ެއެއްބަސްވުމާ ހިލާފުވެ، އިޒުރޭލުން ފަލަސްތީންގެ 97 މީހަކު މަރާލައިފި

މި މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން އިޒުރޭލުން 80 ފަހަރެއްގެ މަތިން ސުލްހައިގެ އެއްބަސްވުމާ ހިލާފުވެ، ފަލަސްތީނުގެ 97 މީހަކު މިއަދު މަރާލައި، 230 މީހަކު ޒަހަމުކޮށްލައިވާ ކަމަށް ގާޒާގެ ރަސްމީ ފަރާތްތަކުން މިއަދު ބުނެފި އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒުރޭލުން ހިލާފުވުމުގެ ސަބަބުން ގާޒާ ސަރަހައްދުގައި މިހާރު އޮތް އިންސާނީ ކާރިސާ ވަނީ އިތުރަށް ގޯސްވެފައި ކަމަށް ގާޒާގެ ރަސްމީ ފަރާތްތަކުން ބުނެ އެވެ.
ގާޒާ. ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 44 މީހަކު މަރާލާފައިވާ ކަމަށެވެ. އަދި އެެ މީހުން ހަމަލާދީފައިވަނީ ގާޒާގެ ސްކޫލްތަކާއި އާންމުންގެ ގެތަކަށް ދިން ހަމަލާތަކުގައި ކަމަށް ވެސް ގާޒާގެ ރަސްމީ ފަރާތްތަކުން ބުނެ އެވެ. 
ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނީ އެ ހަމަލާތަކަކީ މި މަހު ކުރީކޮޅު ޝަރްމް އަލް ޝެއިހް ސަމިޓުގައި ސޮއިކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ހަމަލާތަކެއް ކަމަށެވެ.
ގާޒާގެ ރަސްމީ ފަރާތްތަކުން ބުނީ އިޒްރޭލު ސިފައިން ގާޒާގެ ވަރަށް ގިނަ ތަންތަނަށް ހަމަލާދިން ކަމަށެެވެ. އޭގެ ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނުސްގެ އަލް މަވާސީ ސަރަހައްދާއި އުތުރުގައި އޮންނަ ކަމާލް އަދްވާން ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދާއި މެދުތެރޭ ސަރަހައްދުގެ އަލް ޒަވައިދާ ޓައުން އަދި ގާޒާގެ އުތުރުގައި އޮންނަ އަލް ތޫފާ އަވަށް ހިމެނޭ ކަމަށެވެ. ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވި އިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ވެސް މީޑިއާ އޮފީހުން ބުނެ އެވެ.
އެ ހަމަނުޖެހުންތައް ހިންގުމުގެ އިތުރަށް އިޒްރޭލުން ވަނީ ގާޒާގެ އެއްތަނުން އަނެއްތަނަށްދެވޭ ތަންތަން ބަންދުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުން ވެސް ހުއްޓުވައިފަ އެވެ. ޔޫއެންއާރުޑަބްލިއުއޭގެ މީޑިއާ އެޑްވައިޒަރު ވިދާޅުވީ އެ ބަންދު ކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. ހާއްސަކޮށް އޭގެ ތެރޭގައި މިހާރު ވެސް ފުނޑުފުނޑުވެފައި އޮތް ސިއްހީ ދާއިރާ ހިމެނޭ ކަމަށެވެ. އަދި އެހީ ފޯރުކޮށްދިނުމުގެ ދޮރުތައް އިޒުރޭލުން ބަންދު ކުރުމުން ގާޒާގެ ރައްޔިތުން އަނެއްކާ ވެސް ބަނޑުހައި ހޫނުކަމުގެ ކާރިސާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ