ދިވެހި ޕްރިމިއާ ލީގު: ވެލެންސިއާ ބަލިކޮށް މޮޅެއް ހޯދައި ޓީސީ އަށް ހަމަޖެހުމެއް ދިވެހި ޕްރިމިއާ ލީގު: ވެލެންސިއާ ބަލިކޮށް މޮޅެއް ހޯދައި ޓީސީ އަށް ހަމަޖެހުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ 3-1 އިން ކްލަބް ވެލެންސިއާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ މޮޅާ އެކު، ޓީސީ ސްޕޯޓްސް ކްލަބުން ހަމަޖެހުމެއް ހޯދައިފި އެވެ.
ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުން ބަލިވެ، ތާވަލުގެ ފުލުގައި އޮތް، ޓީސީން މި ވަނީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު، ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. މިހާރު އެންމެ ފުލުގައި އޮތީ ލީގުގައި މިއަދު ހަވީރު، އޮޑި ސްޕޯޓްސް ކްލަބާ އެއްވަރުވި ކްލަބް އީގަލްސް އެވެ. އެއީ، ހަތަރު މެޗުން ދެ ޕޮއިންޓާ އެކު އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަަނަ މިނިޓްގައި ޓީސީން ލީޑުނެގީ ބޯޑު ޕްރިންސް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެން މުހައްމަދު އިޒާން އަލީ އެވެ. މާލަސްތަކެއް ނުވެ، މެޗުގެ 11 ވަނަ މިނިޓްގައި ޓީސީން ދެ ވަނަ ލަނޑު ޖެހި އެވެ. ވެލެންސިއާ އޭރިއާތެރެއަށް މަތިން އައި ބޯޅައެއް ވެއްޓުނު ވަގުތު ރަނގަޅު ތަނަށް ހުސްވެ އަރައި، ހުރި އަހްނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޓީސީ ދެ ގޯލުގެ ލީޑެއްގައި ފުރަތަަމަ ހާފު ނިންމާލިއިރު، ދެ ވަނަ ހާފު ފަށައިގެން ދަނޑުގެ ލައިޓްތައް ނިވިގެން، މެޗު ހުއްޓާލަން ޖެހުނެވެ. އަދި، އެ ގެއްލިދިޔަ ވަގުތަށް އިތުރު ވަގުުތު ކުޅެވިގެންދިޔައިރު، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، ވެލެންސިއާގެ ސްޕެއިން ފޯވާޑް، އަބޫބަކަރު ސިލާ ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ، އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކުން އޭނާ ބޮލުން ޖެހި ގޯލެކެވެ.
މެޗުގެ ތިން ޕޮއިންޓް ޓީސީ އަށް ޔަގީންކޮށްދިން ލަނޑު ޖެހީ އިތުރު ވަގުުތުގެ ފަސް ވަނަ މިނިޓްގައި ޕްރިންސް އެވެ. އޭރިއާ ރޮނގުމަތީގައި ހުރެފައި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޕްރިންސް ވަނީ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލީގުގައި ވެލެންސިއާ އިން ކުޅުނު ފުރަތަަމަ މެޗުން މޮޅުވި ނަމަވެސް ދެން ކުޅުނު ތިން މެޗުން ބަލިވެ، އެ ޓީމު މި ވަގުތު އޮތީ ލީގުގެ އަށް ވަނައިގައި ތިން ޕޮއިންޓް ހޯދައިގެންނެވެ.
މާދަމާ ހަވީރު ލީގުގައި ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ