ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ނޭޕާލް 3 އަންހެނަކު ހިމެނޭހެން 7 ބިދޭސީން ހައްޔަރުކޮށްފި
ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ ތިން އަންހެނަކު ހިމެނޭހެން ހަތް ބިދޭސިއަކު މާލޭން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި ހަތް މީހުން ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޔުނިޓުން މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ ހިންގި އޮޕަރޭޝަންތަކެއްގައި ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 24 އަހަރުގެ ނޭޕާލް ފިރިހެނަކާއި އެ ގައުމުގެ 31 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކުރިއެވެ. އަދި, އިއްޔެ ބަންގްލަދޭޝްގެ 32 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެއް ހައްޔަރުކުރިއެވެ. މީގެ ތެރެއިން ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ އެޕާޓްމެންޓެއް ބަލައިފާސްކުރުމުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ބައިލީޓަރުގެ 29 ފުޅިއާއި ފަސް ލީޓަރުގެ ފުޅިއަކާއި ތިން ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި, ނޭޕާލަށް ނިސްބަތްވާ ހަތަރު މީހުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ގެންދަނީ ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ