ދަތުރުފުޅު ލައިވް ކުރަނިކޮށް، ރައީސް އޮފީހުގެ ޔޫޓިއުބް ހެކްކޮށްފި

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލް މިއަދު ހެކްކޮށްފިއެވެ. ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް މިހާރު ފެންނާކަށް ނެތެވެ. ލިންކަށް ވަނުމުން އަރަނީ މިހާރު އެ ޗެނަލް އެވެއިލަބަލް ނޫން ކަމަށެވެ. އެ ޗެނަލް ހެކް ކޮށްފައި މިވަނީ ރައީސް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ހަރަކާތެއްހެން އެ ޗެނަލް މެދުވެރިކޮށް ލައިވް ކުރަމުން ދަނިކޮށެވެ. މި ކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދާލުމަށް ގުޅާލި ނަމަވެސް އަދި ވަކި ޖަވާބެއް ނުލިބެއެވެ. ރައީސް އޮފީހުގެ އެ ޔޫޓިއުބް ޗެނަލްއަކީ މީގެ ކުރިން ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންނާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ގިނަ އަދަދެއްގެ ވީޑިއޯ އާކައިވް ކޮށްފައިވާ މުހިންމު ޗެނަލްއެކެވެ. ދިވެހި ސަރުކާރުގެ ބައެއް ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ހޭންޑަލްތައް ހެކް ކުރުމަކީ ކުރިން ވެސް ހިނގާފައި ހުރި ކަމެކެވެ. ވަރަށް ގިނަ ފަހަރަށް އެ އެކައުންޓްތައް އަލުން ރިކަވާ ކުރެވެއެވެ. ރައީސް އޮފީހުގެ ޔޫޓިއުބް ހެކްކުރި ނަމަވެސް އެހެން ސޯޝަލް މީޑިއާ އެކައުންޓްތައް އެބަ ހިންގަމުން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ