުން ކަރަންޓު ކަނޑާނެ ކަމަށް ފެނަކައިން ބުނެއެވެ. އެއީ، ޝީޝާ ސަރަހައްދެވެ. މިއީ އެ ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ، އެތައް ދުވަހެއް ވެއްޖެއެވެ. އެގޮތުން، މިދިޔަ ރޯދަ މަހު ވެސް އައްޑޫގައި މެދުނުކެނޑި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. https://sun.mv/208890 އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާރިޗު މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށް ފަހު، ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާރިޗު މަހުގެ 31ވަނަ ދުވަހުގައެވެ. ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެ ތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް، އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ