ރާއްޖެ އޮތީ ކޮން ލީޑަރަކާއެކުކަން ހުކުރު ދުވަހު ފެންނާނެ: އަބްދުއްރަހީމް

ދިވެހި ރައްޔިތުން ތިބީ ސާބިތުކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކަމަށާއި އެކަން އަންނަ ހުކުރު ދުވަހު ފެންނާނެ ކަމަށް ޕީއެންސީގެ ޗެއާޕަސަން އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.ޕީއެންސީން އަންނަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ބައްދަލުވުމެއް އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ބުނެ އެ ބައްދަލުވުމަށް މީހުންނަށް ދައުވަތު ދެމުންނެވެ.އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި އެ ޕާޓީން ބާއްވަން ނިންމާފައިވާ ޖަލްސާގެ ތައްޔާރީތަކުގެ ތެރެއިން މިއަދު ނޫސްވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވީ އެ ޖަލްސާ ވާނީ ވެސް ރައީސާ އެކު ރައްޔިތުން ތިބިކަން ސާބިތުކޮށް ދޭނެ ޖަލްސާއަކަށް ކަމަށެވެ.އޭނަ ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުން ޖަލްސާގައި ބައިވެރިވާން ރާއްޖޭގެ ހިސާބުތަކުން އަންނާނީ މިހާތަނަށް ރައީސް ކޮށްދެއްވި ހިދުމަތްތައް ގަބޫލުކޮށް އެކަންކަން ބަލައިގަންނާތީ ކަމަށެވެ.އަބްދުއްރަހީމު ވިދާޅުވީ ހުކުރި ދުވަހުގެ ބާއްވާ ފޯރި ގަދަ ބޮޑު ޖަލްސާގެ ތެރެއިން ވެސް އުންމީދު އާވާނެ އިތުރު އެތައް ކަމެއް ރައީސް އިއުލާން ކުރައްވާނެ ކަށެވެ."ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގިގެން އޮޅުންފިލުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް މިވާނުވާ އެނގޭތީ. ކަން ހިނގާ މަގު އެނގޭތީ، މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވޭތީ،" އަބްދުއްރަހީމު ވިދާޅުވި އެވެ. "އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން ރައްޔިތުން އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު އެބޭފުޅުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަން."ޕީއެންސީން ޖަލްސާއެއް ބާއްވަން ތައްޔާރު ވަމުން އަންނައިރު، މި މަހު 17ގައި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ