ކޮންމެ ލޯނެއް ވެސް ދޫކުރާނީ އުސޫލުތަކާ އެއްގޮތަށް: ބީއެމްއެލް

ބިޑަށް އާންމުކޮށް ހުޅުވާނުލައި މިދިޔަ ބުރާސްފަތި ދުވަހު މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ލޯނުދިނުމުގެ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، ކޮންމެ ފަރާތަަކަށް ވެސް ލޯން ދޫކުރަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެެވެ.
ވީ ކިހިނެއް؟ - އުމްރާނީ ތަރައްގީއާ ގުޅުންހުރި ނުވަ ދާއިރާއަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސޮއިކޮށްފަ އެވެ. އާންމުކޮށް އިއުލާން ނުކޮށް، ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން، 53 އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މި މަޝްރޫއުތަކުގެ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް އިންވެސްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ދިވެހި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފާސްކޮށްފައިވާ ޕީއެސްއައިޕީ އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް މަޝްރޫއަށް ފައިނޭންސް ލިބޭނެ އެވެ. 
ބުނީ ކީކޭ؟ - މި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބީއެމްއެލް ބޯޑުގެ ހުއްދައާ ނުލާ އަދި ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސާއި މިނިވަންކަމާ އެކު ކަމަށެވެ. މިކަން ބޭންކުން ހިފަހައްޓަމުން އަންނަ ކޯޕަރޭޓް ގަވާނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ:
ބޭންކުން ހިފަހައްޓަމުން އަންނަނީ ބައިނަލްއަގުވާމީ ބޭންކިން ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތައް
ބޭންކުގެ އޮނިގަނޑުތައް ގާއިމުކޮށްފައިވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގަވާއިދުތަކާއި މިންގަނޑުތަކުގެ އިތުރުން، ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ އުސޫލުތަކަށް 
ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން އަންނަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުން؛ މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ
ބީއެމްއެލް ހިންގަމުން އަންނަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސިޔާސަތުގެ މައްޗަށް އަދި ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާ އެއްގޮތަށް ބޯޑުން ނިންމާ ނިންމުމާއި ދޭ ލަފަ އާއި އިރުޝާދުގެ ދަށުން 
ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ސިޔާސަތުތަކާ އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެގޮތަށް ދޫކުރާ ލޯނުތަކެއް 
ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާއަށް ވެސް ބަލާނެ
ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލައި ލޯނު ދޭނީ އަންޑާ ރައިޓިން އުސޫލާ އެއްގޮތަށް
"މިއީ ކޮންމެ ހާލަތެއްގައި ވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށްވާ ނަމަ ބޭންކުން މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ އެވެ. ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ އެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަނޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ކަަމަށް ބީއެމްއެލް އިން ބުންޏެވެ. އޭގެ ތެރޭގައި، ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރެންޓީ ދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނޭ ކަމަށް އެ ތަނުން ބުންޏެވެ. 
ބީއެމްއެލް އިން ބުނީ، ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރެއް ނޯންނަ ކަމަށެވެ. އެކަން މިހާރު ހިންގަމުން އަންނަނީ ވެސް އަދި ކުރިއަށް އޮތް ތަނުގައި ހިންގާނީ ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ އޫސުލުތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް އެ ތަނުން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރަ އެވެ.  މި އަހަރު ތެރޭ  އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެ އެވެ.
މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ހުރި ޖުމްލަ  އަދަދުތަކަކީ: 
ޓޫރިޒަމް – 8.71 ބިލިއަން ރުފިޔާ 
އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ 
ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ 
އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ
މިއަދަދުތަކުން ވެސް ހާމަވަނީ، އެކި ދާއިރާތަކަށް ބޭންކުގެ ރިސްކްތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުންދާކަން ކަމަށް ބީއެމްއެލް އިން ބުންޏެވެ. 
ބީއެމްއެލް އިން ބުނީ ރާއްޖޭގެ ތަރައްގީ އާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށްވީ ހިނދު، ގައުމީ ތަރައްގީގައި ގައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. 
ނަމަވެސް، ބީއެމްއެލް އިން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވާނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުންޏެވެ.
"މިހެންކަމުން މި ބޭންކާ ގުޅޭ ގޮތުން  އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަމެވެ. އަދި ކަމުގެ މައުލޫމާތު ރަގަޅަށް ނުހޯއްދަވާ، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި  ހިއްސާދާރުންނަށް އޮޅޭ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ