ޖުންޖުލާ 1
﷽ "ﷲތައާލާ އަންގަވާފައިވަނީ މައިންބަފައިންނަށް އޯގާތެރިވުމަށެވެ. އެއީ ދެ ދުނިޔޭގެ ކާމިޔާބުވެސް ލިބޭނެ އަދި ތިބާގެ ހިތާއި ރޫހަށްވެސް އުފާވެރިކަން ގެނެސްދޭނެ އަމަލެކެވެ." *** ފަތިސްވުމުގެ މާ ކުރިންފެށިގެން ވައިގެ ހަޅޭކުގެ އަޑު ފަޒާ ގައި ގުގުމައިލީ އެންމެން ނިދިން ހޭއްލަވަމުންނެވެ. މެންދުރުވީއިރު ތޫފާން އޭގެ އެންމެ ފުރިހަމަ ބާރާއެކު ހަމަލާދިނެވެ. ހަނިމަގުގެ ދެފަރާތަށް ބޮޑެތި ވާރޭގެ ތިކިތައް ބުރުއްސައިގެންދާތަން ފެނުނެވެ. ދުވަސްވެފައިވާ ގެތަކާއި އާ އިމާރާތްތަކަށްވެސް އެ ބާރުވައިރޯޅިތަކުގެ އަސަރުތައްކުރަމުން ދިޔައެވެ. ފުރާޅު އެއްލައިލާ އަޑާއެކު ޒާތްޒާތުގެ އަޑުއިވެމުން ދިޔައެވެ. މިއިން ޒަމާނެއްގައިވެސް ވިއްސާރަ މިހާ ރުޅިވެރިކަމާއެކު ކުރިމަތިލާފައެއްނުވެއެވެ. ޑޮކްޓަރ އާރިކް ފުރުގާން ބެލްކަނީގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން އިނެވެ. އަތުގައިވީ ކަޅުކޮފީ މަގެކެވެ. އޭނަގެ އޮރެންޖުކުލައިގެ ބުޅާ ކައުޗަމަތީގައި ވެޑުވިގެން އޮތްއިރު އިވިލާ ކޮންމެ ގުގުރިއަކާއެކު ކަންފަތް ކޮޅަށް ޖަހައިލައެވެ. މަގުމަތިން ފެންނާން ހުރި ރުއް ލެނބިގެން ދިޔަގޮތަށް ސަޖިދައަށް ދިޔަފަދައެވެ. ތިރިން ފެންނަން ހުރި މާ އަޅާ ބަރުވެފައިވާ ބޯގަންމަލާއި މަށިކަށި ގަސްތަކުގެ ގޮފިތައް ނަށަމުން ދިޔައީ ވައިގެ"ޒޫމް"ގެ ރާގާއި އެއް ހަމައަށެވެ. ބަައެއްފަހަރު ހޫރިގަންނަގޮތަށް މާތައް އުދުހިގެންގޮސް ތިރީގައިވާ ކުދި ފެންގަނޑުގެ ތެރޭގައި ޖެހި ޝަހީދުވެގެންދާތަން ފެނުމުން އޭނައަށް ބަލަން އިނދެވުނެވެ. މިފަދަ ތޫފާނީ ދުވަހެއްގައި ހޮސްޕިޓަލަށްދާން އަވަސްވެގަންނާނީ ކާކުހެއްޔެވެ؟ މޫދުވެސް އެމީހުން މިރަށްތަކުގައި އުޅެން ކެރޭކަމަށްޓަކާ އަރައިގަނެގެން ކަންފަތްމަތީގައި ވިހެލާނެ ފަދަ ދުވަހެއްގައެވެ. ކޮފީމޭޒުމަތީގައި އޮރް ފޯނު ތެޅިލުމާއެކު ނަޒަރު ހިންގާނުލިޔަސް އޭނަ ދެނެގަތެވެ. އެއީ ޑޮޮކްޓަރ އަލާނާ އެވެ، އޭނައާއެކީގައި "ދަ ވިލެޖް " ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަފްސާނީ ޑޮކްޓަރެކެވެ. ޖެއްސުމާއި ދިމާކުރުމުގެ ކުރީގައި އުޅެނީ ރަހުމެއްނެތިއެވެ. ނުބައިނުލަފާކަމެއް ދެއްވާފައިވަނީ ކަން ނޭގެއެވެ. ޖިންނިއަކު އޭނައާއި އަވަލިޔަސް އެއަށްވުރެ މާ ރަގަޅުވާނެއެވެ. "ޑޮކްޓަރ އާރިކް......ރީހެބް ފިޔަވަހީގައި ކަރަންޓުނެތް. ބަލިމީހުން ހީވަނީ ދުނިޔެ ފަނާވެގެން އުޅޭހެން.ދެން ޖެނެރޭޓަރު ލައްވާ އަޑު އަޑުން ހީވަނީ އޭތިވެސް ޝައިތާނާ އަވަލައިގެން އުޅޭހެން.. އަވަހަށް އަހަރެމެން ސަލާމަތްކުރަން އާދެބަލަ ކުޅަދާނަކަމެއް ދެއްވާފައިވާ އާރިކް.." އަލާނާގެ މެސެޖެކެވެ. އޭނަގެ މޫނުމަތިން އިތުރު ޝުއޫރެއް ފައުޅެއްނުވިއެވެ. ކޮފީތަށިން ކޯވަރެއް ބޯލިއެވެ. ހިތިވެފައި ކުޑަ ހޫނުކަމެއް އެކުލެވޭ ފުރިހަމަ ކޮފީއެކެވެ. އޭނަ ގޮނޑިއަށް ލެނގިލައިގެން ދުރަށް ބަލަންއިންއިރު ހައިރާންވީ ތަގުދީރުގެ ސަމާސާއާއިމެދުގައެވެ. "ދަ ވިލެޖް"އަކީ އޭނައާއި ގާތް ގުޅުމެއް އޮތް އަދި މަސައްކަތްކުރާ ހޮސްޕިޓަލެވެ. މަންމަ އޭނަ ކުޑައިރު މާލޭ ފިހާރައެއްގެ ދޮރުމައްޗަށް ޕްލާސްޓިކް ގޮނޑިއަކަށްލީ މިފަދަ ވިއްސާރަ ދުވަހެއްގައެވެ. އޭނަ އެއްލައިލި މަންމަ މިހާރު އެއިނީ އޭނަގެ ހޮސްޕިޓަލުގެ ރިހެބް ޔުނިޓްގައި ހިމާޔަތް ދެވިގެންނެވެ. އޭނަ އަދި މަންމައާއި ވާހަކައެއް ނުދައްކައެވެ. ނަމަވެސް މަންމަ ހޮސްޕިޓަލުގައި އިންނަތާ މިވީ ތިންވަރަކަށް ދުވަހު އޭނަގެ ޖަޒުބާތުތައް ހަލަބޮލިވީ މި ވިއްސާރަގަނޑުހެންނެވެ. ސިކުނޑިތެރޭގައި އެނބުރެމުންދާ ތޫފާންގެ ލޮލުގެ ތޫނުކަން އޭނަ އަންދާލާފާނެހެން ހީވެއެވެ. މަންމަގެ ހަށިގަނޑުގައިވާ ޑްރަގާއި ވިހަ މާއްދާތައް ނެރެލުމުގައި އެތާ ބަހައްޓާފައިވާއިރު އަދިވެސް ހަމަ އެ ކުރީގެ ޖެނީފާއެވެ. އެ ޖެއްސުންކުރުމާއި ހަމަ އެ "ޖެނީފާ"އެވެ. އަނެއްކާވެސް ފޯނު ކުޑަކޮށް ގުގުމައިލިއެވެ."އޯލްސޯ....އެނގެއެއްނު އަލަށް ގެނައި ޕޭޝަންޓް ޖެނީފާ އާދަމް. އޭނަ ނަރުހަކާއި ދިމާލަށް ކިޔައިފިއެއްނު ލޮއްލި ބޮއްލި އެކޭ.......ލޮއްލި ބޮއްލި އަކީ ކޯނޗެއްތަ؟ ދިވެހި ބަހަކާއި ވައްތަރެއްވެސް ނޫން... އަނެކަކާއި ދިމާލަށް ބުނީ މީހަކު އެއްލައިލީމަ އެކަމާއި ކަޑަވެގެން އުޅޭ ކާށްޓެއްހެންނޯ ހީވަނީ.....އޭނަ އަމިއްލަ އޮޓޯބަޔޮގްރާފީ ލިޔަން ނުފަށަނީސް އާދެވިދާނެތަ؟" "މިއަދު އަހަންނަށް އެހެން މީހެއް ކަމުގައި ހެދިގެން އުޅެވިދާނެތަ؟ ރޭޑިއޮލޮޖިސްޓުން ނުޖެހޭނެއްނު ވާހަކަދައްކަން.." "ތިއީ ސައިކޭޓްރިސްޓެއް..އާރިކް. އެހެން މީހެއް ކަމަށް ހެދިގެން ހުރުމަކީ އަނެއްހެން ބުނަންޏާ ޔޯ ޖޮބް ދޯ..." އޭނަ އަތުކުރީގައިވާ ގަޑިއަށް ނަޒަރު ހިންގައިލިއިރު ދިހަގަޑި ބާރަވީއެވެ. އޭނަ ކޮންމެހެން މަންމައާއި ބައްދަލުކުރަން ބޭނުންނުވަނީއެއްނޫނެވެ. އޭނައަށް ބައްދަލުކޮށް ހަދަންވީގޮތް ނުވިސްނެނީއެވެ. އަދި ގައިމު ވިސްނުމަކަށް ނާދެއެވެ. ނިކްސަން އޭނައާއި ދިމާލަށް ބަލައިލީ އެއް ލޯ ހުޅުވައިލަމުންނެވެ. ފައިސަލާކުރާފަދަ ގޮތަކަށެވެ. "އަހަންނަށް އެނގޭ..."އާރިކް އަމިއްލަ ނަފުސަށް ބުނެލިއެވެ."ފިޑި........" މިފަހަރު ވައިރޯޅީގެ ތޫނު ހަޅޭކުގެ އަޑުން ހީީވީ ހަމަ ގަދީމީ އަދި ރުޅިވެރި މަޚުލޫގެއް ހޭލައިގަތްހެންނެވެ. ގޮބޮޅިވާރޭގެ ސައިލަކާއެކު ތިކިތައް ބިއްލޫރި ދޮރުތަކުގައި ޖެހިގަތެވެ. އެހިނދު ސިކުނޑީގެ ކޮންމެވެސް ދިމާލަކުން ހަނދާންތަކެއް ހޭލަައިގަތެވެ. ކުޑަ ފިރިހެންކުއްޖެކެވެ. ތެމިފޯވެފައެވެ. ކަންފަތުގައި ޖެހުނީ ބޭކާރު ވައުދުތަކެވެ. އެވައުދުތައް ވާރެއާއިއެކުވެގެން ޣަރަގުވެގެން ދިޔައީއެވެ. އޭނަ އަވަސްއަވަހަށް އެ ބައި ސްވިޗްއޮފްކޮށްލީ ކުޅަދާނަ މާހިރެއްފަދައިންނެވެ. އަބަދުވެސް އޭނައަށް ކުރިމަތިވަނީ އެކި އިމްތިހާނެވެ. ނަފްސާނީ މާހިރެއްގެ ގޮތުން އެ ހޮސްޕިޓަލުގައި މަސައްކަތްކުރަން ޖެހުމަކީވެސް ޗެލެންޖެކެވެ. އޭނަގެ ތަނަވަސް ކޮޓަރީގެ ވާޑްރޯބާއި ދިމާލަށެވެ. އަދި ވާރޭކޯޓާއެކު ދޮރުކައިރީގައި ހުރި ބިއްލޫރި ބޯތަށްޓެއްގެ ތެރެއިން އައިޑީ ބެޖްނެގިއެވެ. "ހިނގާބަލަ މި ޒަލްޒަލާއާއި ޑީލްކުރަން.."އޭނަ ވާހަކަދެއްކީ ނިކްސަންއާއެވެ. ވާރެއާއި ފިންޏާއިހެދި ނިކްސަންވެސް އޮތީ ހޫނު ތަންމައްޗަކަށްބޭނުންވެފައެވެ. އެސޮރު އޮތްތަނުން ގުޑާނުލުމުން އެބޯ ކެހެރިގަނޑުގައި ފިރުމައިލިއެވެ. އޭރުވެސް ވާރޭ ވަކި މިސްރާބެއްނެތި ވަޔާއެކު އެކި ދިމާލަށް ވެހޭތަން ފެނުނެވެ. އެއީ ކުޑައެއް ހަމަ މުޅިން ބޭކާރު އެއްޗަކަށް ހަދައިލާ އަދި ޕާކިން ސަރަހަދެއްވަރުގެ ތަންކޮޅެއްގައި ދިރިއުޅެން ނިންމުންފަަދަ ހަޔާތުގެ މުހިއްމު ފިޔަވަޅުތަކާއ ސުވާލުކުރެވޭފަދަ ވާރެއެކެވެ. ދަށް އުޑުން ގުގުރިއެއް ޖެހިތަނާހެން މާމަ ގަމަރިއްޔާ އޭނައަށް ނަން ނޭގޭ ކާއެއްޗެއް ދިއްކޮށްލިއެވެ. މާމަގެ ނަޒަރުން ހީވަނީ މި ނުކައިފިއްޔާ މަރުވިޔަސް އަބަދަށް އަވަލައިގެން އުޅޭނަމޭ ބުނާފަދަ ނުރައްކާތެރިގޮތެކެވެ. "ދާނަމޭ މާމާ.......ކޮންމެވެސް އިރަކުން...."އާރިކް ބުނެލިއެވެ. "މިހާރު ދާނީ..."މާމަގެ ރާގުގައިވީ އަމުރުވެރިގޮތެކެވެ."ހިނިތުންވާންވެސް ޖެހޭނެ. އެއީވެސް ސަދަގާތެއް... އަދި އެ ނިކަމެތި އަންހެނާއަށް އޯގާތެރިވާންވާނެ؟" "ކޮން ނިކަމެތި މީހެއްގެ ވާހަކަ މާމަ ތިބުނީ؟" "އާރިކްގެ މަންމަ..."މާމަ ސާދާގޮތަކަށް ބުނެލިއެވެ. "ޢާހް...."އޭނަ ބުނެލިއެވެ. "ރަގަޅު..." "ކޮންމެ ގޮތެއްވިޔަސް މައިމީހާއައިމެދު ދަރިން ކަންތައްކުރަންވާނީ ހެޔޮކޮށް.ސަބަބަކީ ﷲ އެކަމަށް އަމުރުކުރައްވާފައިވާތީ..މާމައަށްވެސް ނޭގެނީއެއްނޫން. ވިސްނޭ...އެކަމަކު ކޮންމެ ކަމެއްގެ ފަހަތުގައި ސަބަބެއް އޮވެދާނެ..އާރިކް..މަންމަ އެއްލައިލިކަމުގައި ވިޔަސް މިއަދު މަންމަ ވަނީ ދަރިފުޅުގެ ހިމާޔަތުގައި...މަންމަ އާރިކްގެ ހޮސްޕިޓަލަށް އައުމަކީ އިއްތިފާގެއްނޫން..." ގަޑިއެއްހާއިރު ފަހުން އާރިކް އޭނަގެ ކާރުގައި މާލޭގެ ފެން ހެދިފައިވާ މަގުތަކުގައި ދުއްވަމުން ދިޔައެވެ. އޭނަ އަޑުއަހަމުން ދިޔައީ ގުރުއާނެވެ. އޭނަގެ ހިތާއި ސިކުނޑިއަށް އަމާންކަމާއި ހިތްހަމަޖެހުން ލިބެނީ ﷲގެ ވަހީ ބަސްފުޅުތަކުންނެވެ. އިރުކޮޅެއްވާންދެން ވެނިސްފަދަ ތަނަކަށް ހަދަން ވަރަށް މަސައްކަތްކޮށްފައި ވާ ތަނެކެވެ. ތަންކޮޅެއް ބޮޑުވެފައި އަޑުމަޑުވެސް ޕާކިންގެ ޚިދުމަތް ރަގަޅުނަމައެވެ. ކުރިމަތިން "ދަ ވިލެޖް"ގެ އިމާރާތްތައް ފެންނާންފެށިއެވެ. އެއީ އޭނަގެ ބައްޕަ މިނިސްޓަރ ފުރުގާންވެސް ފަންޑުކޮށްގެން ހިންގާ ތަނެކެވެ. ޝަޚުސިއްޔަތުގައި ހުންނަ ހިތްދަމައިގަންނަގޮތް ބޮޑުކަމުން ޖަލުގައި އޮވެގެންވެސް އިންތިޚާބެއް ކާމިޔާބުކުރާނެފަދަ މީހެކެވެ. އޭނަ ދުވަހަކުވެސް ޖަލަށްދާނެ ވާހަކައެއްނޫނެވެ. އެއަށްވުރެ މާ މުއްސަދި ފަސްބައި ސާފު އަދި ރީތިކޮށް ހެދުން އަޅާ މީހެކެވެ. އާރިކް އާއްމުކޮށް ޕާކުކުރާ ތަނުގައި ކާރު ބާއްވާފައި ދޮރު ހުޅުވައިލިއެވެ. ވިދުވަރުގެ އަލިން ހީވީ އުޑު ފަޅައިގެން ދިޔަހެންނެވެ. ވާރޭވެހެމުންދާތީ އޭނަވެސް ތެމޭގޮތްވިއެވެ. ނަރުސްކުއްޖަކު އަޅާ އިތިކޮށް ދުވެފައިދިޔައީ ބޮލުގައި ކޮތަޅެއް އަޅައިގެންނެވެ. އޭނަ ހޮސްޕިޓަލުގެ ރީހެބް ބަޔަށް ވަނުމާއެކު ނޭފަތުގައި ޖެހުނީ ތެތް އިސްޓާކީނާއި އެންޓިސެޕްޓިކް ވަހެވެ. ޖެނެރޭޓަރުގެ އަޑު އަންނަގޮތުން އޭތި ގޮވާފާނެކަހަލައެވެ. އަލާނާ ހުރީ އެލެވޭޓަރު ކައިރީގައި އިންތިޒާރުގައެވެ. ދެކޮފީއާއިއެކު އަލިފާން ނިއްވާ ފުޅިއެއް ހިފައިގެންނެވެ. "އާދެވިއްޖެ ދޯ..."އަލާނާ ކޮފީއެއް ދިއްކޮށްލިއެވެ. "ވިހަ އަޅާފައިތަ؟" "ވަރަށް ކުޑަ މިންވަރެއް..ހިތް ކުޑަކޮށް ހުއްޓުވައިލާގޮތަކަށް އެކަމަކު މެޝިންގައި ސައިނައިޑް ހުސްވެފައި ހުރީ.." އޭނަ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އޭނަގެ ކޮފީއަށްވުރެ ރަހަ މީރެވެ. ދެމީހުން އެކީގައި ހިނގާފައި ދިޔައިރު އެންމެންހެން ތިބީ ގްރޫޕް ތެރަޕީގައެވެ. ނޫނީ ފިނިކަމުން އަރާމުކުރަން އެނދުގައެވެ. ހަމައެކަނި ހަލަބޮލިކަމުގެ ރާނީ ފިޔަވައެވެ. އެމީހަކީ އޭނަގެ މަންމަ ޖެނީފާއެވެ. ސާދަ ވަނަ ކޮޓަރީގެ ކައިރިއަށްގޮސް އަލާނާގެ ފިޔަވަޅުތައް ހުއްޓުނެވެ. "ޔަގީން އެތެރެއަށް ވަންނަން ރެޑީކަން؟ ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ.." ނޫން..ދަމާ ހިނގާ.."އާރިކް ދޮރު ހުޅުވާލާފައި އެތެރެއަށްވަންއިރު މަންމަ އިނީ ދެފައި ވަށްކޮށްލައިގެން އެނދުމަތީގައެވެ. އަތުގައި އޮތް މަޖައްލާއޮތީ އެކޮޅުކޮޅުންނެވެ. "ހާދަ ލަހުން ތިއައީ؟ ޖެނީފާ ބަލާނުލައެވެ."އަހަރެން ހީކުރީ އަހަރެން ދޫކޮށްލީކަމަށް...އޯ..ރަގަޅަކަށް ނޫން މިބުނީ. އެއީ އަހަރެން ހެދިގޮތް..." "ގުޑް މޯނިން ޓު ޔޫ ޓޫ...."އާރިކް ބުނެލިއެވެ. "އަހަރެން ނަރުހަކާއި ދިމާލަށް ކާށްޓެކޭ ބުނިން...އެއީ ރަގަޅު ނަމެއް...އޭނަ ހަމަ ޒިންމާތަކުން ރެކިގެން ކާށްޓެއްހެން ފުރޮޅެމުން ދިޔައީ......." "ސްޓާފުންނަށް ޖެއްސުންކުރާކަށް ނުވާނެ.." "ޖެއްސުމެއްނޫން ކުރީ...ބަލިދެނެގަތީ..އެއީނު ކަލޭމެން ކުރާކަމަކީ.." އަލާނާ އަށް ބާރު ނޭވާއެއް ދޫކޮށްލެވުނެވެ. އެފަދަ އެއްވެސް ނުރުހުމުގެ އަމަލެއް ނުދައްކަން ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކޮށްލައިގެން ހުއްޓައެވެ. އާރިކް އޭނަގެ މަންމަ ގާތަށް ހިނގައިގަތީ ޑޮކްޓަރ ކޯޓުގެ ޖީބަށް އަތް ޖަހާލައިގެން ހުރެއެވެ. އޭނަގެ މަންމަ މިތަނަށް އައިއިރު ހާލަތު ވަރަށް ގޯސްވިޔަސް މިހާރު ރަގަޅުކަމަށް ވެއެވެ. ކުރިން އެހާވަރަށް ތުރުތުރުއަޅާފައި އެއްވެސް ވަރަކަށް ސަމާލުކަމެއް އެހެން ކަމަކަށް ނެތެވެ. ނަމަވެސް އަދިވެސް ހަމައެހާ އަނގަ ގަދައެވެ. ޖެނީފާގެ މިޒާޖުގެ ބަޔެކެވެ. "ކަލޭ ބައްޕައާއި ވަަރަށް ވައްތަރު...." ޖެނީފާ ބޯ އަރިކޮށްލަމުން މަޑުމަޑުން ބުނެލިއެވެ. "މިހާ ހެނދުނު ލައުނަތް ނުދިނިއްޔާ ރަގަޅީ...." "ވަރަށް ޖަޒުބާތީވެފައި.....ރަގަޅު ޖަވާބެއް......"ޖެނީފާ ހިނިގަނޑެއް ޖަހައިލިއެވެ. "މިތަނުގައި.....ހަމަޖެހިގެން އުޅެވޭވަރުވެއްޖެ؟" "މިއީ ފަސްތަރީގެ ހޮޓަލެއްނޫން އެކަމަކު މިއަށްވުރެ ނުބައި ތަންތަން ދެކެފިން...އެއްފަހަރު މަހިބަދޫގެ މަސްމާރުކޭޓެއްގެ ބިއްދޮށުގައި ހުރި ގުދަންގަނޑެއްގައި އުޅުނިން. އެކަމަކު އެތަނުގެ ވަސްގަނޑުވެސް މިއަށްވުރެ ރަގަޅު...." "އަހަރެމެން މިތިބީ އެހީތެރިވާން..."އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އޯ ހަނީ.....އެހެނެއްނޫން..ތިއައީ ކުށުގެ އިހުސާސް މެޑިކަލް ޑިގްރީއަކަށް ތަރައްގީވީމަ..." ޖެނީފާ އެއްލޯ މަރައިލިއެވެ. އަލާނާ އާރިކްއާއި ގާތަށް ޖެހިލިއެވެ." ތެދަށް ބުނަންޏާ ހަމަ އައިކޮނިކް ދޯ..." "އިތުރަށް އެހީތެރިނުވެބަލަ."އޭނަ ކިޔައިލިއެވެ. އިރުކޮޅެއްފަހުން ދެމީހުން އެތަނުން ނުކުތީ ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށްފަހު ހުސް ވައުދުތަކާއެކު އެއްބާރުންދޭނެކަމަށް ބުނުމުންނެވެ. "އަހަރެން މާދަން ސެޝަންއަށް ގެންދެވޭތޯ ބަލާނަން..ފަހަރެއްގައި އެހެން މީހުންނާއި ގުޅިގެން ވާހަކަދައްކަފާނެ. އަމިއްލަ އަޑުދެކެވެސް ރުހޭ ކަނބަލެއްހެން ވަރަށް ހީވޭ..ކޮންތަނަކުން ކަމެއްވެސް ނޭގޭ އެ ތޫނު އަޑު ލިބުނީ..." އާރިކް އޭނަގެ އިސްތަށިގަނޑުގެ ތެރޭގައި އިނގިލިތައް ހިންގައިލިއެވެ. އަދިވެސް އޮތީ ތެތްކޮށެވެ. ވާރޭކަމެއް ދަލުގެ ތިކިތައްކަމެއް ނޫނީ ސްޓްރެސް ކަމެއްވެސް ނޭގުނެވެ. "އަހަރެން ގާތު ބުނެލައްޗޭ ފިލައިގެން ދާން އުޅެންޏާ ނޫނީ އެހެން މީހަކު ކަރަންޓުގައި ޖައްސަން އުޅެންޏާ..ނޫނީ ބަޔޯގްރާފީ ލިޔަންޏާ..." "ހަތަރު ހަފްތާވަންދެން ލިޔުން މަނާކޮށްފައި އޮތީ..."އަލާނާ ބުނެލިއެވެ.'ފަރުވާދިނުމުގައި އޮންނަ އުސޫލުކަމަށްވަނީ.." އާރިކް ވިސްނައިލިއެވެ. އޭނައަށް ނިކްސަންއާއެކު ގޭގައި މަޑުކުރެވުނުނަމައެވެ. *** ވާރޭ އަނެއްހެން އެއްކޮށް ހުއްޓާލި އެންމެ ސިކުންތުކޮޅެއްެސް ނާދެއެވެ. އެކިގޮތްގޮތަށް މީހުން ރުޅިއަރުވާ އުދަގޫކުރާނެ އާ ގޮތްތައް ވާރޭވެސް ދަސްކުރީކަހަލައެވެ. މިސްކިތުގެ ފުރާޅުގައި ތޫނު ކުރަކި ތިކިތައް ތަޅާ އަޑު އެތަނުގައި ހަރުލާފައިވާއިރު ކުދި ފެންކޮޅުތައް ކުދި ކޯރުތަަކެއްހެން މާލޭގެ މަގުތަކުގެ ދެފަރާތުގައުި ދެމެމުން ދިޔައެވެ. ޑޮކްޓަރ އާރިކް ހޫޑް ބޮލުގައި އަޅުވައިލުމުން އެ ތުނި ފޭރާމުން ކޮންމެވެސް ވަރަކަށް ވާރޭއިން ސަލާމަތްކޮށްދިނެވެ. މިސްކިތް ހުރީ މާމަގެ އެޕާޓްމެންޓާއި ދިހަވަރަކަށް މިނިޓުން ފައިމަގުގައި ދެވޭހާ ދުރުމިނުގައެވެ. މި މޫސުމްގެ ސަބަބުން ހައްޖުގެ އަޅުކަމަށް ދެވުނުފަދައެވެ. އެތެރޭގެ ވައި ފިނިވެފައި ދުންދަނޑިއާއި ދުވަސްވީ ކުނާތަކުގެ ވަސް ހިފާލާފައިވިއެވެ. އިމާމްގެ އަޑު ތަންކޮޅެއް ހަރުވިއެވެ. ކިޔަވަމުން ދިޔައީ އޭނަވެސް އެތައް ފަހަރު އަޑުއަހާ ހިތުދަސްކޮށްފައިވާ މޫރިތި އާޔަތެކެވެ. ނަމާދު ނިމުމުން ތަބެއްގެ ކައިރިން ތަންކޮޅެއް ނަގައިގެން އޭނަ އިށީދެ ދުޢާކުރަންފެށީ އޭނަގެ މާމައަށެވެ."ޔާﷲ...މާމައަށް ރަހުމަތްލައްވާދޭވެ.. ސިއްހަތާއި އާފިޔާ އަދި ކެތްތެރިކަން ދެއްވާދޭވެ...މާމަގެ ބޭރުފުށުގައި އުތުރުއަރަމުންދާ ތޫފާނާއި ހިތުގައިވާ ތޫފާނުންވެސް ހިމާޔަތްކުރައްވާދޭވެ.." އާރިކްއަށް ނޭގެނީ އަމިއްލަ ނަފުސަށް ދުޢާކުރުމަށެވެ. ވާރޭ ތެރެއަށް ނުކުމެފައި އޭނަ ކޯޓު ތަންކޮޅެއް ގަޔާއި ކައިރިއަށް ދަމައިލިއެވެ. މާމަ އިންޒާރުދީފައި އޮތީ އެއްވެސް ގޮތަކަށް އަރިދަފުސް ރޯގާއިން ދުރުވުމަށެވެ. އެކަމަކު އޭނަގެ އެއްވެސް ކަމެއްކޮށްދޭކަށް މާމަ ނޫޅެއެވެ. އެކަމކަު މާމަވެސް ކަންތައްކުރާނެ އުކުޅުދަނެއެވެ. ހޮސްޕިޓަލުގައި ބަހައްޓާފައި ހުރި އިންޖީނު އަޑު ލައްވަމުން ދިޔައީ މަރުވަމުންދާ ޖަނަވާރެއްހެންނެވެ. އަލާނާ ހުރީ ދޮރުމަތީގައި އިންތިޒަރުގައެވެ. ވިދާ ރީދޫކުލައިގެ ވާރޭކޯޓެއްގައި ރަބަރު އަސްދޫންޏެއް ހިނގާފަދައެވެ. "ގުޑް މޯނިން...."އަލާނާ ހީވީ ލަވައެއް ޖަހައިލިހެންނެވެ."މިއަދަށް ރެޑީތަ؟" ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ