ފަރެސްމާތޮޑާ ބޯޓުން ގެއްލުނު މުދަލުގެ ޖުމްލަ އަގު ގާތްގަނޑަކަށް 5 މިލިއަން ރުފިޔާއަށް އަރާ: ކައުންސިލު

އަޑިއަށް ދިޔަ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ ފަހިރޯޅި ބޯޓުގައި ހުރި މުދަލުގެ އަގު ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާއަށް އަރާ ކަމަށް ބެލެވޭ ކަމުގައި ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް އަޙްމަދު އިމްތިޔާޒު މިއަދު ވިދާޅުވެއްޖެއެވެ. "ސަން" އާ ވާހަކަދައްކަވަމުން އިމްތިޔާޒު ވަނީ އިއްޔެ ކަނޑު އަޑިޔަށް ދިޔަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިން "ފަހިރޯޅި" ބޯޓު ފަރަށް އަރާފައިވަނީ މީގެ ދެ ތިން ދުވަސް ކުރިން ކަމަށް ވިދާޅުވެފައެވެ. މި ބޯޓުގެ ބޮޑު ބައެއް އަޑިއަށް ދިއުމާ ގުޅިގެން ބޯޓަށް ލިބުނު ގެއްލުން އެއްކޮށް އެސެސްނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، މި ބޯޓުގެ ފަޅުވެރިންނާ ހަވާލާދެއްވައި، އިމްތިޔާޒު ވިދާޅުވީ މި ބޯޓު ދަތުރުކުރިއިރު އޭގައި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ މުދާ ހުރި ކަމަށެވެ. https://x.com/MNDF_Official/status/1987073450775884064 ފުލުހުން މީޑިއާތަކާ އިއްޔެ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި 'ފަހިރޯޅި' ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު އިއްޔެ ފަތިހު 05:01 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ބޯޓުގައި ތިބި 12 މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހަ ދަތުރުވެރިން ހިމެނެއެވެ. އެއީ ދިވެއްސަކާއި ފަސް ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ދެން އެ ބޯޓުގައި ތިބީ ބޯޓުގެ ކައްޕިއާއި، ވެރިފަރާތާއި، ހަތަރު ބިދޭސީ ފަޅުވެރިންނެވެ. ފުލުހުން ބުނީ ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައެއް އަޑިއަށް ދިޔަ ކަމަށެވެ. https://sun.mv/213625 މި ހާދިސާ ހިނގި ގޮތް ފުލުހުން މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ