ސާފްގެ ތަޖުރިބާގެ ބޭނުން އޭއެފްސީ ކޮލިފައިންގައި ހިފޭނެ ސާފްގެ ތަޖުރިބާގެ ބޭނުން އޭއެފްސީ ކޮލިފައިންގައި ހިފޭނެ

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން، މިހާރު ސްރީ ލަންކާގައި ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ހޯދާ ތަޖުރިބާގެ ބޭނުން ނޮވެމްބަރު ކުރިއަށްދާ އޭޝިއަން ކަޕް ކޮލިފައިންގައި ބޭނުންހިފޭނެ ކަމަށް 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު، ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މެޗުތައް ވަނީ ނިމިފަ އެވެ. ފުރަތަމަ މެޗު މުބާރާތުގެ ފޭވަރިޓް، އިންޑިއާ އަތުން ރާއްޖެ 6-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ޕާކިސްތާން އަތުން ރާއްޖެ ބަލިވީ، 5-2 އިންނެވެ. އަދި، ތިން ވަނަ މެޗުގައި، އިއްޔެ ބޫޓާން އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.
ބޫޓާނާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ކުރިން ސޮބާ، ސާފް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޒުވާން ޓީމު ގޮވައިގެން އޭނާ މަސައްކަތް ފެށިތާ މި މަހު 24 ވަނަ ދުވަހަށް އެއް މަސް ފުރިހަމަވާނެ ކަމަށެވެ. އަދި، މިހާރު މަސައްކަތް ކުރަނީ، ކުޅުންތެރިން ލައިގެން، "އެއްޗެއް ބިލްޑް" ކުރުމަށް ކަމަށާއި އެ މަސައްކަތުގައި، ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުން މި ލިބުނު ތަޖުރިބާގެ ބޭނުންހިފޭނެ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
"ނޮވެމްބަރު މަހު އޮތް އޭޝިއަން ކަޕް ކޮލިފައިންގައި މި ތަޖުރިިބާގެ ބޭނުންހިފޭނެ ކަމަށް ދެކެނީ،" ސޮބާ ބުންޏެވެ.
އޭއެފްސީ ކޮލިފައިންގައި، ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ގްރޫޕް އެފްގައި ހިމެނެނީ، ކުވެއިތު، ތުރުކުމެނިސްތާން އަދި މޮންގޯލިއާ އެވެ. ކޮލިފައިން މެޗުތައް ތައިލެންޑުގެ ޗޮންބުރީގައި ކުރިއަށްދާނީ، ނޮވެމްބަރު 22-30 އަށެވެ.
ފުރަތަމަ މެޗުގައި، ނޮވެމްބަރު 22 ވަނަ ދުވަހު ރާއްޖޭން މޮންގޯލިއާއާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި އެއް ދުވަސް ފަހުން، 24 ވަނަ ދުވަހު، ކުޅޭނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި، 26 ނޮވެމްބަރުގައި، ތައިލެންޑާ ކުޅުމަށް ފަހު، ގްރޫޕްގައި ރާއްޖޭގެ ފަހު މެޗު އޮންނާނީ، 28 ވަނަ ދުވަހު ކުވެއިތާ ދެކޮޅަށެވެ.
މިދިޔަ އަހަރު އޭއެފްސީ 17 އަހަރުން ދަށުގެ ކޮލިފައިންގައި، ރާއްޖޭން ފުރަތަމަ މެޗުގައި، 2-2 އިން ބޫޓާނާ އެއްވަރުކުރި އެވެ. ދެ ވަނަ މެޗުން ބަހްރޭން އަތުން 1-0 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި، ދެކުނު ކޮރެއާ އިން ރާއްޖެ ބަލިކުރީ 13-0 އިންނެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މި ގްރޫޕްގެ މެޗުތައް ހޯސްޓްކުރި ޗައިނާ އިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 9-0 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ