އަމީޝާ ޔަތީމު ކުދިންތަކެއް ބަލައި، ޚަރަދުކުރަނީ އެ ކުދިންނަށް ނާންގާ
ފިލްމު "ކާހޯނާ ޕިޔާރު ހޭ"އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ އަމީޝާ ޕަޓޭލް ސިއްރުން ކުދިންތަކެއް އެޑޮޕްޓްކޮށް، އެ ކުދިންގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަމުން އަންނަ ކަމަށް ބުނެފިއެވެ. ދާދި ފަހުން އަމީޝާ މެހެމާނެއްގެ ގޮތުގައި ބައިވެރިވި ރަންވީރު އައްލާހްބާދިއާގެ ޕޮޑްކާސްޓް ޝޯގައި ވާހަކަދައްކަމުން އަމީޝާ ބުނީ، އޭނާއަކީ ކުޑައިރުއްސުރެ ވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. އެގޮތުން، އަމީޝާއަށް ބޮޑުދައިތަ ކިޔާ ކުދިން ކުޑައިރު ގެންގުޅެ، އެ ކުދިންނަށް ކާންދީ ފެންވަރުވާ ރީތިކުރުމަކީ އޭނާ ވަރަށް ކުރާހިތުން ކުރި ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ނަމަވެސް، މިހާތަނަށް ކައިވެންޏެއް ކޮށްފައިނުވާ ބަތަލާއަށް، އަޅާލާނެ ބަޔަކު ނެތް ޔަތީމު ކުދިން ފެނުމުން ވަރަށް ފުން އަސަރެއް ކުރާ ކަމަށާއި އެ ކުދިންނަށް އެހީތެރިވެދީ ލޯތްބާއި އަޅާލުން ދިނުމަކީ ވެސް ހިތުގައި ކަނޑައެޅި އަޒުމެއް ކަމަށާއި އެކަން މިއަދު ފުރިހަމަ ކުރަމުން އަންނަ ކަމަށް އަމީޝާ ވަނީ ބުނެފައެވެ. އަމީޝާ ފިލްމު "ހަމްރާޒް"ގެ މަންޒަރެއްގައި އެކްޓަރު އަކްޝޭ ކަންނާއާ އެކު--ފޮޓޯ/ފިލްމުފެއަ ނަމަވެސް، އެއީ ކޮންތާކު ދިރިއުޅޭ ކިތައް ކުދިން ކަމެއް އަމީޝާ ހާމަކޮށްފައެއް ނުވެއެވެ. ރަންވީރުގެ ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ފިލްމު "ގަދަރު"ގެ ބަތަލާ ބުނީ، އޭނާ އެޑޮޕްޓްކޮށްފައިވާ ކުދިންނަށް ވެސް އެ ކުދިންނަކީ މީހަކު އެޑޮޕްޓްކޮށް ޚަރަދުތައް ބަލަހައްޓާ ކުދިން ކަމެއް ނޭނގޭނެ ކަމަށެވެ. ގާތުގައި ކުއްޖަކު ބަހައްޓައިގެން ބަލައި ބޮޑުކޮށް އެ ކުއްޖަކު ތަރުބިއްޔަތުކުރުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެހެންވެ، އަމީޝާ މިއަދާ ހަމައަށް ވެސް އެއްވެސް ކަހަލަ ޖަނަވާރެއް ވެސް ގޭގައި ނުގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ. އަމީޝާ ސިއްރިއްޔާތުގައި އެޑޮޕްޓްކޮށް ޚަރަދު ބަލަހައްޓަމުން އަންނަ ކުދިންނަށް ރަނގަޅު ފެންވަރުގެ ތައުލީމެއް ހޯދައިދީ، އެ ކުދިން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ބޭނުންވާ ހުރިހާ ކަމެއް ވަރަށް ގާތުން ބަލާ ކަމަށާއި އެ ކަމަށް ބޭނުންވާ ހުރިހާ ޚަރަދެއް ކުރަނީ ޚުދު އަމީޝާ އަމިއްލައަށް ކަމަށް ވަނީ ބުނެފައެވެ. ފިލްމު "ގަދަރު 2"އިން ލިބުނު ކާމިޔާބީއާ އެކު އަމީޝާއަށް ފިލްމު އިންޑަސްޓްރީން އިތުރު ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. ނަމަވެސް، މިހާތަނަށް އެއްވެސް ފިލްމަކަށް އަދި ސޮއިނުކުރާ ކަމަށާއި ފިލްމު ސްކްރިޕްޓްތައް މުތާލިއާ ކުރަމުން އަންނަ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އަމީޝާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ ފިލްމު "ތައުބާ ތެރާ ޖަލްވާ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ