ލެޓްސް ގޯ މޯލްޑިވްސްއަށް ޝަރަފުވެރި އެވޯޑެއް؛ އެންމެ ރަނގަޅު ލަގްޒަރީ ޓްއާ އޮޕަރޭޓާ

ފަތުރުވެރިންގެ މެދުގައި މަގުބޫލް ދިވެހި ޓްރެވަލް އެޖެންސީއެއް ކަމަށްވާ، ލެޓްސް ގޯ މޯލްޑިވްސް އަށް "ސެވަން ސްޓާސް ލަގްޒަރީ ހޮސްޕިޓަލިޓީ އެންޑް ލައިފްސްޓައިލް އެވޯޑްސް"ގައި "ބެސްޓް ލަގްޒަރީ ޓުއާ އޮޕަރޭޓާ"ގެ އެވޯޑް ލިބިއްޖެ އެވެ. 
ވީ ކިހިނެއް؟ - ޕޯޗުގަލްގެ ޓްރޯއިއާ ޑިޒައިން ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތަކީ 22 ގައުމެއްގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ބްރޭންޑްތަކާއި ވިޔަފާރިވެރިން އެއްތަނަކަށް ޖަމާވި ރަސްމިއްޔާތެކެވެ. މި އެވޯޑަކީ:
ދުނިޔޭގެ ފެންވަރުގައި ލަގްޒަރީ ހޮސްޕިޓަލިޓީ އަދި ލައިފްސްޓައިލް ދާއިރާގައި ދެވޭ އެންމެ މަތީ ފެންވަރުގެ އެވޯޑެއް
ތަފްސީލް - ލެޓްސް ގޯ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ރިޔާޒް ވިދާޅުވީ މިއީ އެ ކުންފުންޏަށް ލިބުނު ފަހުރުވެރި ކާމިޔާބެއް ކަމަށެވެ. މިކަން ފާހަގަކުރަމުންދާއިރު، ކުންފުނިން ދަނީ އިތުރު ކާމިޔާބީތައް ވެސް ހޯދަމުން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި އެ ކާމިޔާބީގެ އަސްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުންކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް އަނެއްކާ ވެސް މިފަހުރުވެރި ކާމިޔާބީ ލިބުމަކީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތް. އަދި ވިޔަފާރި ބައިވެރިން އަޅުގަނޑުމެންނަށް ދެއްވާ އިތުބާރު. މި ގުރޫޕްގެ ކޮންމެ މުވައްޒަފަކަށް ވެސް މިއީ ލިބޭ ފަހުރެއް،" ލެޓްސް ގޯ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ރިޔާޒް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އާ ހުނަރުވެރިން ކުންފުންޏާ ގުޅެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލު ބިނާވެގެންދާނީ އުފެއްދުންތެރިކަމާއި އެއްބާރުލުމާއި އެންމެން ގުޅިގެން ކުރާ  މަސައްކަތުންކަމަށް ވެސް ރިޔާޒު ފާހަގަކުރެއްވި އެވެ.
އެނގުން މުހިންމު - މި އެވޯޑަކީ ލެޓްސް ގޯ މޯލްޑިވްސްއިން ވޭތުވެދިޔަ އަހަރު ހާސިލުކުރި ގިނަގުނަ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީ އެވެ. އެ ކުންފުނިން ދަނީ ލަގްޒަރީ ފަތުރުވެރިކަމަށް އާ އުފެއްދުންތައް ތައާރަފުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ