ފުރާޅުން ޓިނު ނަގައިގެން، ސިގިރޭޓްތަކެއް ވަގަށް ނެގި މީހަކަށް ޖޫރިމަނާ އަދަބެއް

ބާޒާރުމަތީ ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން އެ ތަނަށް ވަދެ، ސިގިރޭޓްތަކެއް ވަގަށް ނެގި މީހަކު ޖަލަށްލާން މިދިޔަ ހަފުތާގައި ހުކުމްކޮށްފިއެވެ. މިއީ، 2021 ވަނަ އަހަރުގެ ކުރީކޮޅު، ބާޒާރުމަތީގައި ހުންނަ ގޮވެލި ނަމަކަށް ކިޔާ ފިހާރައެއް ފަޅާލި މައްސަލައެވެ. މި މައްސަލައިގައި ދައުލަތުން، ރ،. ރަސްގަތީމު ރަސްރީތި، އިބްރާހީމް ސަފްވާންގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. ސަފްވާންގެ މައްޗަށް ދައުލަތުް އުފުލާފައިވަނީ، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއަކާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެކެވެ. މި ދެ މައްސަލައިގައި ވެސް ސަފްވާންވަނީ ކުށަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވެ، ސަފްވާން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން، ވައްކަމުގެ ކުށަށް އިއްވި، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ވަނީ، ހަތަރު ދުވަހަށް ގޭ ބަންދު ކުރުމާ އެކު، 28،400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އަދި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ސަފްވާންގެ މައްޗަށް އިއްވީ 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އެ ހުކުމްވަނީ 3600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އެހެންވެ، އޭނާއަށް އިއްވި އަދަބަކީ ހަތަރު ދުވަހަށް ގޭ ބަންދުކުރުމާ އެކު 32،000 ރުފިޔާގެ ޖޫރިމަނާއެކެވެ. ދެ މައްސަލަ ވެސް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ނިންމެވީ ގާޒީ އިބްރާހީމް އިހްސާނެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ގޮވެލި ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން އެތަނަށް ވަދެ، ސަފްވާން ވަނީ ކެމަލް ހާޑް ބްރޭންޑްގެ 30 ކާޓޫނާއި، ކެމަލް ލައިޓް ބްރޭންޑްގެ ދެ ކާޓޫނާއި، އަދި އިތުރު އަށް ސިގިރޭޓް ފޮށި ވަގަށް ނަގައިފައެވެ. މިއީ، 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ، 12 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ވައްކަމުގެ ހާދިސާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ