19 ވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް މިނިސްޓަރ ޠާރިޤް އިފްތިތާޙު ކޮށްދެއްވައިފި

މިނިސްޓަރ ތާރިޤް އިބްރާހީމް މިއަދު 19 ވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2025 ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި އެގްޒިބިޝަން އަކީ ކެއްކުމުގެ ފަންނުވެރިކަމާއި، މެހެމާންދާރީގެ ދާއިރާއަށް ދިވެހިރާއްޖެއިން ދެމުންދާ އިސްކަން އަންގައިދޭ މުހިންމު ކަމެކެވެ.
މިރަސްމިއްޔާތުގައި، މިނިސްޓަރ ޠާރިޤް އިބްރާހީމް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްއިން މިފަދަ ބޮޑު ހަރަކާތެއް އިންތިޒާމުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފެންވަރު އިތުރުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޔޫއެން ޓޫރިޒަމްގެ އަންދާޒާތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ދެކުއާޓަރުގައި ބައިނަލްއަޤްވާމީ ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 5 އިންސައްތަ އިތުރުވެފައިވެއެވެ. އަދި އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގައި އެންމެ ވަރުގަދަ ކުރިއެރުން ފެނިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ވަރުގަދަ ފެންވަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައިވެސް ފެނިފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެކަނި ބަލިމަޑުކަމުން އަރައިގަތުމެއް ނޫންކަމަށާއި، އަހަރުތަކެއްގެ ތެރޭގައި ވަރަށް ރަނގަޅު ކުރިއެރުމެއްވެސް ރާއްޖެއަށް ފެނިފައިވާކަމަށާއި އަދި މި މަގުގައި ދެމިތިބުމަށް ސަރުކާރުން ގަސްދުކުރާކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
މި ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ އިކޯސިސްޓަމް ބިނާވެފައިވަނީ އެންމެން އެކުގައި މަސައްކަތްކުރުމުގެ މައްޗަށް ކަމަށާއި، މިއީ އެންމެންއެކުގައި ކުރާ މަސައްކަތެއްގެ ނަތީޖާއެއްގެ ކާމިޔާބީއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި އިކޯސިސްޓަމްގެ ކޮންމެ ބައެއްގެ ކުރިއެރުމާއި ތަރައްޤީއިން މުޅި ސިނާޢަތަށް ފައިދާކުރާނެކަން ފާހަގަކުރައްވަމުން، ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވި ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެ މަގުފަހިކޮށްދިނުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
އަދި ރާއްޖޭގެ ހުނަރުވެރިން އުފެއްދުމަށާއި، އެމީހުންނަށް އެމީހުންގެ ފުރިހަމަ ޤާބިލުކަން ދައްކުވައިދިނުމުގެ ފުރުޞަތު ލިބޭފަދަ މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރައްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމާއި ތިމާވެށީގެ ވަޒީރެއްގެ ހައިސިއްޔަތުން، އެމަނިކުފާނު ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ޢަމަލީ ގޮތުން މަސައްކަތްކުރުމަށް ހިތްވަރުދެއްވާފައެވެ. ކުނި މަދުކޮށް، ކާބަން ފުޓްޕްރިންޓް ކުޑަކުރާ އުފެއްދުންތަކާއި ޓެކްނޮލޮޖީ ބޭނުންކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމީހުންގެ ތަޖުރިބާތަކާއި، މަޢުލޫމާތާއި އަދި އެންމެ ރަނގަޅު އުކުޅުތައް ހިއްސާކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި މި ހަރަކާތަކީ އެކަން ކުރުމަށް އެންމެ އެކަށީގެންވާ މާޙައުލު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕްރެސްޓީޖަސް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކަށް މިނިސްޓަރ ވަނީ ހެޔޮ އެދުންތައް ފޮނުއްވާފައެވެ. މިއަހަރު 650 އަށްވުރެ ގިނަ ޝެފުން 25 މުބާރާތެއްގައި ބައިވެރިވެވަޑައިގަންނަވައެވެ. ޝެފުންގެ ކެއްކުމުގެ ހުނަރާއި އައު ގޮތްތައް ދެކުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާކަން ފާހަގަކުރައްވަމުން، މުބާރާތުގައާއި އޭގެ ފަހުންވެސް އެންމެ ރަނގަޅު ނަސީބާއި ކާމިޔާބީ އެދޭކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
މި ހަރަކާތް ބޭއްވުމުން އިންތިޒާމުކުރި ފަރާތްތަކަށް މަރުޙަބާ ދަންނަވައި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެމެހެއްޓެނިވި ކާމިޔާބީ ލިބުމަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
މި އެގްޒިބިޝަން ކުރިއަށްދާނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަތަރު ދުވަހުގެ ތެރޭގައި އެގްޒިބިޝަން ބެލުމަށް އާންމުންނަށާއި ދާއިރާގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާނެއެވެ. މި އިވެންޓަކީ ދާއިރާގެ ފަރާތްތަކަށް ގުޅުންތައް ބަދަހިކޮށް، އާ ކަންކަން ދަސްކުރުމަށްވެސް ރަނގަޅު މަންސައެކެވެ. އަދި އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖަކީ ކައްކާ މީހުންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ