ލ. އަތޮޅު ތިން ރަށަކާއި އައްޑޫ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން އަންނަ އަހަރު ފަށަނީ
ލ. އަތޮޅު ތިން ރަށަކާއި އައްޑޫ މީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށް، އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕާރޭޝަން އެޖެންސީ (ޖައިކާ)ގެ ހިލޭ އެހީގައި، ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އާއި ދިވެހި ސަރުކާރު ގުޅިގެން، "ބިލްޑިން ކްލައިމެޓް ރެސިލިއަންޓް ސޭފާ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫއު ދަނީ ކުރިއަންގެންދަމުންނެވެ. މި މަޝްރޫއު ހިންގުމަށް، 2023 ވަނަ އަހަރު، ޖައިކާއާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމެވެ. މި މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ ހަތަރު ރަށަކީ، އައްޑޫ ސިޓީ މީދޫ، ލ. ފޮނަދޫ، ލ. ގަން، އަދި ލ. އިސްދޫ އެވެ. މި މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްތަކުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާގުޅޭ ގައުމީ ފެންވަރުގެ ސިޔާސަތެއް އެކުލަވާލުމާއި، އެ ސިޔާސަތުގެ ދަށުން، ދެމެހެއްޓެނިވިގޮތެއްގައި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ ރަށު ފެންވަރުގެ ޕްލޭންތައް ހަދާނެއެވެ. އަދި ގޮނޑުދޮށްތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް މުހިއްމު ޑާޓާ އެއްކުރުމާބެހޭ ނިޒާމެއް ވެސް އެކުލަވައިލާނެއެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިހާތަނަށް މި މަޝްރޫއުގެ ދަށުން، ހަތަރު ރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރާނެ ގޮތްތަކުގެ "ބޭސިކް ޑިޒައިން"އެއް ވަނީ އެކުލަވާލާފައި ކަމަށެވެ. އަދި، ގޮނޑުދޮށްތައް ހިމާޔަތްކުރުމާގުޅޭ ގައުމީ ފެންވަރުގެ ސިޔާސަތުގެ ޑްރާޕްޓެއް ތައްޔާރުކޮށް، ކަމާގުޅޭ ދާއިރާތަކާ ހިއްސާކޮށް، އެފަރާތްތަކުގެ ޚިޔާލުވަނީ ހޯދާފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ އެކުލަވާލާ ސިޔާސަތުގެ ދަށުން، ހަދަން ހަމަޖެހިފައިވާ ރަށު ފެންވަރުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްވެސް ފަށައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، ގޮނޑުދޮށްތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް މުހިއްމު ޑާޓާ އެއްކުރުމާބެހޭ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތުގެ ދަށުން، ތިން ޓޫލް އެއް ފަރުމާކޮށް ނިމިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެ ޓޫލްތައް ބޭނުންކުރުމާގުޅޭ ފަންނީ ތަމްރީނުތައް ހިންގުމަށްފަހު، މިނިސްޓްރީގެ ފަންނީ ޓީމުންދަނީ ބޭނުންކުރަމުންނެވެ. އިއްޔެ މި މަޝްރޫއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެ އެއްބަސްވުމަކީ، މި ހަތަރު ރަށުގެ ޑީޓެއިލްޑް ޑިޒައިން ހެދުމުގެ އިތުރުން، މަޝްރޫއަށް ބޭނުންވާ އީއައިއޭ ރިޕޯޓު ހެދުމާއި، އަމަލީ މަސައްކަތް ކުރުމަށް ކޮންސްޓަރަކްޝަން ކޮންޓްރެކްޓަރެއް ހޯދުމަށް ވާންޖެހޭ ތައްޔާރީތަކަށް މިނިސްޓްރީއަށް އެހީތެރިވުން ހިމެނޭ އެއްބަސްވުމެކެވެ. މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރާ ހަތަރު ރަށުގައި އަމަލީ މަސައްކަތްތައް ފެށުމުން، އެ މަސައްކަތްތައް ބެލެހެއްޓުމާއި ކަމާގުޅޭ ފަންނީ ތަމްރީން ޕްރޮގްރާމްތައް ކަމާގުޅޭ މުވައްޒަފުންނަށް ހިންގުންވެސް އެއްބަސްވުމުގައި ހިމެނެއެވެ. މި އެއްބަސްވުމުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ޒިޔާދު ދެއްކެވި ވާހަކަފުޅުގައި، އެ އެއްބަސްވުމުގެ ދަށުން، ގިނަވެގެން ހަ މަސް ދުވަސް ތެރޭގައި ހަތަރު ރަށުގެ ޑީޓެއިލްޑް ޑިޒައިން ތައްޔާރުކޮށް ނިންމާލެވޭނެކަމަށާއި، ޑީޓެއިލްޑް ޑިޒައިން މަސައްކަތާ އެކުއެކީގައި، ކޮންޓްރެކްޓަރެއް ހޯދުމަށް ކުރަންޖެހޭ ޓެންޑަރިން މަސައްކަތްތައްވެސް ފެށޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަންނަ އަހަރު ތެރޭގައި، މި ހަތަރު ރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި ރަށްގިރުމަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ