އެސްއޯއީތައް ހަލާކުނުކޮށް ޕްރޮޖެކްޓްތައް ދޭންވީ ޕްރައިވެޓް ސެކްޓާއަށް: ސޯލިހު އެސްއޯއީތައް ހަލާކުނުކޮށް ޕްރޮޖެކްޓްތައް ދޭންވީ ޕްރައިވެޓް ސެކްޓާއަށް: ސޯލިހު

ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތައް ތަންފީޒުކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލުކޮށްގެން އެ ކުންފުނިތައް ހަލާކުނުކޮށް، މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
އެކި ދާއިރާތަކުން ހއ. ހޯރަފުށްޓަށް ހިދުމަތްކުރި މީހުންނަށް އެވޯޑު ދިނުމަށް ހާއްސަކޮށްގެން ރޭ އެރަށުގައި ބޭއްވި "ހޯރަފުށި ދުވަސް" ޖަލްސާ ޝަރަފުވެރިކޮށް ދެއްވުމުގެ ގޮތުން ސޯލިހު ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރަނގަޅަށް ހިނގަހިނގާ ހުރި ސަރުކާރުގެ ކުންފުނިތައް ހަލާކުކޮށްލަމުންދާ ކަމަށެވެ.
"މިއުޅެނީ ކިރިޔާވެސް ރަނގަޅަށް ހިނގަ ހިނގާހުރި ހުރިހާ ކުންފުންޏެއް ހަލާކުވާން. އަޅުގަނޑުމެން ވަރަށް ފުންކޮށް މި ހުރިހާ ކަމަކާ ދޭތެރޭގައި އެބަ ވިސްނަން ޖެހޭ. ވަޒީފާ ބޭނުންވޭ އެންމެންވެސް. ވަޒީފާ ދޭން ވެސް ޖެހޭނެ. އެކަމަކު މިހާރު މި ސަރުކާރުން އެ ދޭ ގޮތަކަށެއް ނޫން،" ސޯލިހު ވިދާޅުވި އެވެ.
ހަމައެކަނި ސަރުކާރުގެ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރިތަކަށް އެހީތެރިކަމާއި ލޯނު ދީގެން، އެ ވިޔަފާރިތައް ބާރުވެރިކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ނޫން. ކިހިނެއްތޯ ސަރުކާރަކުން މި ހުރިހާ އެންމެންގެ މުސާރަ ދީ، އެހެން ކަންތައްތައް ކުރާނީ. ސަރުކާރުން ކުރަންވީ ކަމަކީ ޕްރައިވެޓް ސެކްޓާއަށް އަމިއްލަ ވިޔަފާރިވެރިންނަށް ފުރުސަތު ދޭންވީ. އެމީހުންނަށް އެހީތެރިކަން ދޭންވީ. އެމީހުންގެ މަސައްކަތްތައް ފެށޭނެ ގޮތް ހަދައިދޭންވީ. ލޯނު ހޯދަ ދޭންވީ. އޭރުން އުފެދޭނެ ވަޒީފާ،" ސޯލިހު ވިދާޅުވި އެވެ.
މި ސަރުކާރުން ފުލުފުލުގައި ވައުދުތައް ވަމުންދާކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ މިހާތަނަށް 15 ވަރަކަށް އެއާޕޯޓު އަޅާނެ ކަމަށް ވައުދުވީ ވެސް އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ.
ސޯލިހު ވިދާޅުވީ އެއާޕޯޓެއް އަޅަން މަދުވެގެން 12 މިލިއަނާއި 15 މިލިއަން ޑޮލަރު ހަރަދުވާ ކަމަށާއި އެކަން ފުރިހަމަކުރާނެ ފައިސާ އާއި މީހުން ވެސް ބޭނުންވާނެ ކަމަށެވެ.
މީގެއިތުރުން ދުވަހަކުވެސް އެއާޕޯޓު ނާޅާ އެމްއޭސީއެލްއާ އެއާޕޯޓުތައް އެޅުމުގެ އިތުރުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކުރާއިރު އެކަން އެމްއޭސީއެލް އިން ކުރާނެ ގޮތެއް ވެސް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ