ދިވެހި ޕްރިމިއާ ލީގު: އީގަލްސް އިން އޮޑި ހުއްޓުވައިފި ދިވެހި ޕްރިމިއާ ލީގު: އީގަލްސް އިން އޮޑި ހުއްޓުވައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް އީގަލްސް އިން 0-0 އިން އެއްވަރުކޮށް، އޮޑި ސްޕޯޓްސް ކްލަބުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ހުއްޓުވައިފި އެވެ.
މި މެޗުން ދެ ގޯލުގެ ފަރަގަކުން މޮޅުވެގެން ލީގުގެ އެއް ވަނަ އަށް އެރެން އޮތް އޮޑި އަށް ލިބުނު ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޮޑި އަށް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހަތަރު މިނިޓް ތެރޭގައި އޮޑިން ވަނީ ގޯލެއް ޖެހުމާ ވަރަށް ގާތަށް ޖެހިލައިފަ އެވެ.
އެ ގޮތުން، މެޗުގެ ދެ ވަނަ މިނިޓްގައި، އޮޑީގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރައި، އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓް ފަހުން، އޮޑީގެ ހަންގޭރީ މިޑްފީލްޑަރު، ބާނަަބާސް ޓޯތު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އޮޑީގެ މުޒްދާން އަތުން ބޯޅަ ހޯދަން އީގަލްސްގެ އަބްދުއްރަހީމް މަސައްކަތްކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
މެޗުގެ 18 ވަނަ މިނިޓްގެ ފަހުން، އީގަލްސްގެ ދެ ހަމަލާއެއް ގާތްގާތުގައި ފޮނުވާލި އެވެ. އޮޑީގެ ފަހަތުން ދޫވި ދެ ބޯޅައެެއް ހޯދައި، އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަތައް އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފަށް ކުޅެން އަރައި، އޮޑިން ކުރިއަށް ވުރެން ބޮޑަށް އެޓޭކަށް ޖެހިގެން ކުޅެ، ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު، އޮޑިން ފޮނުވާލި ހަމަލާތައް މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު އަޝްވާން ދިޔައީ މަތަކުރަމުންނެވެ. އެ ގޮތުން، އޮޑީގެ އިއްބެ އާއި ލިތުއޭނިއާގެ ފޯވާޑް، ކަރޮލިސް ލައުކްޒެމިސް ފޮނުވާލި ޝޮޓްތައް ކީޕަރު އަޝްވާން ވަނީ ހުއްޓުވައިފަ އެވެ. އަދި، ބަދަލަކަށް ކުޅެން އެރި، އިބްރާހިމް އިމްރާން (އިންމި) ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ.
އޮޑީގެ ޑިފެންސްލައިންތެރެއިން ދޫވި ބޯޅަތަކެއް ހޯދައި އީގަލްސް އިން މި ހާފުގައި ވެސް ރަނގަޅު ހަމަލާތައް ފޮނުވާލި އެވެ. އެ ގޮތުން، ރިޒޭ އާއި އިސްމާއިލް އީސާ (މެސީ) ފޮނުވާލި ހަމަލާތައް ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 87 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި އޮޑީގެ ފުލްބެކް، އަހުމަދު އައިހަމް (އައިހު) އޭރިއާތެރެއަށް ވަދެ، ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އީގަލްސްގެ ކޯޗުގެ ޒިންމާއާ ހަވާލުވި އަބްދުﷲ ހަނީފް (ބެންޖޯ)ގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދިއިރު، މިއީ މި ފަހަރުގެ ލީގުގައި އީގަލްސް އެއްވަރުވި ދެ ވަނަ މެޗެވެ. އީގަލްސް އަށް އަދިވެސް މި ސީޒަނުގައި މޮޅެއް ލިބިފައިނުވާއިރު، ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ