70 ކިލޯ ޑްރަގު މައްސަލަ: އިސްކޮށްހުރުމުގެ ތުހުމަތުވި މީހާ ޑުރަގުގެ މައްސަލައެއްގައި އަލުން ބަންދަށް
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ މީހަކު، ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ ދޫކޮށްލުމުން ފުރައިގެން ލަންކާއަށް ދިޔަ ނަމަވެސް، ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމުން ރާއްޖޭން ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ކުރިން ތުހުމަތު ކުރެވިފައިވަނިކޮށް ދޫކޮށްލާފައިވަނީ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދެވެ. ރެކޯޑްތަކުން ދައްކާ ގޮތުން، އޭނާއަކީ، 2019 ވަނަ އަހަރު، އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށް ދައުލަތުން ދައުވާ ކުރި މީހެކެވެ. https://sun.mv/128986 ރިކޯޑްތަކުން ދައްކާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ކައިރިން އަތުލައިގަތް އީރާނުގެ މި ''އަލްޝަބާން'' ކިޔާ މި ބޯޓުން ޑްރަގު ފެނުނު މައްސަލައިގައި ކުރި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންވަނީ ފަހުން އަނބުރާ ގެންގޮސްފައެވެ. އަންވަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިދިޔަ ހަފުތާގައެވެ. އެއީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ. އެކަމަކު އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވެގެން، އަލުން ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތެއް ނެތި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދުވަނީ އޭނާ ދޫކޮށްލާފައެވެ. ދޫކޮށްލުމުން އޭނާ ފުރައިގެން ދިޔައީ ލަންކާއަށެވެ. އެކަމަކު އެ ގައުމަށް އެތެރެވިޔަ ނުދީ އަލުން ފޮނުވާލުމުން އޭނާ އަލުން ހައްޔަރުކޮށް މިއަދުވަނީ މުއްދަތު ޖަހައިފައެވެ. އޭނާގެ ބަންދަށް މިއަދުވަނީ 30 ދުވަސް ޖަހައިފައެވެ. މިއަދު އޭނާގެ ބަންދު މުއްދަތު ޖެހީ ގާޒީ އިބްރާހީމް ޒިހުނީއެވެ. މިދިޔަ ހަފުތާގައި އަލީ އަންވަރު މުހައްމަދު ދޫކޮށްލި ސަބަބެއް ކަމަށް ގާޒީ ފާހަގަ ކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ފުލުހުން އަމަލުކުރި ގޮތެވެ. އެއީ، އޭނާ ހައްޔަރު ކުރުމުގެ އަމުރަކާއި އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއް އޮވެމެ، އިޖުރާއަތުތަކާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ. ގާޒީ ވިދާޅުވެފައިވާ ގޮތުގައި ފުލުހުން އަންވަރާ ގުޅުންހުރި ތަންތަން ބަލައި އޭނާ ހައްޔަރު ކުރުމަށް ފަހުގައެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާ ބަލައި ފާސްކުރިއިރު ތުހުމަތު ކުރެވޭ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް އޭނާ ބަންދުން ދޫކޮށްލި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެކަމުގައި އަމަލުކުރަން ޖެހޭ ގޮތަކީ، ބަލައިފާސްކުރުމަށް ފަހު ހެއްކެއް ފެނިއްޖެ ނަމަ ހައްޔަރުކުރުން ކަމަށް އަމުރުގައިވެއެވެ. ރިކޯޑްތަކުން ދައްކާ ގޮތުން، 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން އަތުލައިގަތް އީރާނުގެ ބޯޓެއްކަމަށްވާ ''އަލްޝަބާން'' އިން 70 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފަސް ދިވެހިންނާއި އީރާންގެ ހަ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކުރި ކޭސްގެ ބޮޑެއްކަމުގައި ފުލުހުން ތުހުމަތު ކުރީ އަންވަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ