އިގްތިސާދީ އަދި މާލީ ދާއިރާގައި މިހާރު އޮތް އެންމެ ގަދަ އަޑަކީ މަރުކަޒީ ބޭންކް، އެމްއެމްއޭން ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ޕެންޝަން ފަންޑް މެދުވެރިކޮށް ސަރުކާރުގެ ޓީބިލަކަށް އިންވެސްޓްކުރަން އުޅޭ ވާހަކަ އެވެ. އެއް ބަޔަކު ބުނަނީ މިއީ ހަމަ އެމްއެމްއޭން ފައިސާ ޗާޕް ކުރުން ފަދަ ކަމެއް ކަމަށެވެ.
އަސްލު، މި ވަނީ ކިހިނެއް ހެއްޔެވެ؟
މައުލޫމާތު އިނގޭ އިތުބާރުހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ޕެންޝަން ފަންޑުން އިންވެސްޓްކޮށްފައި ހުރި ސަރުކާރުގެ 2.4 ބިލިއަނެއްހާ ރުފިޔާގެ ޓީބިލް ގަންނަން މަރުކަޒީ ބޭންކް، އެމްއެމްއޭން މިހާރު ވަނީ ހުށަހަޅައިފަ އެވެ.
މިބާވަތުގެ މުއާމަލާތަށް ކިޔާ އުޅެނީ ސެކަންޑްރީ ބާޒާރުގައި ޓީބިލް ވިއްކުން ނުވަތަ ތިން ވަނަ އިންވެސްޓަރަކަށް ޓީބިލް ވިއްކުމެވެ. މިގޮތަށް އަމަލުކުރާއިރު އަސްލު ޓީބީލް ގަނެފައިވާ އަގުގައި ނުވިއްކޭނޭ އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން ވަނީ އެގޮތަށް ސެކަންޑްރީ ބާޒާރުގައި ސަރުކާރުގެ ޓީބިލްތައް ވިއްކުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ގޮތްތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ހުށަހަޅާފައިވާ ގޮތްތަކަކީ:
ބައެއް ޓީބިލްތައް މިހާރަށް ވުރެ ބޮޑު ރޭޓެއްގައި ފަސް އަހަރުގެ ބޮންޑަކަށް ބަދަލުކުރުން
ބައެއް ކޫޕަން ޕޭމަންޓްތައް ޑޮލަރުން ދައްކަން ފެށުން
އޭގެ މާނައަކީ އެމްއެމްއޭއަށް ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ޓީބިލްތައް ވިއްކާލިޔަސް އޭގެ ޒާތުގައި މާލީ ގެއްލުމެއް ނުލިބޭނެ ކަމެވެ. އަދި ގެއްލުމެއް ނުވެ، ޕެންޝަން ފަންޑަށް އެ ޓީބިލްތައް ވިއްކާލައިގެން ފައިސާ ލިބޭނެ އެވެ.
އެ ޓީބިލްތައް ވިއްކާލައިގެން އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ 2.4 ބިލިއަނެއްހާ ރުފިޔާއަށް ޕެންޝަން ފަންޑުން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިއީ މި މުއާމަލާތާ މެދު ސުވާލު އުފެދޭ ހިސާބެވެ.
"އިންވެސްޓްމަންޓް ފަންޑެއް ކަހަލަ ތަނަކުން ސެކަންޑްރީ މާކެޓުގައި މިކަހަލަ ބޮންޑް ގަނެ މުއާމަލާތް ހިންގުން މައްސަލައެއް ނެތް. އެކަމަކު މަރުކަޒީ ބޭންކުން މިކަން ކުރުން ކަންބޮޑުވުމަކީ،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.
'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މިހާރު ވަނީ 2.5 ބިލިއަނެއްހާ ރުފިޔާގެ އާ ޓީބިލަކަށް އިންވެސްޓްކޮށްދޭން ޕެންޝަން ފަންޑަށް ހުށަހަޅާފަ އެވެ. އޭގެ މާނައަކީ ކުރީގެ ޓީބިލްތައް އެމްއެމްއޭއަށް ވިއްކައިގެން ޕެންޝަން ފަންޑަށް ލިބޭ ފައިސާއިން، ސަރުކާރުން ހުށަހަޅާފައިވާ އާ ޓީބިލަށް ޕެންޝަން ފަންޑުން އިންވެސްޓްކުރާނެ އެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ ތިލަކޮށް ބުނާ ނަމަ، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭން ސަރުކާރަށް ދަރަންޏަށް ފައިސާ ދޫކުރީ އެވެ. ނުސީދާކޮށް އެކަން ކުރަނީ އެވެ.
ދައުލަތުން ހަރަދުކުރުމާއި ދަރަނި ނެގުމުގެ ކަންކަމުގައި އަސްލަކަށް ބަލަން ޖެހޭ ފިސްކަލް ޒިންމާގެ ގާނޫނު (އެފްއާރުއޭ)ގެ6 ވަނަ މާއްދާގައި ކޭޝްފްލޯ މެނޭޖްކުރަން މަރުކަޒީ ބޭންކަށް ފައިސާ ދޫކުރެވޭނެ ހަމަ ބުނެފައިވެ އެވެ. އެއީ:
ވޭތުވެދިޔަ 3 އަހަރު ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ %2.5 އަށްވުރެ އިތުރުނުވާނެ ގޮތަށް
ގިނަވެގެން 3 މަސް ތެރޭ އެގޮތަށް ނަގާ ފައިސާ ދައްކައި ހަލާސްކުރަން ޖެހޭނެ
އެހެން ނަމަވެސް، އެމްއެމްއޭން ޕެންޝަން ފަންޑުގެ ސަރުކާރުގެ ޓީބިލަށް މި އިންވެސްޓްކުރާ އަދަދު ކަމަށްވާ 2.5 ބިލިއަން ރުފިޔާ އަކީ، އެވްރެޖް އާމްދަނީގެ %2.5 އަށްވުރެ އެތައް ތަނެއް ބޮޑު އަދަދެކެވެ. އަދި އެ ފައިސާ އަނބުރާ އެމްއެމްއޭއަށް ދައްކަނީ ވެސް ފަސް އަހަރުގެ ބޮންޑަކަށް ބަދަލުކޮށްގެން ކަމަށް ވާތީ، އެ ފައިސާ އަނބުރާ މި ދައްކަނީ 3 މަހަށް ވުރެ ވެސް ދިގު މުއްދަތަކުންނެވެ.
"އެފްއާރުއޭ ދައްކާ މަގާ މުޅިން ހިލާފު ގޮތެއް މިއީ އެމްއެމްއޭން ފައިސާ ނަގަން ސަރުކާރުން. މީގައި އޮތް ގޮތަކީ ސަރުކާރުން މަޖިލީހަށް ގޮސްގެން ހާއްސަ ހުއްދައެއް ހޯދުން،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.
އެ ގާނޫނު ބުނާ ގޮތުގައި އެފްއާރުއޭގައިވާ ހަމަތައް ސަސްޕެންޑް ކުރެވޭނެ އޮތީ ވެސް ހަގީގަތުގައި ދެ ހާލަތެކެވެ. އެއީ:
ގުދުރަތީ ކާރިސާއެއްގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އާބާދީގެ މަދުވެގެން %15 އަށްވުރެ ގިނަ މީހުންނަށް ގެއްލުންވުން
ދުރާލާ އަންދާޒާކުރެވިފައިނުވާ އިގްތިސާދީ ބޮޑު ޝޮކެއް ކުރިމަތިވުން؛ ޝޮކެއް ކަމަށް ބުނާ ސަބަބުތައް ވެސް ބަޔާންކޮށްފައިވޭ
މީގެ އެއްވެސް ހާލަތެއް މިވަގުތަށް އުފަންވެފައެއް ނެތެވެ. އެހެންވެ، އެ ގާނޫނުގެ ހަމަތައް ސަސްޕެންޑް ކުރުމާ މެދުވެސް ސުވާލު އެބަ އޮތެވެ.
ސެކަންޑްރީ މާކެޓުގައި ތިން ވަނަ އިންވެސްޓަރަކަށް ޓީބިލެއް ވިއްކާލުމަކީ އޭގެ ޒާތުގައި ގޯސް މުއާމަލާތެއް ނޫނެވެ. އެއީ ހަމަ ކުރާ ކަމެކެވެ. އެކަމަކު، ސުވާލު އުފެދެނީ މި ހާލަތުގައި އެ އިންވެސްޓަރަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ވާތީ އެވެ.
މަރުކަޒީ ބޭންކެއްގެ ދައުރަކީ ރުފިޔާގެ އަގު ހިފަހައްޓައި މާލީ ނިޒާމުގެ ދުޅަހެޔޮކޮށް ކަށަވަރުކޮށް އިންފްލޭޝަން ހަންމަތަކުރުމެވެ. ސަރުކާރުގެ ހަރަދުތަކަށް ހިފެހެއްޓުމެއް ނެތި ފައިސާ ދޫކުރާ ބައެއްގެ ގޮތުގައި އޮތުމެއް ނޫނެވެ.
އެމްއެމްއޭން މިދިޔަ އޮގަސްޓް މަހު ބުނެފައި ވަނީ އިގްތިސާދުގައި އިތުރަށް ދައުރުވަމުން ދާ 7 ބިލިއަނެއްހާ ރުފިޔާ މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ކަމަށެވެ. އެގޮތުން އެޅި އެއް ފިޔަވަޅަކީ އެމްއެމްއޭން ބުނި ގޮތުގައި އޯޕަން މާކެޓް އޮޕަރޭޝަން (އޯމޯ) މެދުވެރިކޮށް ބޭންކިން ނިޒާމުގައި ދައުރުވަމުން ދާ އިތުރު ރުފިޔާގެ ތެރެއިން 2.1 ބިލިއަން ރުފިޔާ އެމްއެމްއޭއަށް އަނބުރާ ވެއްދުމެވެ.
އޭގެ މާނައަކީ އެމްއެމްއޭން މުއްބާރުކުރުމުގެ މާލީ ސިޔާސަތު ނުވަތަ ކޮންޓްރެކްޝަނަރީ ފިސްކަލް ޕޮލިސީއެއް ގެންގުޅެން ފެށުމެވެ. އެކަމަކު، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ޓީބިލްތައް ފައިސާ ދީ ގަތުމަކީ އެމްއެމްއޭގެ އެ ސިޔާސަތާ ދިމާ ދެކޮޅު މުއާމަލާތެކެވެ.
"އެމްއެމްއޭން މި އަމަލުކުރާ ގޮތުން އިތުރު ރުފިޔާ އަނެއްކާ ވެސް މި އިންޖެކްޓް ކުރެވެނީ އިގްތިސާދުގެ ތެރެއަށް. އޭގެ ޕްރެޝަރު ބޭރު ފައިސާގެ އަގަށާއި އިންފްލޭޝަން މި ހުރިހާ އެއްޗަކަށް ކުރާނެ،" އިގްތިސާދީ ދާއިރާގެ ބޭފުޅާ ވިދާޅުވި އެވެ.
މަރުކަޒީ ބޭންކަށް މި ފައިސާ އިންވެސްޓްކުރެވެން އޮންނާނީ ދެ މަގަކުން ހިނގައިގެންނެވެ. އެއީ:
ރިޒާވްގައި ހުރި ޑޮލަރު ރުފިޔާއަށް މާރުކޮށްގެން
އިތުރު ފައިސާ ޗާޕްކޮށްގެން
މިއިން ކޮންމެ ގޮތަކަށް އަމަލުކުރިއަސް ނަތީޖާއަކީ ދައުރުވާ ފައިސާގެ ތެރެއަށް ދިވެހި ރުފިޔާ އިތުރުވުމެވެ. ރުފިޔާގެ އަގު ވެއްޓި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމެވެ.
މި މަހުގެ 2 ވަނަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މިދިޔަ ސަރުކާރުން ވާރުތަވެފައިވާ ފައިސާ ވިޔަފާރިތަކަށް ސަރުކާރުން ދޭންހުރި ފައިސާ ފަސް ހަފްތާ ތެރޭ ދައްކާ ހަލާސްކުރައްވާނެ ކަމަށެވެ.
އެމްއެމްއޭގެ މުއާމަލާތް ބަހުސަކަށް ވުމުން، ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެ މުއާމަލާތުގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކަށް ދެއްކުމަށް މިދިޔަ ސަރުކާރުން ފެށިގެން ވާރުތަވެފައިވާ ބިލްތަކަށް ފައިސާ ދައްކާ ހަލާސްކުރުމެވެ. އަދި އަހަރުތަކެއް ވަންދެން ދޯދިޔާކޮށް މެނޭޖުކޮށްފައިވާ ދައުލަތުގެ މާލިއްޔަތު ހަރުދަނާ ކުރުމަކީ ވެސް ބޭނުމެއް ކަމަށް ބުންޏެވެ.
"މަރުކަޒީ ބޭންކަކުން ސެކަންޑަރީ މާކެޓުގައި ބޮންޑު ވިއްކާ ނުވަތަ ދޫކުރާއިރު، އެއީ ސީދާ ގޮތެއްގައި ފައިސާ ޗާޕުކުރުމެއް ނޫން. ނަމަވެސް އެކަމުގެ ސަބަބުން މާލީ ނިޒާމުގައި ފާއިސާ ލިކިއުޑިޓީ އިތުރުވާނެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.
"މަރުކަޒީ ބޭންކުތަކުން ސެކަންޑަރީ މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިގްތިސާދުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެއް."
ފިނޭންސް މިނިސްޓްރީން ދިން ޔަގީންކަމަކީ ދައުރުވާ ރުފިޔާ އިތުރުވުމުން އިގްތިސާދަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރަން އެމްއެމްއޭން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި ވިޔަފާރިތަކަށް ފައިސާ ލިބުމުން އިގްތިސާދަށް ދިރުން ލިބި އިތުބާރު ބޮޑުވާނޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ގަބޫލުކުރެ އެވެ.
"މި ދަރަނިތައް އަދާކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭނުންވެފައިވާ ލިކުއިޑިޓީ ލިބި، ވިޔަފާރިތައް ކުރިއަރައި، ވަޒީފާތައް ނުގެއްލި، އަދި އިގްތިސާދުގެ މައްޗަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ. މި ސެކަންޑަރީ މާކެޓް އޮޕަރޭޝަންގެ ތެރެއިން ޒިންމާދާރުކަމާއެކު ދަރަނިތައް އަދާކުރުމާއި މާލީ ހަމަޖެހުން އަލުން ގެނައުމަށް މަގުފަހިވެގެންދާނެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެކަމަކު، ސުވާލަކީ ސަރުކާރުގެ ހަރަދު ކުޑަނުކޮށް މިގޮތަށް ދައުރުވާ ރުފިޔާ އިތުރު ކުރާ ނަމަ އިގްތިސާދު އޯވަހީޓްވުމުގެ ނޭދެވޭ އަސަރުތަކުން ސަލާމަތް ކުރެވޭނެ ހެއްޔެވެ؟
އެމްއެމްއޭން ސަރުކާރަށް 2 ބިލިއަން ރުފިޔާ ދެނީ: މިވާ ގޮތް ތިލަކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ